ތެލާއި ކާޑު ގަންނަން ޓްރޭޑް ފައިނޭންސް ފެސިލިޓީއެއްގެ ދަށުން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިއައިޓީއެފްސީ) އިން އެސްޓީއޯއަށް 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ދޭން އެއްބަސްވެއްޖެ އެވެ.

އުޒުބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި މިހާރު ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ. އަދި އައިއައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހާނީ ސާލެމް އެވެ.

މި ފެސިލިޓީއާ ގުޅޭގޮތުން އައިއައިޓީއެފްސީން ބުނި މިއީ ކޮވިޑް-19 ގެ ސަބަބުން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސާދު ދިރުވަން ކުރާ މަސައްކަތަށް މުހިންމު އެހީއެއް ކަމަށެވެ.

އައިއައިޓީއެފްސީ އަކީ އައިޑީބީގެ ޓްރޭޑް ފައިނޭންސިން ގޮތްޕެވެ. މި ފެސިލިޓީއަކީ އިސްލާމިކް ފައިނޭންސިންގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެކެވެ. މި ފެސިލިޓީ ބޭނުންކުރާނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށް އެކަނި ކަމަށް އެސްޓީއޯއިން ބުންޏެވެ.

އައިއައިޓީއެފްސީ އަކީ ކުރިންވެސް އެސްޓީއޯއަށް ޓްރޭޑް ފެސިލިޓީ ހަމަޖައްސައިދީފައިވާ ކުންފުންޏެކެވެ.