އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ޗެއާމަނަކަށް އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އާއި އިންޑިއާގެ ކްރިކެޓުގެ ބޯޑުގެ އިސްވެރިޔާ ޖޭ ޝާހު އައްޔަނުކޮށްފި އެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު އަދި ވެރިކަންކުރާ ބީޖޭޕީގެ އިސް ލީޑަރު އަމިތު ޝާހުގެ ދަރިފުޅަށް މި މަގާމު ލިބިވަޑައިގެންނެވީ އިތުރު ކެންޑިޑޭޓަކު ވާދަނުކުރައްވާތީ އޮޓޮމެޓިކުންނެވެ.
މިހާރުގެ ރައީސް ނިއުޒީލެންޑުގެ ގްރެގް ބާކްލޭގެ ނިންމެވީ ތިން ވަނަ ދައުރަކަށް ކުރިމަތިނުލައްވާށެވެ. ޖޭ ޝާހު މަގާމާ ހަވާލުވެވަޑައިގަންނަވާނީ ބާކްލޭގެ ދައުރު ޑިސެމްބަރު މަހު ހަމަވުމުންނެވެ.
ޖޭ ޝާހު ވިދާޅުވީ އައިސީސީގެ ޓީމާއި މެމްބަރު ގައުމުތަކާ ކައިރިން މަސައްކަތްކޮށް ކްރިކެޓް އިތުރަށް ދުނިޔޭގައި މަގުބޫލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ކްރިކެޓް ބޯޑް ކަމަށްވާ އިންޑިއާގެ ކްރިކެޓް ބޯޑުގެ ސެކްރެޓަރީކަން 2019 ވަނަ އަހަރުން ފެށިގެން ކުރައްވަމުން އަންނަ އުމުރުން 35 އަހަރުގެ ޖޭ ޝާހު ވެގެންދާނީ އައިސީސީގެ އިސްވެރިޔަކަށް ވަޑައިގަންނަވާ އެންމެ ޒުވާން ބޭފުޅާ އަށެވެ.
ޖޭ ޝާހު ކްރިކެޓް އެޑްމިނިސްޓްރޭޝަންގެ ތެރެއަށް ވެންނެވީ އަހުމަދުއާބާދުގެ ކްރިކެޓް ބޯޑުގެ އެގްޒެކެޓިވް މެމްބަރެއްގެ ގޮތުގަ އެވެ. ފަހުން ގުޖުރާތު ކްރިކެޓް އެސޯސިއޭޝަނުގެ ޖޮއިންޓް ސެކްރެޓަރީކަން ކުރެއްވެވި އެވެ.
އައިސީސީ އަކީ 100 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ، އަދި ކްރިކެޓް ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް ރާވައި، އިންތިޒާމުކުރާ ޖަމިއްޔާ އެވެ. އެތަނުގެ ހެޑްކުއާޓާޒް ހުންނަނީ ދުބާއީގަ އެވެ.