ފުޅާ ދާއިރާއެއްގައި ތަފާތު ބާވަތްތަކުގެ ތަކެތި ވިއްކަމުން އަންނަ އެސްޓާސް އިން އައިފޯން 8 ވިއްކާ އަގު ހެޔޮކޮށްފި އެވެ.
އެސްޓާސްގެ މާކެޓިން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ ފިހާރައިން މިހާރު އައިފޯން 8ގެ 64 ޖީބީ 14،849ރ. އަށް، 256 ޖީބީ 18،998ރ. އަށް ލިބޭނެ ކަމަށެވެ. އަދި އައިފޯން 8 ޕްލަސްގެ 64 ޖީބީ 16،949ރ. އަށް، 256 ޖީބީ 19،849ރ. އަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއްފަހަރާ ފައިސާ ދެއްކުމުގެ ބަދަލުގައި ބަހާލައިގެން އެއް އަހަރު ތެރޭގައި ފައިސާ ދެއްކޭ ގޮތަށް ވެސް އެ ފޯނުތައް ވިއްކާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެގޮތުން ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ނަމަ ދައްކަން ޖެހޭނީ 3،000ރ.ގެ ޑައުންޕޭމަންޓެކެވެ.
"އަޅުގަނޑުމެން ބަލަނީ އަބަދުވެސް ކަސްޓަމަރުންނަށް ވީހާވެސް އެކަށީގެންވާ އަގެއްގައި ތަކެތި ވިއްކޭތޯ. އެގޮތުގެ މަތިން އަޅުގަނޑުމެން އައިފޯނު ވެސް މި ވިއްކާ އަގު ހެޔޮކުރީ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިފޯން 8 އާ އެކު ނެރުނު އެޕަލްގެ ހާއްސަ ފޯނު ކަމަށްވާ އައިފޯން 10 ވެސް އެ ފިހާރައިން ވިއްކާނެ ކަމަށެވެ. ނަމަވެސް، ވިއްކަން ފަށަން ހަމަޖެހިފައިވާ ތާރީހު ހާމައެއް ނުކުރެ އެވެ.
އައިފޯނުގެ އިތުރުން އެސްޓާސް އިން ގެންދަނީ، ފަރުނީޗަރުން ފެށިގެން ގޮސް، ކޮމްޕިއުޓާ ސިސްޓަމްތަކާއި ޓިވީ ފަދަ ގިނަ އެއްޗެހި ވެސް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ދޫކުރަމުންނެވެ.