ރިލޭ އުސޫލުން ބާއްވާ ދިގު ރާސްތާ ދުވުމުގެ ރޭހެއް ކަމަށްވާ އެކިޑެން ރޭސް ހުޅުމާލޭގައި މިއަދު ކޭއެޗް އެކަޑަމީން ބާއްވައިފި އެވެ.

އެކިޑެން ރޭހުގައި ވާދަކުރާ ކޮންމެ ޓީމެއްގައި ފަސް ދުވުންތެރިން ހިމެނޭއިރު ހަތަރު ދުވުންތެރިން ދުވަން ޖެހޭނީ 4.2 ކިލޯމީޓަރަށެވެ. އަދި އެއް ދުވުންތެރިޔަކު 4.3 ކިލޯމީޓަރު ދުވަން ޖެހޭނެ އެވެ. އޭރުން މުޅި ޓީމަށް ޖުމްލަ 21.1 ކިލޯމީޓަރު (ހާފް މެރެތަން) ފުރިހަމަކުރެވޭނެ އެވެ.

އެކިޑެންގެ ކްލަބް ކެޓަގަރީ ކާމިޔާބުކުރީ ކޭއެޗް ސްޕޯޓްސް އެކަޑަމީ އެވެ. ދެ ވަނަ މަގާމް މޭޑް ރަނާސް ހޯދިއިރު ތިން ވަނަ އަކީ ރަސާޒް އެވެ. ކުންފުނިތަކުގެ ކެޓަގަރީގެ އެއް ވަނަ ދިރާގު ހޯދިއިރު ދެ ވަނަ އަދި ތިން ވަނަ ހޯދީ ސްޓެލްކޯ އިން ބައިވެރި ޓީމުތަކެވެ. ސްކޫލް އެކަޑަމީގެ 13 އަހަރުން ދަށާއި 18 އަހަރުން ދަށުގެ އިވެންޓުގެ އެއް ވަނަ އަކީ ކޭއެޗް ސްޕޯޓްސް އެކަޑަމީ އެވެ.

އެކިޑެން ރޭހުގެ ކުޑަކުދިންގެ އިވެންޓުގެ ބައިވެރިންނާ އެކު ކުޑަހުސެން.
އެކިޑެން ރޭހުގެ ކުޑަކުދިންގެ އިވެންޓުގެ ބައިވެރިންނާ އެކު ކުޑަހުސެން.

ޖުމްލަ 25 ޓީމު ވާދަކުރި އެކިޑެން އިވެންޓާ އެކު ކުޑަކުދިންގެ ރޭހެއް ވެސް ބޭއްވި އެވެ. އުމުރުން 4-7 އަހަރާ ދެމެދުގެ ކުދިން އެއް ކިލޯމީޓަރަށް އަދި 8-12 އަހަރާ ދެމެދުގެ ކުދިން ދެ ކިލޯމީޓަރަށް ދުވަން ޖެހޭ މި އިވެންޓުގައި 205 ކުދިން ބައިވެރިވި އެވެ.

ރާއްޖެ އަށް އެކިޑެން އިވެންޓް ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ތައާރަފްކުރެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް މަރްހޫމް ޒާހިރު ނަސީރެވެ. އެގޮތުން އޭރު ކްލަބްތަކާއި ސްކޫލްތަކުގެ މެދުގައި އެކިޑެން ރޭސްތައް ބާއްވާފައިވެ އެވެ.

މިދިޔަ އަހަރު އަލުން މި ރޭސް ރާއްޖެ އަށް ތައާރަފްކޮށް މިހާރު ކުރިއަށްގެންދާ ކޭއެޗް އެކަޑަމީގެ ބާނީ އަދި ކޯޗު ހުސެއިން ހަލީމް (ކުޑަހުސެން) އަކީ ޒާހިރު ނަސީރުގެ ބެލެނެވެރިކަމުގެ ދަށުން ކުޅިވަރުގެ ތެރެއަށް ނުކުތް ދުވުންތެރިއެކެވެ. ރާއްޖޭގެ މެރެތަން ރެކޯޑް ގިނަ ދުވަސްތަކެއް ވަންދެއް އޮތް ކުޑަހުސެންގެ އެކަޑަމީ އަކީ ރާއްޖޭގައި މިހާރު އެންމެ ފުޅާކޮށް ކުރިއަށްގެންދާ އެއް އެކަޑަމީ އެވެ.