ކޮލަމްބޯ (އެޕްރީލް 5) - ރަންވޭގެ މަރާމާތަށް ސްރީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ތިން މަސް ދުވަހަށް މެދުކަނޑާލުމަށް ފަހު ކުރިއެރޭ އެއްގޮތަށް އޮޕަރޭޝަންތައް މާދަމާ ފަށާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފި އެވެ. ލަންކާ އެއާޕޯޓުގެ 30 އަހަރުވީ ރަންވޭ މަރާމާތު ކުރުމަށްޓަކައި ހެނދުނު 8:30 އާއި ހަވީރު 4:30 އާ ދެމެދު ބަންދުކުރަން ފެށީ ޖެނުއަރީ މަހު ކުރީކޮޅު އެވެ. ރަންވޭ މަރާމާތު ކުރި ދުވަސްވަރު ފްލައިޓްތައް އޮޕަރޭޓް ކުރީ ރޭގަނޑު އެވެ. ރަންވޭ މަރާމާތު ކުރި ތިން މަސް ދުވަހު ތެރޭ ގައުމީ އެއާލައިން، ސްރީ ލަންކަންގެ ވަރަށް ގިނަ ފްލައިޓްތައް ކެންސަލް ކުރަން ޖެހުނެވެ. އަދި އެހެން އެއާލައިންތަކުގެ ޝެޑިއުލަށް ވެސް ބޮޑު ބަދަލެއް ގެންނަން ޖެހުނެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެއާޕޯޓް މާދަމާ ހުޅުވި ނަމަވެސް ނޯމަލް ފްލައިޓް އޮޕަރޭޝަންސްތައް ފަށާނީ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ. ލަންކާ އެއާޕޯޓުގެ ރަންވޭ މަރާމާތު ކުރުމަށް ވަނީ 48 މިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ. ރަންވޭ މިހާރު ވަނީ 60 މީޓަރުން 75 މީޓަރަށް ފުޅާކޮށް އޭ380ގެ ބޯޓުތައް ޖެއްސޭ ވަރަށް ތަރައްގީކޮށްފަ އެވެ.