ދެ ވޯޓުގެ ތަފާތަކުން ރަށު ކައުންސިލްތަކުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ތަމްސީލުކުރުމަށް، ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު މިއަދު އިންތިހާބުކޮށްފި އެވެ.
އެލްޖީއޭގެ ބޯޑުގައި ރަށު ކައުންސިލާއި ސިޓީތަކުގެ ފަރާތުން ތަމްސީލުކުރާނެ މެމްބަރުން ހޮވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ހެނދުނު 10:00-11:00 ވަންދެން ވޯޓުލުން ކުރިއަށް ގެންގޮސްފަ އެވެ.
އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތަށް ފަހު ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ފޯމު ހުށަހަޅުއްވާފައި ވާތީ، އަތޮޅު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގައި ތަމްސީލުކުރުމަށް ދެން ކުރިމަތިލެއްވި ކ. އަތޮޅު ކައުންސިލްގެ ޕީޕީއެމްގެ ރައީސް މުހައްމަދު ނިމާލު ވަނީ ވޯޓަކާ ނުލައި ހޮވިފަ އެވެ.
އެ އިންތިހާބުގައި، ޕީޕީއެމްގެ މެމްބަރު ޔާމީނަށް 416 ވޯޓު އަދި އޭނާއާ އެންމެ ގާތުން ވާދަކުރި ތޮއްޑޫ ކައުންސިލްގެ އެމްޑީޕީގެ މެމްބަރު އަހުމަދު ކަރަމް އަށް 414 ވޯޓު ލިބުނެވެ. ކަރަމްގެ އިތުރުން އެލްޖީއޭގެ ގޮނޑިއަށް އެމްޑީޕީގެ އިތުރު ހަތަރު މެމްބަރަކު ވާދަކުރެއްވި އެވެ.
އެއީ ފ. މަގޫދޫ ކައުންސިލްގެ ރައީސްގެ އަބްދުﷲ ވަހީދާއި ހއ. ފިއްލަދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ރަޒީފާއި ގއ. ދާންދޫ ކައުންސިލްގެ މެމްބަރު އަހުމަދު އިބްރާހިމް އަދި އަބްދުﷲ ޒާމިރެވެ. އޭގެ ތެރެއިން ޒާމިރަށް އަށް ވޯޓު، ރަޒީފާއި ވަހީދަށް ހަތަރު ވޯޓު އަދި އަހުމަދަށް ދެ ވޯޓު ލިބުނެވެ.
އަމިއްލަގޮތުން ވާދަކުރެއްވި ހދ. ނެއްލައިދޫ ކައުންސިލްގެ މެމްބަރު މުހައްމަދު އިލްހާމަށް ލިބުނީ 21 ވޯޓެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެލްޖީއޭގެ ބޯޑަށް ވާދަކުރެއްވި އެމްޑީޕީގެ މެމްބަރަކު ނަން ނަގަން ފަހުން ހުށަހެޅުއްވި ކަމަށެވެ. އެކަމަކު އޭރު ވޯޓު ކަރުދާސްތައް ޗާޕުކުރުމުން އެ ފުރުސަތެއް ނުދިނެވެ.
އެލްޖީއޭ ބޯޑުގައި ސިޓީތަކުން ތަމްސީލުކުރުމަށް 24 ވޯޓާ އެކު ހޮވާފައިވަނީ ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގެވެ. އޭނާއާ ވާދަކުރެއްވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ލިބުނީ 21 ވޯޓެވެ.
އެހެންވެ، ނުވަ މެމްބަރުން ތިއްބަވާ ބޯޑުގައި ރަށާއި އަތޮޅު ކައުންސިލް ތަމްސީލުކުރުމުގެ ފުރުސަތު ލިބިފައިވަނީ އިދިކޮޅު ޕީޕީއެމްގެ ދެ ބޭފުޅުންނަށެވެ. ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ކަށަވަރުކުރެވުނީ އެންމެ ގޮނޑިއެކެވެ.
އެ ބޯޑުގައި ދެން ތިއްބަވަނީ ރައީސް އައްޔަންކުރައްވާ ވަޒީރަކާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މަދަނީ ޖަމިއްޔާތަކުން މެންބަރަކާއި ފިނޭންސް މިނިސްޓްރީގެ މެމްބަރެއް އަދި ރައީސް އައްޔަންކުރައްވާ އެލްޖީއޭގެ ސީއީއޯ އެވެ.