ފ. ބިލެއްދޫގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 5،000ރ. ގެ ފީއެއް ނެގުމަށާއި ރަށްވެއްސަކަށް ވާ ނަމަ 2،500ރ. ގެ ހަދިޔާއެއް ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ. 

ބިލެއްދޫ ކައުންސިލުން މި މަހުގެ އެއްވަނަ ދުވަހު ބޭއްވި އާންމު ޖަލްސާގައި ނިންމާފައި ވަނީ ރަށުގެ ރަށްވެހިކަމުން ވަކިވާން އެދި ހުށަހަޅާ މީހުންގެ އަތުން 5،000ރ. ގެ ފީއެއް ނެގުމަށެވެ. އަދި އެހެން ރަށެއްގެ ދަފްތަރުން ކެނޑިގެން އެ ރަށުގެ ރަށްވެހިކަމުގެ ދަފްތަރުގައި ހިމެނުމަށް އެދި ހުށަހަޅާ މީހުންނަށް 2،500ރ. އެލަވަންސެއް ހަމަޖެއްސުމަށް ވެސް ވަނީ ނިންމައިފަ އެވެ. 

އެ އެލަވަންސް ދިނުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކައުންސިލްގެ ބަޖެޓަށް އެ "އެކްޓިވިޓީ" އިތުރުކުރުމަށާއި މި މަހުން ފެށިގެން އެ ނިންމުމަށް އަމަލުކުރަން ކައުންސިލްގެ އާންމު ޖަލްސާގައި ވަނީ ނިންމައިފަ އެވެ. 

އެންމެފަހުގެ ބޯހިމެނުމުގައިވާ ގޮތުން ބިލެއްދޫގެ އާބާދީއަކީ 967 އެވެ. 

ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނުގައިވާ ގޮތުން، މީހަކު ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ރަޖިސްޓްރީ ބަދަލުކުރުމުގެ ޝަރުތު ހަމަވެ، އޭނާ ބަދަލުވާން އެދޭ ރަށަށް ރަޖިސްޓްރީކޮށްދިނުމާ އެކު އޭނާ ކުރިން ރަޖިސްޓްރީކޮށްފައި އޮތް ރަށުގެ ރަޖިސްޓްރީން އުނިކުރުމަކީ ގާނޫނީ ގޮތުން އެ ރަށަކުން ކުރަން ޖެހޭ ކަމެކެވެ.

ޅ. ހިންނަވަރުގެ އާބާދީ މަދުވިޔަ ނުދޭން އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 2،000ރ.ގެ ފީއެއް ނަގާ ގޮތަށް އެ ރަށު ކައުންސިލުން ވެސް މިދިޔަ މަހު ނިންމާފައިވެ އެވެ.