ސަރުކާރުން މިހާތަނަށް ހަދާ އެންމެ ބޮޑު ބަނދަރަކަށް ވާނީ ހދ. ކުޅުދުއްފުށީ ބަނދަރު ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ މެއި މަހު، އެ ރަށުގެ ތަނަވަސް ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ 1100 ފޫޓު ދިގު، 500 ފުޅާ ބަނދަރެކެވެ.
މިއީ ބޭރުގެ ހިލޭ އެހީ ހޯއްދަވައިގެން ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ރަށެއްގައި ހިންގަވާ ބޮޑު މަޝްރޫއެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި މިކަމުން ކުޅުދުއްފުށީ ރައްޔިތުންނަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ޚާއްސަ ޖާގަ އެނގިގެންދާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މިއީ ހަމައެކަނި އާދައިގެ ބަނދަރެއް ނޫން. ބޭރުގައި ވެސް އޮޑިދޯނިފަހަރު އެޅޭ ގޮތަށް، ވަރަށް ފުރިހަމައަށް އަރިމަތީ ތޮށީގައި ޖެޓީތަކެއް ލެވޭނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
އަދި ބަނދަރު ތަރައްގީގެ މަޝްރޫއުގެ އިތުރުން ފެރީ ޓަމިނަލަކާއި ފިހާރަތަކާއި އެކިއެކި ވިޔަފާރި ކުރެވޭ ތަންތަން ވެސް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއީ އެ ބަނދަރުން ނަފާ ހޯދާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމްތަކެއް ކުޅުދުއްފުށީގެ މީހުންނަށް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ ފަނާކުރުވަނިވި ފިކުރާ ދުރަށް ގޮސް، ރައީސް ޔާމީންގެ ފިކުރާއި ތަރައްގީގެ ފިކުރާ އެއްކޮށެވެ. އެހެންވެ، ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ތަރައްގީގެ މަސައްކަތުގައި އެއްބާރުލުންދީ އެމަނިކުފާނާއެކު ކުރިއަށް ދާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ބަނދަރު ތަރައްގީ ކުރަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 9.6 މިލިއަން ޑޮލަރު (148 މިލިއަން ރުފިޔާ)ގެ އެހީއެއް ސަރުކާރަށް ދޭން ވަނީ ނިންމައިފަ އެވެ.
ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ޕަސިންޖަރުންނާއި އަދި ބޮޑެތި އުޅަނދުފަހަރުން މުދާ ބާލާ ސަރަހައްދެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިހާރު ދުވާލަކު 150 އުޅަނދަށް ހިދުމަތް ދެވޭ ބަނދަރުގެ ޖާގަ 250 އުޅަނދަށް ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ތަރައްގީކުރާނެ އެވެ.