އިރާގާއި ސީރިޔާގެ ގިނަ އަދަދެއްގެ ބަޔަކަށް، އެކަށީގެންވާ މިންވަރަށް ސާފު ބޯފެން ނުލިބުމުގެ ބިރު ކުރިމަތިވެފައިވާ ކަމަށް، އެހީދޭ ބައެއް ޖަމާއަތްތަކުން މިއަދު އިންޒާރު ކޮށްފި އެވެ.

އެހީދޭ 13 ޖަމާއަތެއް ގުޅިގެން މިއަދު ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ވޭތުވެ ދިޔަ 70 އަހަރުގެ ތެރޭގައި ސީރިޔާ އަށް ކުރިމަތިނުވާ ފަދަ ހަނަފަސްކަމެއް މިހާރު ވަނީ އެ ގައުމަށް ކުރިމަތިވެފަ އެވެ. އޭގެ އިތުރުން އިރާގާއި ސީރިޔާގެ 12 މިލިއަނަށް ވުރެ ގިނަ މީހުން މިހާރުވެސް ތިބީ، އެކަށީގެންވާ މިންވަރަށް ސާފު ބޯފެން ލިބުމަށް ދަތިވެފައި ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

އިރާގާއި ސީރިޔާގެ ގިނަ އަދަދެއްގެ ބަޔަކަށް މިހާރުވެސް އެކަށީގެންވާ މިންވަރަށް ކާނާ އާއި ކަރަންޓުގެ ހިދުމަތް ވެސް ނުލިބޭ ކަމަށް އެ ރިޕޯޓްގައިވެ އެވެ. އަދި މިކަން ހައްލުކުރުމަށް އަވަސް ގޮތެއްގައި ފިޔަވަޅެއް ނާޅައިފި ނަމަ، އެ ސަރަހައްދަށް އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

މި މައްސަލަތައް މެދުވެރިވާ ސަބަބެއް ކަމަށް އެ ރިޕޯޓްގައި ބުނެފައި ވަނީ، ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމުގެ އިތުރުން، އެ ސަރަހައްދަށް ވާރޭ ވެހޭ މިންވަރު ދަށްވުމާއި ހަނަފަސްކަން އިތުރުވުމެވެ. ނަތީޖާއެއްގެ ގޮތުން ސާފު ބޯފެން ލިބުމުގަ އާއި ދަނޑުބިންތަކަށް ފެންދިނުމުގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ދުނިޔެ ހޫނުވެ މޫސުމަށް އައި ބަދަލުތަކުގެ ސަބަބުން، ވާރޭ ވެހުން މަދުވެ ބައެއް ކޯރުތަކުގެ ފެންގަނޑު ވަރަށް ބޮޑަށް ހިނދި، ޑޭމްތައް ހިންގުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ، ކަރަންޓު އުފެއްދުމަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ. ކަރަންޓުގެ ހިދުމަތަށް ބުރޫ އެރުމުގެ ސަބަބުން، ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމުގައި ވެސް ދަތިތައް ވަނީ ކުރިމަތިވެފަ އެވެ.

"އިރާގުގެ އެތައް ލައްކަ ބަޔަކު މިހާރު ވެސް ތިބީ މަގުމަތިވެފައި. އަދި ސީރިޔާގެ އެތައް ލައްކަ ބަޔަކު މިހާރުވެސް އެދަނީ ގެދޮރު ދޫކޮށް އެހެން ތަންތަނަށް ދަތުރުކުރަމުން. މިހާރު ކުރިމަތިވަމުން އަންނަ ފެނުގެ ދަތިކަން އިތުރަށް ބޮޑުވެ، އެތައް ލައްކަ ބަޔަކު އަދިވެސް މަގުމަތިވެދާނެ ކަމުގެ ބިރު އެބައޮތް،" ދިރާސާގައި ބައިވެރިވި ނޯވޭޖިއަން ރެފިއުޖީ ކައުންސިލްގެ ސަރަހައްދީ ޑިރެކްޓަރު ކާސްޓެން ހަންސެން ވިދާޅުވި އެވެ.

މި އަހަރުގެ ޖޫން މަހު އދ.ގެ ފަރާތުން ޝާއިއުކުރި ދިރާސާގައި ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރުގެ ޚަރީފު މޫސުމުން ފެށިގެން، މެދުއިރުމަތީ ސަރަހައްދަށް ވާރޭ ވެހޭ މިންވަރު ވަނީ، ކުރިއާ އަޅައި ބަލާއިރު ވަރަށް ބޮޑަށް ދަށްވެފަ އެވެ. އޭގެ އިތުރުން، މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ބޯފެނުގެ މަސްދަރެއް ކަމުގައިވާ ފުރާތު ކޯރުގެ ފެންގަނޑު އާދަޔާ ޚިލާފަށް ހިނދެމުން ދިޔުމަކީ ވެސް، އިރާގާއި ސީރިޔާގެ ފެނުގެ ދަތިކަން އިތުރަށް ބޮޑުވާ ސަބަބެކެވެ.