ޗައިނާ މީހަކު ފާޚާނާ ތަށި މަތީ އިނދެގެން ވީޑިއޯ ގޭމް ކުޅެނިކޮށް ފުރަގަސްފަރާތް ފައިބައި، ފަރުވާ ހޯދަން ޖެހިއްޖެ އެވެ.

މި މީހާ ގޭމް ކުޅެން ތަށިމަތީގައި ބައި ގަޑިއެއްހާއިރު އިން ކަމަށް އިނގިރޭސި ވިލާތުގެ ސަން ނޫހުގައި ބުނެފައިވެ އެވެ.

މި މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކިއިރު ފުރަގަސްފަރާތުން ހައެއްކަ އިންޗި ފައިބައިފައި އޮތް ކަމަށްވެ އެވެ.

ޑޮކްޓަރުން ބުނި ގޮތުގައި މިގޮތަށް ދިމާވަނީ ބޮޑުކަމުދާން ފާޚާނާ ތަށިމަތީގައި މާ ގިނައިރުވަންދެން އިނުމުން ޕެލްވިކް މަސްލްތަކުގެ ބާރު ދަށްވުމުންނެވެ.

މި މީހާއަށް ފަރުވާދިން ޑރ. ސޫއި ޑެން ވިދާޅުވީ ބަލިމީހާ އަކީ ފުރަގަސް ފަރާތް ފޭބުމުގެ މައްސަލަ އުމުރުން ހަތަރު އަހަރުން ފެށިގެން ހުންނަ މީހެއް ކަމަށެވެ. ނަމަވެސް ފޭބި ބައި މިފަހަރު އެތެރެއަށް ވެއްދޭ ގޮތް ނުވި ކަމަށާއި ކުރިން ރަނގަޅު ފަރުވާ ހޯދާފައި ނުވާތީ މިފަހަރު ބޮޑުވަރުވީ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

މިފަހަރު މި މީހާގެ ފުރަގަސްފަރާތް ފޭބިލެއް ބޮޑުކަމުން ގޮހޮރުގެ ތިރީ ބައިން ފުރަގަސްފަރާތާ ގުޅިފައި އިންނަ ބައި މުޅިން ވަކިވީ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޗައިނާގެ ގުއަންޑޮންގް ޕްރޮވިންސްގެ ހޮސްޕިޓަލެއްގައި ޑޮކްޓަރުން ވަނީ މި މީހާގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފަ އެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެ އެވެ.