ޖެނުއަރީ 21، 2013 ދުވަހުގެ ރޭ ލ. މާމެންދޫ އިންޖީނުގޭގެ ދޮރު ހަލާކުކޮށްލައި ވަދެ، ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމަށް ބުނާ މައްސަލައިގައި ދައުވާ ކުރި ދެ މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި ހާދިސާއާ ގުޅިގެން ދައުލަތުން ވަނީ ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން ޖަމާއަތް ހަދައިގެން ތަނެއް ހަލާކުކޮށްލައިގެން ދިހަ ހާސް ރުފިޔާއަށް ވުރެ މަތީ، ސަރުކާރުގެ މުދަލަކުން ވައްކަން ކުރުމުގެ ކުށުގެ ދައުވާ އެ ރަށު ކުނަހަަންދޫގެ، އަލީ ރަޝީދާއި، ރަތްވިލާގެ، އިބްރާހިމް ލަތީފުގެ މައްޗަށް ކޮށްފަ އެވެ.

އެ ދެ މީހުންގެ އެންމެ ފުރަތަމަ ފުލުހުންގެ ތަހުގީގުގައި އަދި ކޯޓުގައި ވެސް އިއުތިރާފުވި ނަމަވެސް ފަހުން އިއުތިރާފު އަނބުރާ ގެންދިޔައީ އެވެ.

ފުލުހުން އެންމެ ފުރަތަމަ މާމެންދު އަށް ގޮސް ތަހުގީގު ފެށި އިރު މަންޒަރު ދުށް މީހަކު ފެނިފައެއް ނުވެ އެވެ. ނަމަވެސް، ފަހުން ރަޝީދު އާއި ލަތީފާ ބެހޭގޮތުން ރަށުގެ އާންމުންގެ ފަރާތުން މައުލޫމާތެއް ލިބިގެން ބަލަމުން ދަނިކޮށް އެ ދެ މީހުން ތެމިފައި ހުރި ފައިސާއިން ވިޔަފާރި ކުރިކަން އެނގުނެވެ. އެ މައުލޫމާތު މުހިންމުވީ ވައްކަން ކުރި ރެއަކީ ވާރޭ ވެހުނު ރެއަކަށް ވުމުންނެވެ. އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ހިސާބުންނެވެ.

ޝަރީއަތުގައި ހެކިބަސް ދިން ފުލުހުން ބުނި ގޮތުގައި ރަޝީދާއި ލަތީފު ވަނީ އިއުތިރާފުވެ، ވަގަށް ނަގަން ބޭނުންކުރި އާލާތްތައް ކިޔައިދީފަ އެވެެ. ރަޝީދާއި ލަތީފު ބުނި ތަންތަނުން ވަަނީ ފައިސާ އާއި އާލާތްތައް ވެސް ފެނިފަ އެވެ.

ފުލުހުން ބުނިީ ވަގަށް ނެގި ފައިސާގެ ތެރެއިން ރަޝީދު ނެގި ބައި އޭނާ ދެއްކީ ގޯއްޗެއްގެ ތެރޭގައި ހުރި ކައްޓަލަ ގަސްތަކެއް ކައިރީގައި ވަޅުލާފައި ހުއްޓާ ކަމަށެވެ. އަދި ލަތީފު ނެގި ކަމަށް ބުނާ ފައިސާއިން ބައެއް ވަނީ އޭނާއާ ގުޅުންހުރި އެހެން މީހެއްގެ އަލަމާރިން ހޯދައިފަ އެވެ. ވައްކަން ކުރަން ބޭނުން ކުރި ދަނގަނޑު ފޭރާއަކާއި އަންގި އިންޖީނުގެ ކައިރީގައި ހުރި ފަޅު ގޯއްޗަކުން ދެއްކި ކަމަށް ފުލުހުން ހެކިބަސް ދިނެވެ.

ހުކުމުގައި ފާހަގަކުރި އެއް ކަމަކީ އިއުތިރާފުވެފައި އަލުން އިއުތިރާފު އަނބުރާ ގެންދިޔަޔަސް، އިއުތިރާފާ ގުޅުވާލެވޭ ހެކި ހުރެއްޖެ ނަމަ އެ ދައުވާ ސާބިތު ކުރެވިދާނެ ކަމަށެވެ. ނަމަވެސް، މިި މައްސަލައިގައި އިއުތިރާފާ ގުޅޭ ހެކި ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ގާޒީ އާދަމް މުހައްމަދު ކުރެއްވި ހުކުމުގައިވެ އެވެ. އަދި ފުލުހުންގެ ތަހުގީގުގައި ހުރި ބާގަނޑުތައް ހުކުމުގައި ފާހަގަ ކުރި އެވެ.

އަންގިއަކާއި ފޭރާއެއް ފެނުނު ކަމަށް ދައުލަތުން ބުނާ އިރު މާއްދީ ހެކި ހުށަހެޅިކަން އެނގޭ އެއްވެސް ލިޔުމެއް މައްސަލައާ އެކު ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައި ފާހަގަ ކުރި އެވެ. އަދި އެއްވެސް ހެއްކެއްގެ ޗެއިން އޮފް ކަސްޓަޑީ ވެސް ހުށަހަޅާފައި ނުވާ ކަމަށްވެ އެވެ.

އަންގި ފޮރެންސިކަށް ފޮނުވި ކަމަށް ބުނާއިރު، ދައުވާ ލިބޭ މީހުންނާ އަންގިއާ ގުޅުވާނުލެވޭ ކަމަށާއި، އެއިން ކުށުގެ ސީންއާ ގުޅޭ އެއްވެސް އެއްޗެއް ފެނުނުކަން ސާބިތު ކުރަން ރިޕޯޓެއް ވެސް ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ދަގަނޑު ފޭރާއިން ދަވާދު ކަހައި ފޮރެންސިކަށް ފޮނުވި ނަމަވެސް، އެއާ ގުޅޭ ރިޕޯޓެއް ވެސް ނެތް ކަމަށް ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރުން ސީން އިން ނެގި ކަމަށް ބުނާ ފިންގަޕްރިންޓާ ގުޅޭ އެއްވެސް ރިޕޯޓެއް ވެސް ހުށަހަޅާފައި ނެތްކަން ފާހަގަ ކުރި އެވެ.

ހުކުމުގައި ބުނީ، އެ ތަކެއްޗަކީ ވައްކަން ކުރަން ގެންގުޅުނު ތަކެތި ކަމަށް ފުލުހުން ބުނާ ބުނުން ފިޔަވައި އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެ ތަކެތި ފެނުނީ އެހެން ގޯއްޗަކުން ކަމަށްވާއިރު، އެއީ އެތަނުގެ ވެރިފަރާތުގެ އެއްޗެއްތޯ ވެސް ފުލުހުން އަހާފައި ނެތް ކަމަށްވެ އެވެ.

މި މައްސަލައިގައި ވަގަށް ނެގި ކަމަށް ބުނާ ފައިސާގެ އަދަދާ މެދު ވެސް ސުވާލު އުފެދުނެވެ. ރަޝީދާއި ލަތީފު އިއުތިރާފުވެ ކިޔައިދިން އިރު ބުނެފައިވާ ގޮތުން އެ މީހުން ވަގަށް ނެގި ފައިސާގެ އަދަދު އަރާނީ ޖުމްލަ 55،730ރ. އަށެވެ. ދައުލަތުން ބުނި ގޮތުގައި ވަގަށް ނަގާފައި ވަނީ 125،046.46ރ. އެވެ. އެއީ ތިޖުރީއާ ހަވާލުވެ ހުރި އިންޖީނުގޭގެ ވެރިމީހާގެ އަންދާޒާގެ މައްޗަށެވެ.

ހުކުމުގައި ފާހަގަ ކުރީ ތިޖޫރީގައި ދައުލަތުން ބުނާ އަދަދަށް ފައިސާ ހުރިކަން އަދި އެ ފައިސާ އެ މީހުން ވަގަށް ނެގިކަން ސާބިތު ކުރަން ޖެހޭނީ ދައުލަތުން ކަމަށެވެ. ނަމަވެސް، ދައުލަތުން ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅި ތިޖޫރިއާ ހަވާލުވެ ހުރި މީހާ ޝަރީއަތުގައި ބުނެފައި ވަނީ ތިޖޫރީގައި ހުރި ވަރެއް ނޭނގޭ ކަމަށާއި ވައްކަން ކުރުމުގެ ކުރިން އެންމެ ފަހުން ގުނި ތާރީހެއް ވެސް ހަނދާނެއް ނެތް ކަމަށެވެ.

މި ސަބަބުތަކާ ހެދި އެ ދެ މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ހުކުމް ކުރި އެވެ. މި މައްސަލައިގައި ހުކުމް ކުރީ މައްސަލަ ކޯޓުގައި އޮންނަތާ ހަތް އަހަރާއި ފަސް މަސް ފަހުންނެވެ.

އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވި ނަމަ ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން 25 އަހަރުގެ ހުކުމެއް އަންނާނެ އެވެ. އެއީ ވައްކަމުގެ ކުށުގެ އަދަބުގެ އިތުރުން ކުށް ކުރުމުގައި އަމަލު ކުރި ގޮތްތަކުގެ ސަބަބުން އަދަބު އިތުރުވާ ގޮތަށް އެ ގާނޫނު އޮންނާތީ އެވެ.