ސިއެޓްލް (ޖޫން 27) - ގިނަ ފުރުސަތުތަކެއް ނާކާމިޔާބުވެ، 1-1 އިން މިސްރާ އެއްވަރު ވެގެން، އިރާނަށް ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގެ ޖާގައަކަށް އިންތިޒާރު ކުރަން ޖެހިއްޖެ އެވެ.

މެޗުގެ ފަސްވަނަ މިނިޓުގައި މިސްރުގެ މަހްމޫދު ސޭބާ ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އިރާން އެއްވަރު ކުރީ 14 ވަނަ މިނިޓުގައި ރާމިން ރަޒެއިއަން ޖަހައިދިން ގޯލުންނެވެ. އޭގެ ތިން މިނިޓު ކުރިން އިރާނަށް ލިބުނު ޕެނަލްޓީއެއް ވަނީ ނާކާމިޔާބު ވެފަ އެވެ. ކެޕްޓަން މަހްދީ ތަރޭމީ ފޮނުވާލި ޕެނަލްޓީ، މިސްރުގެ ކީޕަރު މޮސްތަފާ ޝޮބީރު ވަނީ ދިފާއު ކޮށްފަ އެވެ.

މެޗުގެ ފަހު ވަގުތު އިރާނުން ގޯލެއް ޖަހަން ކުރި މަސައްކަތްތަކުގައި، އިތުރު ވަގުތު ތެރޭ ވަނީ ގޯލު ވެސް ޖަހައިފަ އެވެ. ނަމަވެސް ވީއޭއާރުން، ގޯލު ޖެހި ޝޯޖޭ ޚަލީލްޒާދޭ އޮފްސައިޑް ކަމަށް ނިންމި އެވެ. އޭގެ ފަހުން ވެސް އެ ޓީމުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އެވެ.

މެޗަށް ފަހު އިރާންގެ ކުޅުންތެރިން.-- ފޮޓޯ: ބަރިއާ/ ރޮއިޓާސް
މެޗަށް ފަހު އިރާންގެ ކުޅުންތެރިން.-- ފޮޓޯ: ބަރިއާ/ ރޮއިޓާސް

ގުރޫޕް ޖީގައި ދެން ހިމެނޭ ބެލްޖިއަމް އާއި ނިއުޒިލެންޑް ބައްދަލު ކުރި މެޗު 5-1 އިން ކާމިޔާބު ކުރީ ބެލްޖިއަމް އެވެ.

ލިއަންޑްރޯ ޓްރޮސާޑްގެ ހަމައެކަނި ގޯލާ އެކު ބެލްޖިއަމް އިން ފުރަތަމަ ހާފު ނިންމާލި އިރު، އޭނާ ވަނީ ދެވަނަ ހާފުގެ ކުރީކޮޅު އިތުރު ގޯލެއް ޖަހައިފަ އެވެ. އެއަށް ފަހު ކެވިން ޑިބްރޭނާ އާއި ރޮމެލޫ ލުކާކޫ އަދި އެލެކްސިސް ސީލްމޭކާ ވެސް ގޯލެއް ޖެހި އެވެ. ނިއުޒިލެންޑްގެ ހަމައެކަނި ގޯލު ޖަހައިދިނީ އެލައިޖާ ޖަސްޓް އެވެ.

މި ނަތީޖާއާ އެކު ބެލްޖިއަމް އާއި މިސްރަށް ވެސް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ބެލްޖިއަމް އެއްވަނައިގައި އޮތީ ފައިދާ ހަތަރު ގޯލާ އެކު އެވެ. މިސްރަށް ލިބިފައި ވަނީ ފައިދާ ދެ ގޯލެވެ. މިއީ މިސްރު، ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ނޮކައުޓް ބުރަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

ބެލްޖިއަމްގެ ލަނޑަކަށް ފަހު ލުކާކޫ އާއި ކެވިން ޑިބްރޭނާ.-- ފޮޓޯ: ލީ ސްމިތު/ ރޮއިޓާސް
ބެލްޖިއަމްގެ ލަނޑަކަށް ފަހު ލުކާކޫ އާއި ކެވިން ޑިބްރޭނާ.-- ފޮޓޯ: ލީ ސްމިތު/ ރޮއިޓާސް

ބެލްޖިއަމް އާއި މިސްރުގެ އިތުރުން އިރާން ވެސް މި ގުރޫޕްގައި މެޗަކުން ބަލި ވެފަ އެއް ނުވެ އެވެ. ކޮންމެ މެޗަކުން ޕޮއިންޓެއް ހޯދައިގެން ޖުމްލަ ތިން ޕޮއިންޓާ އެކު އިރާން އޮތީ ތިންވަނައިގަ އެވެ. ނިއުޒިލެންޑް ނިންމާލީ އެއް ޕޮއިންޓާ އެކު އެވެ.

މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކޮންމެ ގުރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން، ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން ގަދަ އަށް ޓީމަށް ވެސް ނޮކައުޓް ބުރުން ފުރުސަތު ލިބޭނެ އެވެ.

އަށް ޓީމުގެ ތެރޭން ފަސް ޓީމަށް ޖާގަ ޔަގީން ވެފައި ވާއިރު، ބާކީ ތިން ޖާގައިގެ ތެރޭގައި މި ވަގުތު އެންމެ ކުރީގައި އޮތީ އިރާނެވެ.