ހައިދަރުއާބާދު (ނޮވެމްބަރު 28) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕް އިންޑިއާ އަށް ކުރައްވާ ދަތުރުގެ ސަލާމަތީ ކަންކަމަށް ހައިދަރުއާބާދަށް 10،000 ސިފައިން ނެރެފި އެވެ.

ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް އިވަންކާ ކުރައްވާ އެންމެ މުހިންމު އެއް ދަތުރުގައި ހައިދަރުއާބާދަށް ވަޑައިގެންނެވީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ގްލޯބަލް އެންޓަޕްރިނާޝިޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. ސަމިޓުގައި މިއަދު ތަގްރީރު ދެއްވާނީ ވެސް އިވަންކާ އެވެ.

އިވަންކާގެ ދަތުރާ ދިމާކޮށް އިންޑިއާގެ ދެކުނުގެ ހައިދަރުއާބާދުގެ މަގުތަކުން ސަލާންޖަހާ މީހުން ވެސް ވަނީ ހުސްކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ ސަލާން ޖަހާ މީހުން ދުރަށް ޖައްސަން ޖެހުނީ އިވަންކާގެ މޮޓޯކޭޑަށް ހުރަސް އެޅިދާނެތީ ކަމަށެވެ. ހައިދަރުއާބާދަކީ އިންޑިއާގައި ގޫގަލް، ފޭސްބުކް އަދި އެމެޒޮންގެ އޮޕަރޭޝަންތަކުގެ މައި މަރުކަޒު ވެސް މެ އެވެ.

އިވަންކާގެ ދަތުރާ ދިމާކޮށް ސަލާމަތީ ކަންކަމަށް ނެރުނު 10،000 ސިފައިންގެ ތެރޭގައި އެންޓި-ޓެރަރިސްޓް ފޯހާއި ޑޯގް ސްކޮޑް ވެސް ހިމެނެ އެވެ. ހައިދަރުއާބާދުގައި އިވަންކާ ދަތުރު ކުރައްވާނީ ވަޒަން ނާރާ އެކަމަނާގެ ޚާއްސަ ވެހިކަލެއްގަ އެވެ. އަދި އިވަންކާގެ ސެކިއުރީ ކަންކަން ދަނީ އެމެރިކާގެ ސީކްރެޓް ސާވިސް އިން ބަލަހައްޓަމުންނެވެ.

އުމުރުން 36 އަހަރުގެ ވައިޓް ހައުސްގެ އެޑްވައިޒަރު ގެންދަވަނީ ވިޔަފާރީގައި އަންހެނުން ބާރުވެރި ކުރުވަން ގިނަ ކެމްޕޭންތަކެއް ހިންގަވަމުންނެވެ. އެކަމަނާ އުފައްދަވާފައިވާ ވިމެން އެންޓަޕްރިނާސް ފައިނޭންސް އިނީޝިއޭޓިވް އަކީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި އަންހެނުންނަށް ވިޔަފާރީގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އުފައްދާފައިވާ ޖަމާއަތެކެވެ.

ހައިދަރުއާބާދު ސަމިޓުގައި 150 ގައުމުން 1،200 އަށް ވުރެ ގިނަ ވިޔަފާރި މަންދޫބުން ބައިވެރިވެ އެވެ.