ރިސޯޓު ތަރައްގީކުރުމަށް ދީފައިވާ ރަށްތަކުގައި މަސައްކަތެއް ނުކޮށް، ހުއްޓިފައިވާ ނަމަ ދައުލަތަށް ގެއްލުމުގެ ބަދަލު ނަގަން ދައުވާކުރަން ނިންމައިފި އެވެ.

ލ. އަތޮޅުގެ ރަށްތަކުގައި ޓޫރިޒަމް ފުޅާކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިސްވެ ހުންނަވައި މިއަދު މާވަށަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ވަނީ ބައްދަލުކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ރަށްރަށް ނެގުމަށްފަހު ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ނުދައްކައި އަދި ވަޒީފާތައް ނުލިބުމުގެ ސަބަބުން ދުރު ހިސާބުތަކަށް ދިރިއުޅުން ބަދަލުކުރަންޖެހޭ ކަމަށެވެ. އެކަންކަމުގެ ސަބަބުން ސަރުކާރަށް ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޝްވަރާކުރީ، ސަރުކާރަށް މިހެން ތަންތަން ތާށިވީމަ އަޅުގަނޑުމެން ކޯޓަށް ދާން. ރައްޔިތުންނަށް އަދުލުވެރި ބަދަލެއް ހޯދައިދިނުމަށް. އިރާދަކުރެއްވިއްޔާ އެ ރަށްތައް ކުރިއަށްގެންދާނެ،" މާވަށު ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ޑރ. މައުސޫމް ވިދާޅުވި އެވެ

އެ މައްސަލަތަކުގައި ކޮންމެ ވެސް ކާމިޔާބީއެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އަލަށް ރަށްތަކެއް މި ދެނީ. އެ ރަށް ހެދޭނެ ކަމަށް މި ބަލަނީ."

ލާމަރުކަޒީ ގާނޫނަށް ފަހުން ގެނައި ބަދަލުތަކުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއްދީ އިހުތިސޯސް ކަނޑައަޅައި އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވެގެން ދިޔަ ނަމަވެސް ކައުންސިލްތަކުގެ އެންމެ ބޮޑު ޝަކުވާ އަދި ކަންބޮޑުވުމަކީ ރިސޯޓް ހަދަން ރަށް ނަގައި އެއްވެސް މަސައްކަތެއް ނުކޮށް އެތައް އަހަރަކު ބާއްވާފައި އޮތުމެވެ.

އެ މިނިސްޓްރީން މިދިޔަ މަހު އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން ދޫކުރި ރަށްތަކުގެ ތެރެއިން 50 އަށް ވުރެ ގިނަ ރަށް ހުރީ ނުހެދި އެވެ. އޭގެތެެރެއިން 21 ރަށެއްގެ މުއްދަތު އިތުރުކޮށްދޭން ވެސް އެދިފައިވެ އެވެ. މީގެ ތެރޭގައި އެއްވެސް މަސައްކަތެއް ނުކޮށް 10-15 އަހަރުވެފައިވާ ރަށްތައް ވެސް ހިމެނެ އެވެ.

އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ވަނީ ތިން އަހަރުގެ ތެރޭގައި އެ ރިސޯޓުތައް ނުހުޅުވައިފި ނަމަ އޮޓޮމެޓިކުން އެ ރަށްތައް އަތުލެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އޭނާ ވިދާޅުވީ އެއްބަސްވުން ރޫޅާލަން ތިން އަހަރު ވަންދެން މިނިސްޓްރީން މަޑެއް ނުކުރާނެ ކަމަށެވެ. ބާރު ސްޕީޑުގައި މަސައްކަތްކުރިއަށްގެންދާ ނަމަ ރަށް ދޫކުރާތާ ދޮޅު އަހަރުގެ ތެރޭގައި ރިސޯޓެއް ހަދައި ނިންމާލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.