މައިގްރެއިންގެ ވޭން ކުރިމަތިވުމުން އިރުގެ ގަދަ އައްޔަކީ އިތުރު ވޭނަކަށްވެ އެވެ. އެކަމަކު މައިގަނޑު ގޮތެއްގައި އަވިން ލިބޭ ވިޓަމިން ޑީ ހަށިގަނޑުން މާ ބޮޑަށް މަދުވުމަކީ މައިގްރެއިން އަދި ބޮލުގައި ރިހުމުގެ އެހެން ވޭންތައް ވެސް އިތުރުވާ ކަމެކެވެ.

ވިޓަމިން ޑީ މަދުވުމުން ދިމާވާ ކަމަކީ ކަށިތައް ބަލިކޮށްލާ ބައްޔެއް ކަމަށްވާ "ރިކެޓްސް" އާ ކުރިމަތިވުން އެކަނި ކަމަށް ކުރިން އޮންނަނީ ބެލެވިފަ އެވެ. އެކަމަކު މިހާރު އަލަށް ލިބިފައިވާ ހެކިތަކުން އެނގޭ ގޮތުގައި ވިޓަމިން ޑީ މަދުވުމަކީ މުޅި ހަށިގަނޑަށް ގެއްލުމެކެވެ. ސިކުނޑި އަށް ވެސް ގެއްލުންވެ އެވެ.

ވިޓަމިން ޑީ އާ މައިގްރެއިންއާ ހުރި ގުޅުމަކީ ކޮބައިތޯ ބެލުމުގެ ދިރާސާތައް ވެސް ދަނީ ކުރިއަށެވެ.

އެމެރިކަން ހެޑޭކް ސޮސައިޓީގެ ބައްދަލުވުމަކަށް ހުށަހެޅި ދިރާސާ ރިޕޯޓެއްގައިވާ ގޮތުން މައިގްރެއިން ހުންނަ މީހުންގެ ތެރެއިން 40 ޕަސެންޓް މީހުންނަކީ ހަށިގަނޑުގައި ހުންނަންވީ ވަރަށް ވުރެ ވިޓަމިން ޑީ ދަށް މީހުންނެވެ. އަދި ވިޓަމިން ޑީ މަދު މީހުންނަށް އުމުރުގެ ކުރީކޮޅު މައިގްރެއިންގެ ވޭނާ ކުރިމަތިވާން ފަށާ ކަމަށް ވެސް ދިރާސާ އިން ވަނީ ހާމަވެފަ އެވެ.

ޖާނަލް އޮފް ހެޑޭކް ޕެއިންގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި އީކުއޭޓާގެ އުތުރަށް ގައުމު ނިސްބަތްވި ވަރަކަށް އެ ގައުމުތަކުގައި މައިގްރެއިންގެ މީހުން ގިނަ ކަމަށް ފާހަގަވެފައިވެ އެވެ. މާނަ އަކީ މޫސުމާ މައިގްރެެއިންއާ ގުޅުން ހުރުމެވެ. މައިގްރެއިން މައްސަލަ ގިނަ ކަމަށް ފާހަގަވެފައިވާ ސަރަހައްދުތަކަކީ އަވި މަދު ގައުމުތަކެވެ. އަވި ލިބުން މަދުވި ވަރަކަށް، ވިޓަމިން ޑީ މަދުވުމުގެ މައްސަލަ ވެސް އާންމުންގެ ތެރޭގައި ގިނަވާނެ އެވެ.

މީގެ އިތުރުން، ބޮލުގައި ރިހުމަށް މެދުވެރިކުރުވާ ސަރަހައްދުތައް ވެސް ހިމެނޭ ގޮތަށް، ސިކުނޑީގެ އެކި ސަރަހައްދުތަކުގައި ވިޓަމިން ޑީ ރިސެޕްޓާތައް ހުންނަކަން ވަނީ އެނގިފަ އެވެ.

މި ކަންކަމަށް ބަލާއިރު ވިޓަމިން ޑީ އަކީ ބޮލުގައި ރިހުމަށް އަދި ހާއްސަކޮށް މައިގްރެއިން އަށް ފަރުވާއަކަށް ވެދާނެ ކަމަށް ބެލެވޭ ކަންކަން އެބަހުއްޓެވެ. އަދި ރިސާޗަރަކު ވަނީ ވިޓަމިން ޑީ އާއި ކެލްސިއަމްގެ ފަރުވާއެއް ދީގެން، ދެ އަންހެނެއްގެ މައިގްރެއިން އަށް ކާމިޔާބުކަމާ އެކު ފަރުވާކޮށްފަ އެވެ. އެކަމަކު މިއީ އަދި އިތުރަށް ބަލައި ދިރާސާކުރަންޖެހޭ ކަމެއްކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.