ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ކަޒަކިސްތާނަށް ދަތުރުކުރެވޭ ގޮތް ހެދުމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލެވެ. ކަޒަކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ނޫރްލާން ޝަލްގަސްބަޔޭވް އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވިސާ ނެތި އެއްގައުމުން އަނެއް ގައުމަށް 30 ދުވަހުގެ ވިސާ ލިބޭނެ ކަމަށެވެ. އަދި ޓްރާންސިޓްކުރުމުގައި ވެސް ވިސާ ނަގަން ނުޖެހޭނެ ކަމަށް ބުންޏެވެ. ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ޗައިނާ އާއި ރަޝިއާ އާއި މޮރޮކޯ އެވެ.