އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ މުބާރާތެއް ކުޅެން ލިބުމަކީ ކެރިއަރުގައި ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފައި ރާއްޖެ އަށް މި ފަހަރުގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތަށި ހޯދައިދޭން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް ވައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ބުނެފި އެވެ.
ބަޓިސް ބުނީ ކާމިޔާބެއް ހޯދޭނީ ހަމައެކަނި ޓީމުގެ މަސައްކަތުން ނޫން ކަމަށާއި އެކަމުގައި ސަޕޯޓަރުންގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށާއި އެހެންވެ މި ފަހަރު ސަޕޯޓަރުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މަސައްކަތްކުރެވޭނީ ފަހަތުގައި ބަޔަކު ތިބެގެން ދޭ ހިތްވަރަކާ އެކު. ސަޕޯޓަރުން ކުރިމަތީ ކުޅެލަން ލިބުމަކީ ކެރިއަރު ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން. ގިނަ ބަޔަކު އައިސް ޓީމުގެ ފަހަތުގައި ތިބެ ސަޕޯޓް ދެއްވާނެ ކަމަށް އުއްމީދުކުރަން،" ރާއްޖެޓީވީ ގައި ވާހަކަދައްކަމުން ބަޓިސް ބުންޏެވެ.
ބަޓިސް ބުނީ ތައިލެންޑަށް ކުރި ތަމްރީން ކޭމްޕުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރެވުނު ކަމަށާއި މުޅި ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ތަށި ހޯދުމުގެ ރޫހު ކަމަށެވެ. އޭނާ ބުނީ ޓީމަށް މި ފަހަރު އިތުރުވި ތަޖުރިބާކާރު ކުޅުންތެރިޔާ އަޝްފާގް އާދަމް (އައްކަޅޭ) އާއި އަހުމަދު ފާޒިލް ފަދަ ކުޅުންތެރިންނާ އެކު އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށެވެ.
"ކުރީ މުބާރާތުގައި ޓީމުގައި ނުހިމެނޭ ކުޅުންތެރިން މި ފަހަރު ޖޮއިންވި ހިސާބުން ދެން ޓީމުގައި ތިބި މީހުންނަށް ހިތްވަރު ލިބުނު. އިތުތަށް ރަނގަޅުކުރަން ހިތްވަރެއް ލިބިގެން. ފާޒިލާއި އަޝްފާގަކީ ވެސް ތަފާތު ދެ ކުޅުންތެރިން،" ބަޓިސް ބުންޏެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:00 ގައި ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. މުބާރާތުގައި ދެން ހިމެނެނީ ނޭޕާލާއި ތުރުކުމެނިސްތާނޭވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ހޮވޭއިރު އަނެއް ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅޭ ސެމީން މޮޅުވާ ޓީމަކަށެވެ.