ޗޮކްލެޓުގެ ފައިދާތަކާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދެކެވެ އެވެ. މިފަދަ އާ ދިރާސާއެއްގައި ބުނަނީ ޗޮކެލްޓެއް ކާލުމުން މީހާގެ ފިކުރުތަކާއި ނުތަނަސްކަން ފިލުވާލައި، އުފާވެރިކަން ގެނެސްދޭނެ ކަމަށެވެ.
ކެލިފޯނިއާގެ ލޯމާ ލިންޑާ ޔުނިވަސިޓީ އެޑްވެންޓިސްޓް ހެލްތު ސައިންސް ސެންޓަރުން ހަދާފައިވާ ދިރާސާއެއްގައި ބުނާ ގޮތުން ޗޮކްލެޓްތަކުގެ ތެރެއިން ވެސް ޑާކް ޗޮކްލެޓްގެ ފައިދާތައް ބޮޑެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ފޮނިކަން ގަދަ ޑާކް ޗޮކްލެޓްކީ ހަރާބު މޫޑަކުން، ތާޒާކަމާއި އުފާވެރި ކަމަށް މީހާ ބަދަލުކޮށްލާނެ އެއްޗެކެވެ.
ދިރާސާގައި ބުނި ގޮތުގައި ޗޮކްލެޓްގެ ފައިދާތައް ބޮޑީ އޭގައި ކަކާއޯގެ މިންވަރު މަތިވި ވަރަކަށެވެ. އެގޮތުން ޗޮކްލެޓެއްގެ 70 ޕަސެންޓަކީ ކަކާއޯ ނަމަ ފައިދާތައް ބޮޑު ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. ޑާކް ޗޮކްލެޓުން ސިކުނޑީގެ ދުޅަހެޔޮ ކަމަށް ވެސް ބާރު އަޅަ އެވެ. އެގޮތުން ހަނދާން ގަދަކޮށް ދިނުމާ އެކު، ސިކުނޑީގައި އެނބުރޭ އުދާސްތަކުން މީހާ ދުރުކޮށްލަދީ، ހަމަޖެހުން ގެނުވައިދެ އެވެ.
ޑާކް ޗޮކްލެޓް ކެއުމުން ހިތުގެ ތަފާތު މައްސަލަތަކުން ވެސް ދުރުކޮށްދެ އެވެ.
ދިރާސާ ޓީމްގައި ހިމެނޭ ޑރ. ލީ އެސް. ބާކް ވިދާޅުވި ގޮތުގައި މީގެ ކުރިން ޗޮކްލެޓާ ބެހޭ ގޮތުން ހެދި ދިރާސާތަކުން އެންމެ ބޮޑަށް ފާހަގަވެފައިވާ އެއް ކަމަކީ "ޗޮކްލެޓް ފޮނިވި ވަރަކަށް މީހާ އަށް އުފާވެރިކަން ގެނެސްދޭލެއް ބޮޑު" ވުމެވެ.
"މި ފަހަރު އަހަރެންމަށް ފާހަގަ ކުރެވުނު މައިގަނޑު ކަމަކީ ޗޮކްލެޓްގައި ކަކާއޯ އެކުލެވޭ މިންވަރު މަތިވި ވަރަކަށް އެއިން ލިއްބައިދޭ ޕޮޒިޓިވް ކަންކަން ގިނަކަން،" ބާކް ވިދާޅުވި އެވެ. "އެހެންވެ ޑާކް ޗޮކްލެޓަށް އިސްކަން ދިނުން ބުއްދިވެރި."