ދެކުނު ކޮރެއާގެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ އެންމެ ދޮށީ މެންބަރު ޖިން އެ ފަސް ހަފްތާގެ އަސްކަރީ ތަމްރީނު ނިންމައިފި އެވެ.
ދެކުނު ކޮރެއާގެ ގާނޫނުގައި އޮންނަ ގޮތުން، ކޮންމެ ފިރިހެނަކު ވެސް އުމުރުން 28 އަހަރު ފުރުމުން 18 މަސްދުވަހަށް އަސްކަރީ ހިދުމަތް ކުރަން ޖެހެ އެވެ. އެކަމަކު، 2020 ވަނަ އަހަރު އެ ގައުމުގެ މަޖިލީހުން ފާސް ކުރި ބިލެއްގައި ވާގޮތުން، "މަޝްހޫރު ސަގާފަތާއި ފަންނުގައި މޮޅު" ދެކުނު ކޮރެއާ މީހުންނަށް އުމުރުން 30 އަހަރު ވަންދެން އަސްކަރީ ހިދުމަތާ ނުގުޅި ތިބެވޭނެ އެވެ.
ހަތް މެންބަރުން ހިމެނޭ ބީޓީއެސްގެ ހުރިހާ މެންބަރުން ވެސް ކޮރެއާގެ އަސްކަރިއްޔާއާ ގުޅޭނެ އެވެ. އަދި މިހާތަނަށް އެ ގުރޫޕުން ގުޅުނީ އުމުރުން 30 އަހަރުގެ ޖިން އެކަންޏެވެ.
މިދިޔަ ޑިސެމްބަރު މަހު އަސްކަރިއްޔާއާ ގުޅުމަށް ފަހު ފުރަތަމަ ފަހަރަށް އިއްޔެ ޖިން ވަނީ ފޭން ކޮމިއުނިޓީ އެޕް "ވީވާސް" ގައި ސިފައިންގެ ޔުނިފޯމާ އެކު ހުރި ތިން ފޮޓޯ ހިއްސާކޮށްފަ އެވެ.
"އަހަރެން ވަރަށް މަޖާކުރަން އެބަ. އަހަރެން މި ޕޯސްޓް ކުރަނީ އަސްކަރިއްޔާގެ ހުއްދަ ލިބިގެން،” އެ ފޮޓޯތަކާ އެކު އޭނާ ލިޔެފައިވެ އެވެ. އަދި ބީޓީއެސްގެ ފޭން ކޮމިއުނިޓީ "އާމީ" އަށް އޭނާ ވަނީ އަބަދުވެސް އުފަލުގައި އަދި ހެޔޮހާލުގައި ތިބުމަށް އެދިފަ އެވެ.
ދެކުނު ކޮރެއާ އަސްކަރިއްޔާއާ ހަވާލާދީ ސީއެންއެން އިން ބުނެފައިވާ ގޮތުގައި، ޖިން އެ ގައުމުގެ އަސްކަރިއްޔާއާ ގުޅުނީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާ ވަނީ އެ ގައުމުގެ ގްޔޮންޖީ ޕްރޮވިންސްގެ ޔޮންޗޮން ސިފައިންގެ މަރުކަޒުގައި އެސިސްޓެންޓް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހޮވިފަ އެވެ. ޖިންގެ އަސްކަރީ ހިދުމަތް ނިމޭނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
ބީޓީއެސްގެ ހުރިހާ މެންބަރުން ވެސް އަސްކަރީ ހިދުމަތަށް ފަހު 2025 ވަނަ އަހަރު އަލުން ބޭންޑު ގުޅޭނެ ކަމަށް ސީއެންއެން އިން ބުނެފައިވެ އެވެ.