ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާން ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ހަމަޖައްސައިފި އެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމާއި ގާނޫނީ ދާއިރާގެ ޑިގްރީގައި ފުރިހަމަވާންޖެހޭ އެންމެ ދަށް މިންގަނޑަށް ބާ ކައުންސިލުން ގެނައި އިސްލާހުގައި ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް ހާޒިރުވެގެން ކުރިއަށް ގެންދިއުމުގެ އިތުރުން އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
ނަމަވެސް އެ އުސޫލުތަކަށް އަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.
ބާ ކައުންސިލުން ބުނީ އެ ބަދަލުތައް ގެނައީ ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަމަށެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމަށްޓަކައި ބޭނުންވާ ޑިގްރީ ކޯސްތަކުގައި ފުރިހަމަވާންޖެހޭ މަތީ ތައުލީމުގެ އެންމެ ދަށް މިންގަނޑާއި އެކަމުގެ އުސޫލުތައް ކަނޑައެޅުމުގެ ބާރު އޮންނަނީ ބާ ކައުންސިލަށެވެ.
މީގެ އިތުރުން ގާނޫނީ ދާއިރާގެ ކޯސްތަކަށް ހުއްދަ ދެނީ ވެސް ބާ ކައުންސިލުން ފާސްކޮށްގެންނެވެ.