މާލެ އަތޮޅުގައި މީގެ ހަތް އަހަރު ކުރިން ތަރައްގީކުރަން ފެށި ލަގްޒަރީ ރިސޯޓު "ކުޑަ ވިލިނގިލި" ހުޅުވައިފި އެވެ.
މި ރިސޯޓު ތަރައްގީކުރަން ފެށީ 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޭދަކޮށްގެން 2013 ވަނަ އަހަރު އޮމާންގެ ކުންފުންޏެއް ކަމަށްވާ އެމްފާއިންނެވެ. އެކުންފުނިން އިންޑިއާ އާއި އޮމާންގައި ލަގްޒަރީ ހޮޓާތައް އަންނަނީ ހިންގަމުންނެވެ. އެމްފާ ކުންފުނީގެ ވެރިޔާއަކީ އިންޑިއާއަށް އުފަން މުހައްމަދު އަލީ އެވެ.
ގާތްގަނޑަކަށް ހަ ހެކްޓަރުގެ "ކުޑަ ވިލިނގިލި" ރިސޯޓު، އިތުރު 30 ހެކްޓަރު ހިއްކަން ސަރުކާރުން ހުއްދަ ދީފައިވެ އެވެ. އެރަށް ކުއްޔަށް ދީފައިވަނީ 50 އަހަރަށެވެ. އެމްފާގެ ފައުންޑަރު މުހައްމަދު އަލީ ވިދާޅުވީ، ރާއްޖޭގައި އެކުންފުނިން ރިސޯޓެއް ތަރައްގީ ކުރަން ނިންމީ ރާއްޖެއަކީ ޓޫރިޒަމް ދާއިރާގައި ކާމިޔަބު މުސްތަގްބަލެއް އޮތް ގައުމެއް ކަން އެނގޭތީ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 30 ވަރަކަށް މިނެޓް ތެރޭ އެރިސޯޓަށް ދެވޭނެ އެވެ. އެ ރިސޯޓުގައި 95 ލަގްޒަރީ ވިލާ ހުރެ އެވެ. މީގެ ތެރޭގައި 36 ވޯޓާ ވިލާ އާއި 59 ބީޗް ވިލާ ހިމެނެ އެވެ. އެ ރިސޯޓުގެ ރޫމްތައް ޑިޒައިންކޮށްފައިވަނީ ދިވެހިވަންތަ ސިފަތައް ހިމެނޭ ގޮތަށެވެ.
އެ ރިސޯޓުގެ ފަރުނީޗަރުތައް ހަދާފައިވަަނީ ތިމާވެއްޓާ ރައްޓެހި ސާމާނު ބޭނުންކޮށްގެންނެވެ. އޭގެ އިތުރުން ކޮޓަރިތަކުގައި ބޭނުންކޮށްފައިވާ ކާޕެޓުތައް ހަދާފައިވަނީ ރީސައިކަލް ޕްލާސްޓިކް ފުޅި ބޭނުންކޮށްގެންނެވެ.
މި ރިސޯޓު އޮންނަ ސަރަހައްދަކީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ "ސާފިން ސްޕޮޓް" ތައް ހިމެނޭ ސަރަހައްދެވެ. އެހެން ކަމުން މި ރިސޯޓަކީ ރާޅާ އަޅާ މީހުންގެ އިތުރުން އާއިލާތަކަށް ޗުއްޓީ ހޭދަކޮށްލެވޭނެ ފަދަ ގޮތަކަށް ހަދާފައިވާ ރިސޯޓެކެވެ.