ސަރުކާރުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކާމިޔާބުކޮށް، ބޭނުންވާ ކުރިމަގު ލިބޭނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކަށް ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ. 

މާލޭގެ އަންހެނުން ކުރިއަރުވާ ކޮމިޓީގެ ރައީސް ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާންގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ އަންހެނުން ކުރިއަރުވާ ކޮމިޓީގެ މެންބަރުންނަކީ ދާއިރާގެ ރައްޔިތުންނާ އެންމެ ގާތުން ބައްދަލުވެ، އެ މީހުންގެ އިހުސާސްތައް އެންމެ ގާތުން އެނގޭނެ ބޭފުޅުން ކަމަށެވެ.

އެހެންކަމުން، ކައުންސިލްތަކާ ހަމައަށް ރައްޔިތުންގެ ވާހަކަތައް ގެންދަން ވެސް އެންމެ ފަސޭހަވާނީ އެ ކޮމެޓީގެ ބޭފުޅުންނަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ. 

އަލައިކާގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިރޭ ބޭއްވި ހަފުލާ އަށް ފަސްޓް ލޭޑީ ސާޖިދާ ވަޑައިގެން މެމްބަރު އަސްމާއާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީއެންސީ
އަލައިކާގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިރޭ ބޭއްވި ހަފުލާ އަށް ފަސްޓް ލޭޑީ ސާޖިދާ ވަޑައިގެން މެމްބަރު އަސްމާއާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީއެންސީ

"ގިނަ ފަހަރު އަޅުގަނޑަށް ވެސް އަންހެން ބޭފުޅުން ކައިރީގައި ބުނެލަން ބޭނުންވާ ވާހަކަތައް ބުނެލަން ފަސޭހަވޭ. ހިއްސާކުރަން ފަސޭހަވޭ. އެހެންވީމާ އެންމެ ގާތުން ރައްޔިތުން ދިރިއުޅެމުންދާނެ ގޮތް ދެކޭނެ އަދި ފެންނާނެ ބޭފުޅުންނަކީ ކޮމިޓީގެ ބޭފުޅުން ކަން ޔަގީން،" ފަސްޓް ލޭޑީ ވިދާޅުވި އެވެ. 

އެހެންކަމުން އެ ކޮމިޓީއަށް ހޮވާ ބޭފުޅުން ވާން ޖެހޭނީ ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ބަޔަކަށް ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ. އަދި އެ ގުޅުން ގުޅުވޭނީ ސަރުކާރާ އެކު މަސައްކަތް ކުރާ ބަޔަކަށް ކަމަށާއި އެ ބަޔަކީ ޕީއެންސީގެ ކެންޑިޑޭޓުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

 އަލައިކާގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިރޭ ބޭއްވި ހަފުލާ އަށް ފަސްޓް ލޭޑީ ސާޖިދާ ވަޑައިގެން މެމްބަރު އަސްމާއާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީއެންސީ

އަލައިކާގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިރޭ ބޭއްވި ހަފުލާގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީއެންސީ
އަލައިކާގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިރޭ ބޭއްވި ހަފުލާގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީއެންސީ

"ޕީއެންސީގެ ކެންޑިޑޭޓުންނަށް ތިޔަ ބޭފުޅުން ވޯޓު ދެއްވާ. އެހެން ނޫނީ ސަރުކާރާއެކު މި އެކުވެގެން މަސައްކަތެއް ނުކުރެވޭނެ. އޭރުން އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރެވޭނީ، އަޅުގަނޑުމެން ބޭނުންވާ މަގަށް ކުރިއަށް ދެވޭނީ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.