ތައިލެންޑްގައި ރެސްޓޯރަންޓެއް ހިންގަމުން ދިޔަ ދެ މީހަކު އެޑްވާންސްކޮށް ކަސްޓަމަރުންތަކެއް އަތުން ފައިސާ ނަގައި، ބޮޑު އޮޅުވާލުންގަނޑެއް ހިންގި މައްސަލައެއްގައި 1،446 އަހަރަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ބުދަ ދުވަހު ހުކުމްކޮށްފި އެވެ.

އާންމުކޮށް ތައިލެންޑްގައި މަކަރާއި ހީތަލަތު މައްސަލަތަކުގައި އިއްވަނީ ގިނަވެގެން 20 އަހަރުގެ ޖަލު ހުކުމެވެ. އެކަމަކު ދެހާސް ސަތާރަ ވަނަ އަހަރު ވެސް ހީލަތުގެ މައްސަލައެއްގައި މީހަކަށް 13،275 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.

މި ފަހަރު އިއްވި މަކަރާއި ހީލަތުގެ މައްސަލާގައި ދިގު މުއްދަތަކަށް ޖަލަށްލާން ހުކުމް ކުރުމުގެ އިތުރަށް ރެސްޓޯރަންޓް ހިންގި ކުންފުނި ލައެމްގޭޓް އިންފިނިޓް 1.8 މިލިއަން ބާތުން ޖޫރިމަނާކޮށް، ގެއްލުން ލިބުނު މީހުންނަށް 2.5 މިލިއަން ބާތު ރިފަންޑްކޮށްދޭން ވެސް ހުކުމްކޮށްފައިވެ އެވެ.

ސީފުޑަށް ހާއްސަ ރެސްޓޯރަންޓެއް ކަމަށްވާ ލައެމްގޭޓް ސީފުޑް ރެސްޓޯރަންޓުން މިދިޔަ އަހަރު އޮންލައިންކޮށް އެތައް ކަސްޓަމަރެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އޮޅުވާލައި، ފަހުން ވަނީ ރެސްޓޯރަންޓް ބަންދުކޮށްފަ އެވެ. އެކަމުގެ ސަބަބުން، އޮންލައިންކޮށް ފައިސާ ދެއްކި އެތައް ބައެއްގެ ފައިސާ އަނބުރާ ނުލިބުމުން، ކަމާބެހޭ އިދާރާތަކަށް އެތައް ބަޔަކު ޝަކުވާ ހުށަހަޅާފައިވެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ރެސްޓޯރަންޓުން ވަނީ 20،000 އެއްހާ މީހުންގެ އަތުން 50 މިލިއަން ތައި ބާތު (1.6 މިލިއަން ޑޮލަރު) "ފޭރިގެންފަ" އެވެ. ނަމަވެސް މި މައްސަލާގައި ޝަކުވާ ހުށަހެޅި 818 ކަސްޓަމަރުންގެ ތެރެއިން 375 މީހެއްގެ ފައިސާ ރިފަންޑްކޮށްދީފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

މަކަރާއި ހީލަތް ހެދި މައްސަލާގައި ދައުވާކޮށް ޖަލު ހުކުމް އިއްވާފައި ވަނީ ރެސްޓޯރަންޓްގެ ދެ ވެރިން ކަމަށްވާ އަޕިޗަޓް ބޮވޯންބަންޗަރަކާއި ޕްރަޕަސޯމް ބޮވޯންބަބްޗާއަށެވެ. އެ ދެ މީހުން ހައްޔަރުކޮށް ދައުވާކުރީ އެތައް ބަޔަކު އެ މީހުންނާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ.

އެ ދެ މީހުން ކަސްޓަމަރުން ދެއްކި ފައިސާ އަނބުރާ ރައްދުނުކޮށް، ރެސްޓޯރަންޓް ބަންދުކޮށްގައި ވަނީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އަދި ރެސްޓޯރަންޓް ބަންދުކުރީ ޑިމާންޑާ އެއްވަރަށް ސީފުޑްގެ ސަޕްލައި ނުލިބޭތީ ކަމަށް ބުނެފައިވެ އެވެ.