ލ. ކައްދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެ މީހާ މަރުވި މައްސަލާގައި، ސައިކަލް ދުއްވި މީހާގެ މައްޗަށް މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ. 

ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ލ.ފޮނަދޫ ހޯރަވިލާ، މުހައްމަދު ނައުސާނެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު ހިނގި ހާދިސާއާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން އުފުލީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. 

އެ އެކްސިޑެންޓް ހިނގީ ކައްދޫ އެއާޕޯޓު ކައިރިން ކަފިހި ހުރަހަކުން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އެ ސައިކަލު ޖެހުނީ އެ ވަގުތު ކަފިހި ހުރަސް މަތިން ހިނގާފައި ދިޔަ ލ. މާވަށު އެތުމާ، މަރްޔަމް މޫސާ އާއި އޭނާގެ މާމަދަރިފުޅުގެ ގައިގަ އެވެ. އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މަރްޔަމް މޫސާ ނިޔާވީ އެވެ. 

ޝަރީއަތުގައި މައްސަލަ އޮއްވައި ނައުސާން ވަނީ ދައުވާއަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ. އެހެންވެ، މެޖިސްޓްރޭޓް ކޯޓުން ވަނީ އިއުތިރާފުގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. 

އިއުތިރާފު އެއްބަސްވުމުގެ މައްޗަށް ރިއާޔަތްކޮށް ނައުސާންގެ މައްޗަށް އިއްވީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. މައްސަލައިގެ ބަންދުގައި އެއް އަހަރާއި ދެ މަސް ހޭދަކޮށްފައިވާތީ އިތުރަށް އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ. 

ކުށުގެ ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމްގައި އަންގާފައިވެ އެވެ. އަދި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ، މައްޔިތާގެ ވާރިސުން ކަމަށްވާ އޭނާގެ ފިރިމީހާ އާއި ހަތަރު ފިރިހެން ދަރިންނާއި ހަތަރު އަންހެން ދަރިންނަށް ދިނުމަށް ވަނީ އަންގަައިފަ އެވެ. 

އެ ފައިސާ ދައްކަން އަންގާފައިވަނީ 36 މަސް ދުވަހުގެ ތެރޭގަ އެވެ. 

މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ނައުސާންގެ މައްޗަށް އަނިޔާއެއް ދިނުމުގެ ދައުވާ ވެސް އުފުލި އެވެ. އެ ދައުވާއަށް ވެސް އޭނާ އިއުތިރާފުވެފައިވާއިރު އަދަބެއްގެ ގޮތުގައި އިއްވީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.