ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން، ލިއޮނަލް މެސީގެ  ބައްޕަ ހޯހޭ މެސީ މަރުވެއްޖެ އެވެ. 

އުމުރުން 68 އަހަރުގައި ހޯހޭ މަރުވީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ މަރުވީ އާޖެންޓީނާގެ ރޮޒާރިއޯގައި ހުންނަ މެޑިކަލް ސެންޓަރެއްގައި އޭނާ އަށް ފަރުވާދޭތާ، ދުވަސްތަކެއް ފަހުންނެވެ. 

ވޯލްޑް ކަޕަށް ފަހު، ޗުއްޓީ އަށް ދިއުމުގެ ބަދަލުގައި މެސީ ދިޔައީ އޭނާގެ ބައްޕަ ކައިރިއަށެވެ. އެ އާއިލާ އެކު ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު މިހާރު އޭނާ ވަނީ، އިންޓަ މަޔާމީއާ ގުޅިފަ އެވެ. 

ހޯހޭ މަރުވި އިރު އޭނާ ކައިރީގައި ތިބީ އޭނާގެ އަންހެނުންނާއި އެ ދެމފަރިންގެ ހަތަރު ދަރިންގެ ތެރެއިން އަނެއް ތިން ކުދިންނެވެ. އެއީ ރޮޑްރިގޯ އާއި މަޓިއަސް އަދި މާރިއާ ސޮލް ކަމަށް އާއިލާއިން ބުންޏެވެ. 

ހޯހޯއަކީ، މެސީގެ އެޖެންޓެވެ. އޭނާގެ ފުޓްބޯޅަ ކެރިއާގެ ގިނަ ނިންމުންތަކެއް ނިންމީ ހޯހޭގެ ބެލުމުގެދަށުންނެވެ. 

"އެންމެ ކުޑައިރުން ފެށިގެން އަބަދުވެސް ބޭނުންވީ ކޮންމެކަމަކަށް ވެސް ބައްޕަގެ  ހުއްދަ ލިބިގެން ކުރަން. ކޮންމެ މެޗަކަށް ފަހު ވެސް އަހަރެން ކުޅުނު ގޮތާ މެދު ބައްޕަ ދެކޭގޮތް އަހާލަން،" މެސީ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. 

މެސީ އެންމެ ފުރަތަމަ ކުޅުނު ކްލަބަ، އާޖެންޓީނާގެ ނިއުލްސް އޯލްޑް ބޯއިސްއިން ވަނީ ހޯހޭގެ މަރާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ. 

"އޭނާ [ހޯހޭ] ގެ މެދުކެނޑުމެއްނެތް އެކުވެރިކަމާއި ފަރުދާގެ ފުރަގަހުން ދެއްކި ލީޑަޝިޕަކީ ލިއޮނަލްގެ ކޮންމެ ފިޔަވަޅަކަށް އެހީތެރިވެދިނުމުގައި ކޮންމެހެން ބޭނުންވި ކަންކަން،" ސޯޝަލް މީޑިއާގައި، އެ ކްލަބުން ބުނެފައިވެ އެވެ. 

މެސީ އެންމެ ގިނަ ދުވަހު ކުޅެ ކެޕްޓަންކަން ކުރި ބާސެލޯނާއާ އެންމެ ވާދަވެރި ކްލަބް ރެއާލް މެޑްރިޑުން ވެސް ވަނީ ހޯހޭގެ މަރާ ގުޅިގެން، މެސީގެ އާއިލާ އަށް ހާއްސަކޮށް ތައުޒިޔާގެ ބަޔާނެއް ނެރެފަ އެވެ. 

އެ ކްލަބުން ބުނީ މެސީގެ ބައްޕަގެ މަރުގެ ޚަބަރުން ރެއާލް ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި ބޯޑު މެންބަރުން ހިތާމަކުރާ ކަމަށެވެ.

"ރެއާލް މެޑްރިޑްގެ ފަރާތުން ލިއޮނަލް މެސީ އަށާއި އޭނާގެ އާއިލާ އަދި ލޯބިވާ އެންމެހާ ފަރާތްތަކަށް އިހްލާސްތެރި ތަޢުޒިޔާ ފޮނުވަން،" ރެއާލްގެ ބަޔާނުގައި ބުނެފައިވެ އެވެ.