މަސްތަކެއް ފުމޭތަން ފެނިގެން ރާއްޖޭގައި ޓޫރިސްޓަކު ބިރުން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބިއްޖެ އެވެ.
ޓިކްޓޮކްގައި ލިލީ އިލްހޭމްގެ ނަމުގައި ހިންގާ އެކައުންޓަކުން މި މަހު 13 ގައި ޕޯސްޓު ކުރި އެ ވީޑިއޯ އިން ފެންނަނީ ފަޅުގެ މެދަކާ ހިސާބުން މަސްތަކެއް ފުމެމުން އެއްގަމާ ދިމާލަށް އަންނަނިކޮށެވެ. އޭނާ އެކަން ސިފަކޮށްފައި ވަނީ "ފިޝް އެޓޭކެއް"ގެ ގޮތުގަ އެވެ.
މިހާތަނަށް 81.5 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާ އެ ވީޑިއޯއަށް 14.5 މިލިއަން ލައިކްސް ލިބިފައިވެ އެވެ. އަދި 61،000 އަށް ވުރެ ގިނަ މީހުން ކޮމެންޓުކޮށްފައިވެ އެވެ.
އެ ވީޑިއޯ އިން ފެންނަނީ ވަރަށް ކަނޑު މަޑު ދުވަހެއްގައި، މޫދުގައި ކެމެރާއެއް ހިފައިގެން ހުރި ޓޫރިސްޓު އަންހެނަކާ ދިމާލަށް މެކުނު ކަމަށް ބެލެވޭ މަސް އައިނެއް، ފުމެމުން އަންނަ ތަނެވެ. އެ ވަގުތު އޭނާ ބިރުން ހަޅޭއްލަވައިގަނެ، ދުވެފައި ދާން އުޅެ އެވެ. ނަމަވެސް، މަސްތައް އޭނާއާ ކައިރިއަށް އައިސް އަނެއްކާ ބޭރަށް ދަނީ މަޑުމަޑުން ދުވެލައިފަ އެވެ. ވީޑިއޯކުރަން ހުރި މީހާއަށް އެއްވެސް އަނިޔާއެއްވާ ކަމެއް ނުވެ އެވެ.
ބެލެވޭ ގޮތުގައި އެ މަސްތައް އެހާ ބާރަށް ފުމެމުން އެއްގަމާ ދިމާލަށް އަންނަނީ އެސޮރުމެންނަށް ވެސް ބޮޑު އެހެން މަހެއްގެ ނުރައްކަލެއް ކުރިމަތިވުމުންނެވެ. އެކަމަކު ވީޑިއޯއަކުން އެކަން އެނގޭނެ ގޮތެއް ނެތެވެ.
މަސްތައް އަންނާތީ އޭނާ ބިރުން އުޅުނަސް، ފަހުން ހީނގަނެފައި އެއްގަމަށް އަރަން އޭނާ ހިނގައިގަނެ އެވެ.
އެ ވީޑިއޯގައި ސަމާސާއަކަށް އޭނާ ލިޔެފައި ވަނީ ހިތްހަމަޖައްސާލަން ރާއްޖެ އައިތަނުން ވެސް މިފަދަ "ބިރުވެރި" ކަމަކާ ކުރިމަތިލާން ޖެހުނީ ކަމަށެވެ.
އެ ވީޑިއޯގައި ހުރި ޓެގުތަކުން އެނގޭ ގޮތުގައި، އެ ވީޑިއޯ ނަގާފައި ވަނީ އދ. ދިގުރަށުގަ އެވެ.
ވީޑިއޯއަށް ކޮމެންޓު ކޮށްފައިވާ މީހުން ވެސް މިކަން މަޖާވެގެން އެކި ވާހަކަތައް ދައްކާފައިވެ އެވެ.