"ހުރަވަޅި" އަކީ ދިވެހި ބަހުގައި ބޭއަދަބީ މާނައެއް ދޭހަވާ ބަހެއް ކަމަށާއި އެފަދަ ނަންތައް ރިސޯޓްތަކަށާއި އެހެން ވެސް ބޭނުންތަކުގައި ކިޔައިގެން ނުވާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން މިއަދު ބުނެފި އެވެ.

"މިއީ ވަރަށް ދެރަކޮށް ވެގެން ދިޔަ ކަމެއް،" ރާއްޖޭގައި ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓް ގާއިމްކޮށްގެން ރޭ ހުޅުވި ފަސްތަރީގެ ރިސޯޓްގެ ނަމާ ބެހޭ ގޮތުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވި އެވެ.

ހުރަވަޅި ރިސޯޓުން ރޭ ދިން ޕްލާކެއް -- ފޮޓޯ: ރައީސް އޮފީސް
ހުރަވަޅި ރިސޯޓުން ރޭ ދިން ޕްލާކެއް -- ފޮޓޯ: ރައީސް އޮފީސް

ޗަމްޕާ ހޯލްޑިންގްސްގެ މި ރިސޯޓް ހުޅުއްވައިދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. މި ރިސޯޓުގެ ނަމާއި ރޭ ރައީސަށް އެރުވި ހަނދާނީ ފިލަ އާއި އެ ރިސޯޓްގެ ވެބްސައިޓްގައި ވެސް ވަނީ ހުރަވަޅި އެވެ. ދިވެހި ބަހުގެ ރަދީފު ބުނާ ގޮތުން "ހުރަވަޅި" އަކީ ފިރިހެނުންގެ ޖިންސީ ގުނަވަނެކެވެ.

އަޝްރަފު ވިދާޅުވީ ކުރިން ފެށިގެން އެ ރަށަކީ "ހުރުވަޅި" ނަމުގައި އޮތް ރަށެއް ކަމަށާއި އަސްލު ނަމަކީ އެއީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ދިވެހި ބަހުގައި ވަރަށް ގޯސް މާނައެއް ދޭހަވާ ނަމެއް ކިޔުމުން އެ ނަން މަނާ ކުރައްވާނެތޯ ދެންނެވުމުން އަޝްރަފު ވަކި ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ، "އެ ނަން ކިޔުން އެއީ ރަނގަޅު ގޮތެއް ނޫން" ކަމަށެވެ.

"އެކަހަލަ ބޮޑު ކަމެއް، ހާއްސަކޮށް ރިސޯޓަކަށް ކަހަލަ ތަނަކަށް ކިޔާއިރު އަޅުގަނޑުމެންގެ ލަފައަކަށް އެދުނު ނަމަވެސް އަޅުގަނޑުމެން މިތިބީ އެކަން ކޮށްދޭން ތައްޔާރަށް،" އަޝްރަފު ވިދާޅުވި އެވެ.

"ހުރަވަޅި" ގެ ނަމުގައި ރިސޯޓެއް ހުޅުވި މައްސަލާގައި ސޯޝަލް މީޑިއާ އާއި އެހެން ބައެއް ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.