ބޮގޯޓާ، ކޮލަމްބިއާ (މާޗް 17) – އިރާގުގައި ބައިނަލްއަގްވާމީ ފުޓްބޯޅަ މެޗުތައް ނުބޭއްވޭ ގޮތަށް ފީފާ އިން ދީފައިވާ ސަސްޕެންޝަން 28 އަހަރަށް ފަހު އުވާލައިފި އެވެ.

ކޮލަމްބިއާގައި އިއްޔެ ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމަކަށް ފަހު އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އިރާގުގެ އަރްބީލާއި ބަސަރާ އަދި ކަރްބަލާގައި ބައިނަލްއަގްވާމީ މެޗުތައް ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ބަސަރާގައި މި މަހުގެ 21 ވަނަ ދުވަހު ފަށާ އެކުވެރިކަމުގެ މުބާރާތެއްގައި އިރާގުން ގަތަރާއި ސީރިއާއާ އެކު މެޗުތައް ކުޅޭނެ އެވެ. އެކަމަކު އިންފަންޓީނޯ ވިދާޅުވީ އިރާގުގެ ވެރިރަށް ބަގުދާދުގައި މެޗުތައް ބޭއްވުމަށް އެދި އެ ގައުމުން އެދިފައިވާ ގޮތަށް އަދި ހުއްދަ ދެވެން ނެތް ކަމަށާއި އެކަމަކު ހާލަތު ބަލަމުން ދާނެ ކަމަށެވެ.

ފީފާގެ ރަސްމީ ނިންމުން އިއްޔެ އައިއިރު މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އިރާގުން ވަނީ ބަސަރާގައި ސައުދީ އަރަބިއާއާ އެކު އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ސަލްމާން ބިން އިބްރާހިމް އަލް-ޚަލީފާ އެ މެޗު ބެއްލެވިއިރު، ވިދާޅުވީ އިރާގަށް ދީފައިވާ ސަސްޕެންޝަން އުވާލުމުގެ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ.

އިރާގުގައި ބައިނަލްއަގްވާމީ މެޗުތައް ނުބޭއްވޭ ގޮތަށް ފީފާ އިން ހެދީ 1990 ވަނަ އަހަރު އެ ގައުމުން ކުވޭތު ހިފުމާ ގުޅިގެން ހިނގައިދިޔަ ހާދިސާތަކާ އެކު އެވެ. ފީފާ އިން 2012 ވަނަ އަހަރު އެ ނިންމުން ބަދަލު ވެސް ކުރި އެވެ. އެކަމަކު އަރްބީލްގައި އިރާގާއި ޖޯޑަން ކުޅުނު މެޗެއްގެ ތެރެއިން ކަރަންޓު ދިއުމުން ފީފާ އިން ސަސްޕެންޝަން އުވާނުލަން ނިންމީ އެވެ.