މިދިޔަ ހުކުރު ދުވަހު ގެފުޅުގެ ދޮރުކޮޅު ހުޅުވި އިރު އެތެރޭގައި އެއްވެސް ބަޔަކު ނެތް ކަމަށާއި އެކަމަކު ނަމާދުކޮށް ގުރުއާން ކިޔަވާ އަޑު އިވެމުން ދިޔަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯ އަކީ ސައްހަ އެއްޗެއް ނޫން ކަމަށް ބުނެފި އެވެ.
ދެ ހަރަމްފުޅުގެ މައުލޫމާތާއި ފޮޓޯ އާއި ވީޑިއޯތައް މެދުކެނޑުމެއް ނެތި އާންމުކުރަމުން އަންނަ "ހަރަމައިން" އިން ވަނީ މި ވީޑިއޯ ވަރަށް ބޮޑަށް ވައިރަލްވެފައިވާކަން ފާހަގަކޮށް އެ ވީޑިއޯ އެގޮތަށް އާންމުކުރަމުން ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.
ހަރަމައިންގެ ސޯޝަލް މީޑިއާ އެކައުންޓަތަކުގައި ބުނެފައިވަނީ ދައުރުކުރަމުންދާ ވީޑިއޯގައި ފެންނަނީ މިދިޔަ ރޯދަ މަހު، ސިޔާސީ ބޭފުޅުންތަކެއް ދަމުނަމާދަށް ހަރަމްފުޅަށް ވަދެވަޑައިގަތުމަށް ހަމަޖެހިފައި އޮތުމުން އެކަމަށް ތައްޔާރުވާން ހަރަމްފުޅުގެ މުވައްޒަފުން މަސައްކަތްކުރާތަން ކަމަށެވެ. އެކަމަކު ވައިރަލްވެފައިވާ ވީޑިއޯގައި "މުއުޖިޒާތެއް" ކަމަށް ބުނެ ލިޔެފައި ވަނީ ހުކުރު ދުވަހު ހަރަމްފުޅުގައި ބަންގި ގޮވައި ދެ ރަކުއަތުގެ ނަމާދެއް ކުރާ އަޑު އިވޭތީ ދޮރުކޮޅު ހުޅުވި އިރު އެއްވެސް މީހަކު ފެންނަން ނެތް ކަމަށެވެ.
މިކަން ހިނގި އިރު އިމާމުން ވެސް ހަރަމްފުޅުގައި ތިއްބެވި ކަމަށާއި އިވުނީ މަލާއިކަތުންނާއި ޖިންނީންގެ އަޑު ކަމަށް އެ ވީޑިއޯގެ ކެޕްޝަނުގައިވެ އެވެ.
"ވީޑިއޯގެ ކެޕްޝަނުގައި ލިޔެފައި ވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް. މި ވީޑިއޯ ސޯޝަލް މީޑިއާގައި ޝެއާނުކުރުން އެދެން،" ހަރަމައިންގެ ޓްވީޓެއްގައި ބުނެފައިވެ އެވެ.
ހަރަމްފުޅާ ބެހޭ ގޮތުން އާންމުވާ މިފަދަ އެއްވެސް އެއްޗެއްގެ ސައްހަކަމާ މެދު ސުވާލެއް އުފެދިއްޖެ ނަމަ ހަރަމައިން އަށް ހުށަހެޅުމުން ރަނގަޅު މައުލޫމާތު ހޯދައިދޭނެ ކަމަށް ވަނީ ބުނެފަ އެވެ.