ލާން ބޭނުންވާ ހެދުމުން ފެށިގެން ރީތިވާ ސާމާނާއި ހިފާގެންގުޅޭ ތަކެއްޗާއި އިލެކްޓްރޯނިކް ސާމާނު ހޯދަން މިއަދު ފިހާރަތަކަށް ހިނގާކަށް ނުޖެހެ އެވެ. ކޮންމެ ގަޑިއަކު، ކޮންމެ ތަނަކު ހުރެ ކޮންމެ އެއްޗެއް ގަތުމުގެ ފުރުސަތު މިވަނީ ފަހިވެފަ އެވެ: އޮންލައިން ވިޔަފާރި އެވެ. ރާއްޖޭގައވެސް އެ ވިޔަފާރި މިވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިފަ އެވެ.
ފޭސްބުކް ޕޭޖުތަކާއި އިންސްޓާގްރާމު އެކައުންޓުތަކުން ނުގަނެވޭ އެއްޗެއް ނޯވެ އެވެ. އަދި ކޭޝް އޮން ޑެލިވަރީ ހިދުމަތާއި އަމިއްލައަށް ތަކެތި ބެލުމަށް ފަހު ގަތުމުގެ ފުރުސަތު ވެސް ވަނީ ފަހިވެފަ އެވެ.
މިފަދަ ވިޔަފާރިތަކުގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑަށް ވަގުތު ސަލާމަތްކުރެވެ އެވެ. އަދި އަވަހަށް އެއްޗެއް ގަންނަން ވެއްޖެ ހާލަތެއްގައި ވެސް ފަސޭހަކަމާ އެކު ގަތުމުގެ ފުރުސަތު އޮވެ އެވެ. ނަމަވެސް ރާއްޖޭގައި އޮންލައިންކޮށް ހިންގާ ވަރަށް ގިނަ ވިޔަފާރިތައް އަދިވެސް ޓެކްސް ނިޒާމުގެ ތެރެއަކަށް ނުވަދެ އެވެ. އަދި އެއީ ހުއްދައެއް ވެސް ނެތި ހިންގާ ވިޔަފާރިތަކެވެ.
އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ މަރިޔަމް ވިސާމު ވިދާޅުވީ އޮންލައިން ވިޔަފާރިތައް ވެސް ކުރަން ޖެހޭނީ ރަޖިސްޓަރީ ވެގެން ކަމަށެވެ.
ވިޔަފާރިއަށް އަންނަ ޒަމާނީ ކުރިއެރުންތަކާ އެކު އުފެދޭ މިފަދަ ވިޔަފާރިތަކަށް ހާއްސަ ގާނޫނެއް ރާއްޖޭގައި އަދި ނުހަދަ އެވެ.
އދ ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދުނިޔޭގެ 78 ޕަސެންޓު ގައުމުން އޮންލައިން ވިޔަފާރިއާ ގުޅޭ ގާނޫނުތައް އަންނަނީ ތަންފީޒު ކުރަމުންނެވެ. އަދި ދުނިޔޭގެ 72 ޕަސެންޓު ގައުމުން ސައިބާ ކްރައިމާ ގުޅޭ ގާނޫނުތަކަށް އަމަލްކުރެ އެވެ. ނަމަވެސް މި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނުހިމެނެ އެވެ.
ރާއްޖެއަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް ނިސްބަތުން އެންމެ ގިނަ ބަޔަކު އިންޓަނެޓް ބޭނުން ކުރާ ގައުމެވެ. އެގޮތުން އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ 63 ޕަސެންޓް މީހުން އިންޓަނެޓް ބޭނުން ކުރެ އެވެ. އަދި 60 ޕަސެންޓު ގޭގެއަށް އިންޓަނެޓްގެ ހިދުމަތް ލިބެ އެވެ. ރާއްޖޭގެ ބޮޑު ބައެއް އިންޓަނެޓަށް އަހުލުވެރި އިރު ވެސް ރާއްޖޭގައި އޮންލައިން ވިޔަފާރިތައް މޮނީޓާކޮށް ބެލެހެއްޓޭނެ ނިޒާމެއް ނެތުމަކީ މައްސަލައެކެވެ.
ވިސާމް ވިދާޅުވީ އޮންލައިން ވިޔަފާރިތަކަށް ޑިމާންޑު ބޮޑުވުމުން ރީޓެއިލަރުންނަށް އަސަރު ކުރާނެ ކަމަށެވެ. އެހެންކަމުން އެފަދަ ވިޔަފާރިތަކުން ވެސް އެންމެ ފަހުގެ ވިޔަފާރީގެ އުސޫލުތަކަށް ވަނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގައި ވެސް އީކޮމާސްއާ ގުޅިގެން އިގްތިސާދުތަކަށް އަންނަނީ ބަދަލު އަންނަމުން. އަސްލު ދެކޮޅު ވެސް އޮވޭ، އެފަދަ ވިޔަފާރިތައް އިތުރުވުމުން ލިބޭ ފާއިދާ ވެސް އަދި ގެއްލުންތައް ވެސް އެބަހުރ. ވިޔަފާރިތައް ބަލަހައްޓާ އިދާރާތަކުން ނުވަތަ ސަރުކާރުން ކުރަން ޖެހޭ ކަމަކީ ކޮންމެ ގޮތަކަށް ވިޔަފާރި ކުރިކަމުގައިވީ ނަމަވެސް ރަނގަޅު ގަވައިދެއް ތެރެއިން ވިޔަފާރިތައް ބެލެހެއްޓުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން އެއްވެސް ވަރަކަށް މިކަންކަމަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި އާންމު ކޮންމެ ރައްޔިތަކަށް ވެސް ވިޔަފާރި ކުރަން ބޭނުންވާ މޮޑެލް އިހްތިޔާރުކުރެވެން ޖެހޭ ކަމަށެވެ.
ރާއްޖޭގައި އޮންލައިން ވިޔަފާރިތަކަށް ހާއްސަކޮށް ސިޔާސަތުތަކެއް ނެތް ނަމަވެސް އަމިއްލަ ފަރުދުން ކުރާ ވިޔަފާރީގެ ދަށުން ނުވަތަ އިމްޕޯޓް މުދާ ވިއްކާ ވިޔަފާރީގެ ދަށުން ރަޖިސްޓާ ކުރެވޭނެ އެވެ. ވިސާމު ވިދާޅުވީ ހުރިހާ ގައުމެއް ވެސް ޑިޖިޓަލް އިގްތިސާދަކަށް ބަދަލު ވަމުން އަންނަ އިރު ވިޔަފާރިތަކުން ވެސް އެކަންކަމަށް ސަމާލުވަން ޖެހޭ ކަމަށެވެ.
އިންޑިޔާއިން މި އަހަރުގެ ކުރީކޮޅު ވަނީ އެގައުމުގެ ރީޓެއިލް ވިޔަފާރިތައް ހިމާޔަތްކުރަން މި އަހަރުގެ ޖެނުއަރީ މަހު، އޮންލައިން ވިޔަފާރިވެރިންނަށް ވަކި ކަހަލަ މުދާ ނުވިއްކޭ ގޮތް ހަދައިފަ އެވެ. އިންޑިޔާއިން އެފަދަ ވިޔަފަޅެއް އެޅި ނަމަވެސް އެފަދަ އުސޫލެއް ރާއްޖެއާ ނުގުޅޭ ކަމަށް ވިސާމު ވިދާޅުވި އެވެ.
އެކަމަކު އޮންލައިން ވިޔަފާރިއާ ބެހޭ ގާނޫނާއި ގަވާއިދުތައް މުހިންމެވެ. އޭގެ އެއް ސަބަބަކީ ބައެއް ފަހަރު އޮންލައިންކޮށް ވިޔަފާރި ކުރުމުން ތަކެތި ނުލިބުމެވެ. އެއީ ގާނޫނެއްގެ ތެރެއިން ބެލެން ޖެހޭ ކަންކަމެވެ. އެހެންކަމުން ސައިބާ ލޯއެއް ރާއްޖެއަށް ވެސް ވަރަށް މުހިއްމެވެ.
"މިހާރު ވެސް ޝަކުވާ ހުށަހަޅައިފި ނަމަ، އިކޮނޮމިކް މިނިސްޓްރީން މައްސަލަ ބަލާނެ. އެކަމަކު އެންމެ ފުރިހަމައަށް އެކަންކަން ބެލޭނީ ފުރިހަމަ އުސޫލެއްގެ ތެރެއިން،" ވިސާމް ވިދާޅުވި އެވެ.
އޮންލައިންކޮށް ރާއްޖޭގައި ގިނަ ބަޔަކު ވިޔަފާރި ކުރަމުންދާ އިރު އެކަން ކުރަން ެޖެހޭނީ، ވިސާމް ވިދާޅުވި ގޮތުގައި، ރަޖިސްޓާ ކޮށްގެންނެވެ. އެގޮތުން އޮންލައިންކޮށް ރަޖިސްޓާ ނުކޮށް ވިޔަފާރި ކުރާ ބައެއް ފަރާތްތަކާ މެދު ބައެއް ފަހަރަށް ފިޔަވަޅު އަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް ވިޔަފަޅު އަޅަނީ ބަޔަކު ޝަކުވާ ހުށަހެޅުމުންނެވެ.
އޮންލައިންކޮށް އާންމު ގޮތެއްގައި ހިންގާ ވިޔަފާރިތައް ކުރަނީ ވަރަށް ކުޑަ ކެޕިޓަލެއްގަ އެވެ. އެހާ ކުޑަ ސްކޭލެއްގައި ވިޔަފާރި ކުރާތީ ކަސްޓަމްސްއަށް ވެސް އެފަދަ މުދާތައް ދެނެގަންނަން އުނދަގޫވެ އެވެ. އެކަމަކު ފިހާރައެއް ހުޅުވައިގެން، ޓެކްސް ދައްކައިގެން ވިޔަފާރި ކުރާ މީހާއަށް ވުރެ އޮންލައިން ވިޔަފާރިކުރާ މީހާއަށް އެޑްވާންޓޭޖްތައް ބޮޑުވެ އެވެ. އަދި އަލަށް ފަށާ ވިޔަފާރިތަކަށް ވެސް ނުބައި އަސަރުތައް ކުރެ އެވެ.
ދާދި ފަހުން ހުޅުމާލޭގައި ހުޅުވި "ކްލޯތުލީ" ގެ ވެރިޔާ ޔޫހާ ރަޝީދު ބުނީ އޮންލައިން ވިޔަފާރިތަކަށް "އަންފެއާ" އެޑްވާންޓޭޖުތަކެއް ލިބޭ ކަމަށެވެ. އެގޮތުން ފިހާރައެއް ހިންގަން ޖެހެނީ މީރާގެ އުސޫލުތަކުގެ ތެރެއަށް ވައްދައިގެންނާއި ރެކޯޑްތައް ވެސް ބަލަހައްޓަން ޖެހުމާއި މުވައްޒަފުންނާއި ތަނުގެ ކުލީގެ ހަރަދު ވެސް ބޮޑުކަން އޭނާ ފާހަގަކުރި އެވެ.
"އަސްލު އޮންލައިންކޮށް ހިންގާ ވިޔަފާރިތަކުން އެއްވެސް ފީއެއް ދައްކަން ނުޖެހުމަކީ މައްސަލައެއް. ފީއެއް ނުދެއްކިއަސް އެ ވިޔަފާރިތައް ބެލޭނެ ނިޒާމެއް ނޯވޭ،" ޔޫހާ ބުންޏެވެ.
"ބޮޑު ސްކޭލެއްގައި ތަކެތި ގެނެވޭތީ އަޅުގަނޑުމެންނަށް ތަކެތި ރަނގަޅު އަގެއްގައި ވިއްކޭ. އެކަމަކު އެއަށް ވުރެ މަދުން ތަކެތި ގެންނަ ނަމަ އަގު ހެވެއް ނުކުރެވޭ."
އޮންލައިން ވިޔަފާރިތަކަށް ހާއްސަ ގާނޫނެއް ނެތުމުން އިކޮނޮމިކް މިނިސްޓްރީން މިހާރު ބަލަނީ ދުނިޔޭގައި އެކަން ކަމާ މެދު ގެންގުޅޭ އެންމެ ބެސްޓް ޕްރެކްޓިސްތަކަށެވެ.
އޮންލައިން ވިޔަފާރިތައް ފުޅާވުމާ ގުޅިގެން އާންމު ވިޔަފާރިތަކަށް އަސަރު ކުރުމަކީ ހަމައެކަނި ރާއްޖެއަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. މިއީ މުޅި ދުނިޔެއަށް ވެސް އޮތް މައްސަލައެކެވެ. އީކޮމާސް ވިޔަފާރިތައް ފުޅާވެ ކުރިއަރައިގެންދާ ސްޕީޑު އަވަސް ކަމުން ފިހާރަތައް ހުޅުވައިގެން ވިޔަފާރިކުރާ ފަރާތްތަކަށް އޮންލައިން ވިޔަފާރިއާ އެއް ހަމައެއްގައި ވިޔަފާރިކުރަން އުނދަގޫވެ އެވެ.
މިކަން މިހެން އޮތް ނަމަވެސް އޮންލައިން ވިޔަފާރިތަކާއި އާންމު ވިޔަފާރިވެރިންނަށް ވެސް އެއް ހަމައެއްގައި ވިޔަފާރި ކުރެވޭނެ މާހައުލެއް ފަހިވާން ޖެހެ އެވެ. އެހެންކަމުން ރަނގަޅު ނިޒާމެއްގެ ތެރެއިން އޮންލައިން ވިޔަފާރިތައް މޮނިޓާކުރުން މުހިންމެވެ.