ރާއްޖޭގައި ކަނޑަށް ޖައްސާ މަތިންދާބޯޓުގެ ހިދުމަތް އެންމެ ފުޅާކޮށް ދޭ، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް ކަނޑު އަޑީގެ ރެސްޓޯރެންޓެއްގައި ބާއްވައިފި އެވެ.
އެމެރިކާގެ ބްލެކް ސްޓޯން ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮންނަ ޓީއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގެ އެންމެ ފަހުގެ ބައްދަލުވުން ބޭއްވީ ޗަމްޕާ ލާސް ކުންފުނިން ތަރައްގީކޮށް، މިދިޔަ މަހު ހުޅުވި ޅ. ހުރުވަޅި ރިސޯޓުގައި ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރަންޓްގައި މިދިޔަ ހުކުރުދުވަހުގަ އެވެ.
"ޓްރާންސް މޯލްޑިވިއަން އިން ވަނީ ދާދި ފަހުން އެ ކުންފުނީގެ ބޯޑު ބައްދަލުވުމެއް ވަރަށް އާދަޔާ ހިލާފު ތަނެއްގައި ބާއްވައިފަ އެވެ. އެއީ ކަނޑު އަޑީގަ އެވެ. ސްކޫބާ ޑައިވިން އިކްއިޕްމަންޓެއް ވެސް ބޭނުމެއް ނުވެ އެވެ. އަދި އެ މީހުން ނުވެސް ތެމެ އެވެ،" ކަނޑު އަޑީގެ ރެސްޓޯރަންޓުގައި ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ޓީއެމްއޭގެ ވެބްސައިޓްގައި ވެ އެވެ.
މި ބައްދަލުވުމުގައި ޓީއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ހަމައެކަނި ދިވެހި ޑިރެކްޓަރު ޗަމްޕާ ހުސެއިން އަފީފް ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ބްލެކް ސްޓޯންގެ އިންޑިއާ އޮފީހުގެ ސީނިއަ މެނޭޖިން ޑިރެކްޓަރު އަމިތު ޑިކްސިޓްގެ އިތުރުން 12 ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
"މިއީ އާއްމުކޮށް ބާއްވާ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް. އެ ބައްދަލުވުމުގައި މި އަހަރުގެ ބަޖެޓް ކަނޑައެޅުމާއި މިދިޔަ އަހަރުގެ ޕާފޯމަންސް ރިވިއު ކުރުން ވެސް އޮތް،" ޓީއެމްއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހުރުވަޅީގެ މޫދުގައި ރެސްޓޯރަންޓް ހަދާފައި ވަނީ 5.8 މީޓަރު އަޑީގަ އެވެ.