އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ކާބަފައިން އަޅުގަނޑުމެންނާ ހަވާލުކުރި ދިވެހި ކެއްކުން އޭގެ ގޮތުގައި ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ގައުމީ ވާޖިބެކެވެ. އެހެންކަމުން މަންމައިން އެތަކެތި ތައްޔާރުކުރަމުން އައި ގޮތްތައް އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށް ދިވެހި ސަގާފަތުގެ މި މުހިއްމު ބައި ރައްކާތެރިކޮށް ދެމެހެއްޓެވުމުގެ ޒިންމާ އޭނާ ނެންގެވީ އެވެ.
އެ މަސައްކަތުގައި، އޭނާ އެންމެ ފުރަތަމަ ފެށްޓެވީ "މުސްކުޅި ކެއްކުން" ނަމުގައި ކައްކަން ދަސްކޮށްދޭ ކިލާހެކެވެ. އޭގެ ފަހުން "ދިވެހިކާނާ" އާއި "އަވަސްކާނާ" ގެ ނަމުގައި ފޮތްތަކެއް ލިޔުއްވީ އެވެ. އެ ކިލާސްތަކުންނާއި، އެ ފޮތްތަކުން އެދުރުވެ އެތައް ބަޔަކު އަންނަނީ ދިވެހި މުސްކުޅި ކެއްކުން ޖީލުތަކަށް ފޯރުކޮށްދެމުންނެވެ.
އެ ފަންނުގައި ދިވެހީންގެ އިތުބާރާއި، ލޯބި ހޯއްދެވި އެ ހިދުމަތްތެރިޔާ، ގަލޮޅު ހިތިފަރު ޒަރީނާ އިބްރާހީމް ދީދީ ވަނީ މިދިޔަ ހޯމަ ދުވަހު އުމުރުން 82 އަހަރުގައި އަވަހާރަވެފަ އެވެ. ސިއްހީ ހާލު ދެރަވެ އައިޖީއެމްއެޗުގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަތާ ފަސް ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
ޒަރީނާ އަކީ، ދައުލަތަށް ވެސް ގިނަ ދުވަހު ހިދުމަތްތަކުރައްވާފައިވާ ބޭފުޅެކެވެ. އަދި ވަރަށް ގިނަ ކުދިން އެގޭގައި ކިޔަވަން ބައިތިއްބައިގެން އެ ކުދިންނަށް ދެ ވަނަ މަންމައެއްގެ ލޯތްބާއި، އޯގާތެރިކަން ފޯރުކޮށްދެއްވި ބެލެނެވެރިއެއް ވެސް މެ އެވެ.
މީރުކޮށް ކެއްކުމަށް އަބަދުވެސް ޝައުގުވެރިވި ޒަރީނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ "އާ ކޮންމެ އެއްޗެއް ބާވުމާއި، އުފެދިއްޖެ އެއްޗެއް ނެތިދާ އުސޫލުން އަޅުގަނޑުމެންގެ އަމިއްލަ ކާނާތަކުގެ ރަހަ އާއި، ވައްތަރު ބަދަލުވެގެން" ދިއުމެވެ. އެހެންކަމުން 70، 80 އަހަރު ކުރިން ދިވެހީން ކައްކަމުން އައި ގޮތާއި، ތައްޔާރުކުރި ބާވަތްތައް ދެމެހެއްޓުމަށްޓަކައި އެންމެ ފުރަތަމަ 1990 ވަނަ އަހަރު "މުސްކުޅި ކެއްކުން" ނަމުގައި ކިލާސް ފެށްޓެވީ އެވެ. އެއަށް ފަހު އެ ކިލާހުގައި ނަންގަވައިދެއްވި ފިޅާވަޅުތަކުގެ މައްޗަށް ފޮތް ލިޔުއްވަން ފެށްޓެވީ އެވެ.
"ފަހަކަށް އައިސް ރަހަ ބަދަލުވަމުން، އުވެމުންދާ ދިވެހި ކާނާތައް އަލުން ދިރުވުމުގައި އަޅުގަނޑުގެ ގާތުން ދަރިވަރުވާ ކުދިންނަށް މި ފޮތުގެ ސަބަބުން އެހީތެރިކަމެއް ލިބޭނެ ގޮތްވުމަކީ އަޅުގަނޑުގެ ހުރިހާ ވެސް އުއްމީދެވެ،" އެ ބުރަ މަސައްކަތުން ކޮންމެވެސް ވަރެއްގެ ފައިދާއެއް ރާއްޖެއަށް ފޯރައިފި ނަމަ، ހިތަށްހަމަޖެހުން ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ފޮތުގެ އިސްބަހުގައި ޒަރީނާ ލިޔުއްވާފައިވެ އެވެ.
"އާދެ (އެ ފައިދާއަކީ) އެ ރަހަތައް އޭގެ މީރުގޮތުގައި ދިވެހި ސިކުނޑިތަކުގައި ހަރުލެއްވުމެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަވާލުކުރި މި އަގުހުރި އަމާނާތަކީ އެއާމެދު އަޅުގަނޑުމެން ފަރުވާތެރިވާން ޖެހޭ ކަމެކެވެ."
ޒަރީނާގެ "ދިވެހިކާނާ" ފޮތުގައި ބަތުގެ އެކި ބާވަތްތަކުން ފެށިގެން ރިހަތަކާއި، ބޮނޑިބަތުގެ ވައްތަރުތަކާއި، ސަޓަނީ ތައްޔާރުކުރާނެ ގޮތް ހިމަނުއްވާފައިވެ އެވެ. އަދި އެކި ފާޑުފާޑުގެ ފަންޏާއި، ކަނދި ހަދާނެ ގޮތުގެ އިތުރުން އަސާރަ އަޅަން ދަސްކޮށްދީފައިވެ އެވެ.
ޒަރީނާ ދެ ވަނަ ފޮތް "އަވަސްކާނާ" އަކީ އޭނާ ވިދާޅުވި ގޮތުގައި ދިރިއުޅުމާއި، ވެއްޓާއި، ވިޔަފާރިއަށް އަންނަ ބަދަލުތަކަކީ އޭގެ އަސަރުތައް ކެއުން ބުއިމަށް ފޯރާކަމަކަށް ވާތީ، ކުރީގައި ބަދިގެ ދޮށުގައި ދުވާލެއްގެ ބޮޑުބައި ހޭދަކުރަމުން އައި މީހުން މިހާރު އެނޫން އެތައް ކަމެއްގައި މަޝްއޫލުވެގެން އުޅެން ޖެހިފައިވާތީވެ ދެއްވި ހަދިޔާއެކެވެ.
"(މި ފޮތް ލިޔުނީ) ޒަމާންވީ ދިވެހި ކެއްކުމުގެ ގިނަ ވައްތަރުތަކަކީ ގިނަވަގުުތުތަކެއް ނަގާކަމަކަށްވާތީ، ކުޑަވަގުތުކޮޅަކުން އަވަހަށް ކުރެވިދާނެ އެހެނަސް ރަހަތައް ރަނގަޅު ކާނާތައް ބޭނުންވެއްޖެހެން ހީވެގެންނެެވެ،"
ޒަރީނާގެ ވަކިވުމުގެ ހިތާމަފާޅުކޮށް، ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި ޒަރީނާގެ ފޮތްތަކަކީ އޭނާގެ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އަބަދުވެސް އެންމެ ގާތް އެކުވެރިޔާ އެވެ.
"ހަގީގަތުގައި ވެސް މިއީ ޒަރީނާ ދިވެހި އުއްމަތަށް ދޫކުރެއްވި ވަރަށް އަގުބޮޑު އިލްމީ އަދި ފަންނީ ހަދިޔާއެކެވެ،"
ކެއްކުމުގެ ހުނަރުވެރިކަން ކުރިއެރުވުމުގެ ރޮނގުން ޒަރީނާ އަށް 1997 ވަނަ އަަހަރު ސަރުކާރުން އާންމުހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް އަރުވާފައިވެ އެވެ.
ޒަރީނާ ކައްކަން ދަސްކޮށްދިނުމުގެ މަސައްކަތަށް ވަގުތު ހުސްކުރެއްވީ ދުވާލު ވަގުތު ސެންސަރު ބޯޑުގައި ރަސްމީ ވަޒީފާގައި އުޅުއްވަމުންނެވެ. އެތަނުގައި އޭނާގެ ޒިންމާއަކީ އޮލިމްޕަހާއި، އެނޫން ވެސް ސިނަމާތަކުގައި އަޅުވާ ފިލްމުތަކުން ފެށިގެން ވީޑިއޯތަކުން ކުއްޔަށް ދޫކުރާ ފިލްމުތައް ކުރިއާލާ ބައްލަވައި، އޭގައި ކަނޑަން ޖެހޭ ބައިތައް ފާހަގަކުރައްވައި އެކަން ކުރެއްވުމެވެ. ޒަރީނާ ވަނީ ސަރުކާރުން ބޭއްވި ފިލްމް އެވޯޑްސްގައި ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ. އޭނާ ކުރެއްވި މަސައްކަތަކީ ދިވެހި ފިލްމާއި، ކޮޕީ ފިލްމް ވަކިކޮށް ދެނެގަތުމެވެ.
އިޖުތިމާއީ ހަޔާތުގައި ޒަރީނާ ވަނީ ގަލޮޅުގެ ކަންކަމުގައި ވެސް އިސްކޮށް އުޅުއްވައިފަ އެވެ. އަވަށް ކުރިއަރުވާ ކޮމިޓީ އަށް ވަގުތު ދެއްވި އެވެ. އެކަމަކު ޒަރީނާގެ އެންމެ ބޮޑު ހިދުމަކީ، ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި ކިޔަވާށާއި ވަޒީފާއަދާކުރަން މާލެ ފައިބާ ތިބޭ ރަށްރަށު ކުދިންނަށް ރައްކާތެރި ހިޔާވައްސެއް ފޯރުކޮށްދެއްވުމެވެ. އޭނާގެ މައިފުނަގެކަމަށްވާ ގަލޮޅު ހޭޒްލީންގައި އޭރު ތިރީހަށް ވުރެ ގިނަ ކުދިން ތިއްބެވެ. ކުރީގެ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ އަކީ އެގޭގައި ތިއްބަވައިގެން ކިޔަވާވިދާޅުވި ބޭފުޅުންނެވެ.
"އަޅުގަނޑުމެންގެ އެންމެންގެ މަންމަ އެއީ،" ޒަރީނާގެ ބެލެނެވެރިކަމުގައި އެގޭގައި ވަރަށް ގިނަ ދުވަހު ދިރިއުޅުއްވި، ޓްރާންސްޕޯޓުގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު (ޖުހާ) ވިދާޅުވި އެވެ.
"ކައްކައި ކާންދީ، އެއްޗެހި ދޮވެދީ ވަރަށް ލޯބިން އަޅުގަނޑުމެން އެންމެން ގެންގުޅުއްވީ."
އެގެޔަށް ކިޔަވަން އައި ވަރަށް ގިނަ ކުދިން އަމިއްލަ ދިރިއުޅުމެއް ފެށެންދެން، ބައެއް ކުދިން އޭގެ ފަހަށް ވެސް އެގޭގައި ގިނަ ދުވަސްތަކެއް އުޅުނެވެ.
"ވަރަށް ހިތް ހެޔޮވާނެ،"
ޒަރީނާ ދެ ކައިވެންޏެއް ކުރެއްވި އެވެ. ފުވައްމުލަކު ކުރީގެ އަތޮޅުވެރިޔާ ކުއްޅަވަށް އިބްރާހިމްދީދީއާ ކުރެއްވި ކައިވެނިން ބޭފުޅަކު ލިބިވަޑައިގަތެވެ. އެއީ އައިމިނަތު ނަޝީދާ އެވެ. ދެން ކައިވެނި ކުރެއްވީ ސްރީ ލަންކާ ބޭފުޅަކާ އެވެ. އެ ކައިވެންޏަށް ފަހު ލަންކާގައި ވެސް ޒަރީނާ ގިނަ ދުވަސްތަކެއްގައި ދިރިއުޅުއްވި އެވެ.