ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އެ ރަށުގެ ކޮންމެ ސްކޫލަކަށް 100،000ރ. ދިނުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.
ކޮންމެ އަހަރަކު ވެސް އެ ރަށު ކައުންސިލުން ފޯރުކޮށްދޭ ފައިސާގެ އެހީ މި އަހަރު ވެސް ތިން ސްކޫލަށް ދޭން ވަނީ ނިންމައިފަ އެވެ. އެއީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލުގެ އިތުރުން ޖަލާލުއްދީން ސްކޫލަށެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ ގްރާންޓަށް ހުޅުވާލީ ސްކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށް ކަމަށެވެ.
ސްކޫލް ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ އެ ރަށު ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްގީކުރުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އޭގެ އިތުރުން ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގާ ހަރަކާތްތަކަށް އެހީތެރިވުމާއި ޕީޓީއޭއިން ސްކޫލްގެ ކުުރިއެރުމަށް ފަންޑު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އެ ގްރާންޓުގެ ދަށުން 2024 އަހަރާއި 2025 ވަނަ އަހަރު ކޮންމެ ސްކޫލަކަށް 100،000ރ. ދޫކޮށްފައިވެ އެވެ. އަދި 2022 ވަނަ އަހަރު ކޮންމެ ސްކޫލަކަށް 50،000ރ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ދޫކޮށްފައިވެ އެވެ.