އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕް (އައިޑީބީ)ގެ ރައީސް ޑރ. ބަންދަރް އެމްއެޗް ހައްޖަރުއާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އިއްޔެ ބައްދަލު ކުރައްވައިފި އެވެ.
މި އަހަރުގެ ހައްޖުގެ އިންތިޒާމުތައް ހުރި ގޮތް ބެއްލެވުމަށް މިހާރު ސައޫދީ އަރަބިއްޔާ އަށް ވަޑައިގެން ހުންނެވި ޒިޔާދު ވަނީ ރާއްޖޭގައި މިހާރު ހިންގާ މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އައިޑީބީގެ އިސް ވެރިންނާ ހިއްސާކޮށްފަ އެވެ.
އެ ބޭންކުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި، އައިޑީބީގެ ރައީސް ވަނީ ރާއްޖޭގައި ވަގުފު އިމާރާތްތައް ބިނާ ކުރުމުގައި ކުރިމަގުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ އިތުރުން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދޭނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެއްވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޒިޔާދުގެ އިތުރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ހައްޖު ކޯޕަރޭޝަންގެ ޗެއާމަން، އިސްލާމިކް މިނިސްޓަރުގެ ނައިބު މުހައްމަދު ރަޝީދު އިބްރާޙީމް ރަޝީދާއި އެ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަލީ ޝަރީފެވެ.
މިނިސްޓަރު ޒިޔާދަކީ ރާއްޖެ އިން އައިޑީބީ އަށް މި ވަގުތު ކަނޑައަޅާފައިވާ ގަވަރުނަރެވެ.