ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ވިއްސާރަކުރަނީ ރާއްޖޭގެ އުތުރުގައި އޮންނަ މަލިކު ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރާއްޖެއަށް މި ދުވަސްވަރު މި ކުރަނީ މޫސުމީ ވިއްސާރަ ނޫން ކަމަށެވެ. އާންމުކޮށް ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށަނީ މެއި މަހުގެ މެދުތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު މި ކުރާ ވިއްސާރައަކީ ލަކްޝަދީބް ކައިރީގައިވާ ސައިކްލޯނިކް ސާކިއުލޭޝަންގެ ސަބަބުން ވެހޭ ވާރޭ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަރަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ. އަދި ބައެއް ހިސާބުތަކަށް ވަރަށް ބާރަށް ގުގުރުން ވެސް އެކަށީގެންވެ އެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ގދ. ކާޑެއްދު އަށެވެ. އެ ރަށަށް 130.4 މިލިލީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ކޮޅިގަނޑު ސަބަބުން ވާރޭ ވެހުނަސް، މި ދުވަސްވަރު ރާއްޖެއަށް ވަރަށް ހޫނުގަދަ އެވެ. އެޕްރީލް/މެއި އަކީ އާންމު ގޮތެއްގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ވެސް މެ އެވެ. މި މަހު ބައެއް ދުވަސްތަކުގައި އިހުސާސްކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް މެޓްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ހޫނުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.