ރާއްޖޭގައި ކްރިކެޓަށް 40 އަހަރު ހިދުމަތް ކުރެއްވި ފަރުހަތު ޖަލީލް މަސައްކަތް، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އަގުވަޒަންކޮށް ހާއްސަ އެވޯޑެއް ދީފި އެވެ.

އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ކުރިއަށް ދިޔަ އައިސީސީގެ އަހަރީ ކޮންގްރެސްގައި ފަރުހަތުގެ ފަރާތުން އެވޯޑާ ހަވާލުވެ ވަޑައިގެންނެވީ ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް އެވެ.

ދިވެހި ކްރިކެޓްގެ ލެޖެންޑް މއ. އިރުމަތީގޭ އަހުމަދު ޖަލީލްގެ ދަރިކަލުން ފަރްހަތު ވަނީ ކްރިކެޓް ކުޅުއްވުމުގެ އިިތުރަށް އަމްޕެއަރެއްގެ ދައުރު އަދާކުރައްވައިފަ އެވެ. އަދި ކްރިކެޓް ބޯޑްގެ ނައިބު ރައީސްކަން ވެސް ކުރެއްވި ފަރްހަތު ވަނީ ކްރިކެޓް ހިންގުމުގައި ވެސް އުޅުއްވައިފަ އެވެ.

ކްރިކެޓްގައި އޭނާގެ އެންމެ ފާހަގަ ކުރެވޭ ހިދުމަތަކީ، ރާއްޖޭގެ އެންމެ ބޮޑު ކްރިކެޓް އެކަޑަމީ، މިލާން އެކަޑަމީގެ މަސައްކަތެވެ. މީގެ 13 އަހަރު ކުރިން އޭނާ ފެއްޓެވި އެ އެކަޑަމީން ތަމްރީންވި ކުޅުންތެރިން ދަނީ ރާއްޖޭގެ ސީނިއާ ޓީމަށް ވެސް ކުޅެމުންނެވެ.

ފަރުހަތުގެ އެވޯޑާ ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ވ) ހަވާލުވެ ލައްވަނީ: ރާއްޖޭގެ ކްރިކެޓަށް 35 އަހަށް ވުރެ ދިގު މުއްދަތަކަށް ފަރުހަތު ވަނީ ހިދުމަތް ކުރައްވާފަ --- ފޮޓޯ: ކްރިކެޓް ބޯޑް
ފަރުހަތުގެ އެވޯޑާ ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ވ) ހަވާލުވެ ލައްވަނީ: ރާއްޖޭގެ ކްރިކެޓަށް 35 އަހަށް ވުރެ ދިގު މުއްދަތަކަށް ފަރުހަތު ވަނީ ހިދުމަތް ކުރައްވާފަ --- ފޮޓޯ: ކްރިކެޓް ބޯޑް

ސްކޫލް ނިންމުމަށް ފަހު 1986 ވަނަ އަހަރުން ފެށިގެން 1996 ވަނަ އަހަރާ ހަމައަށް ކުޅުން ހުއްޓާލައްވަންދެން މެދު ނުކެނޑި ފަރުހަތު ވަނީ ކްރިކެޓް ކުޅުއްވައިިފަ އެވެ. ގައުމީ ޓީމަށް ވެސް ކުޅުއްވި ފަރުހަތު އޭގެ ފަހުން މަސައްކަތް ފެއްޓެވީ ކްރިކެޓް އަމްޕއަރެއްގެ ގޮތުގައި އެވެ. އަދި ކްރިކެޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

ސްކޫލް ދައުގައި ފަރުހަތު އާއި އޭނާގެ ބައެއް އެކުވެރިން ވަނީ، އޭނާގެ މިހާރުގެ ގެ، މއ. މިލާންގެ ގޯތިތެރޭގައި ފީހިފިލުވުމުގެ ގޮތުން ކްރިކެޓް ކުޅުއްވައިފަ އެވެ. އޭރު ކުޅުނު ބައެއް ކުޅުންތެރިންނަށް ރަސްމީ މުބާރާތްތަކުން ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މިލާން ކްރިކެޓް ކްލަބްގެ ނަމުގައި ކްލަބެއް ރަޖިސްޓްރީ ކޮށްދިނީ ޗަމްޕާ ހުސައިން އަފީފް އާއި އިބްރާހިމް ނޫރައްދީންގެ އިސްނެންގެވުމުގެ މަތިންނެވެ.

ކްރިކެޓްގެ އެންމެ ކާމިޔާބު ގައުމު އޮސްޓްރޭލިއާގެ ބްރިސްބަންގައި އޮސްޓްރޭލިއާ ކްރިކެޓް ބޯޑުގެ ކޯޗިންގެ ލެވަލް 2 ގެ ލައިސެންސް ހާސިލު ކުރި ފަރުހަތު، ކޯޗެއްގެ ގޮތުގައި 2000 ވަނަ އަހަރު މަސައްކަތް ފެށި ފަރުހަތު ވަނީ އޭޝިއަން ކްރިކެޓް ކައުންސިލްގެ އަމްޕެއާ ލެވަލް 2 ގެ ލައިސެންސް ވެސް ހާސިލު ކޮށްފަ އެވެ.

ފަރުހަތު އިސްނަގައިގެން މިދިޔަ އަހަރު އޭނާގެ އަމިއްލަ ހަރަދުގައި ކްރިކެޓް މިޔުޒިއަމެއްގެ ކޮންސެޕްޓަށް ކްރިކެޓް ލޯންޖެއް ކްރިކެޓް ބޯޑުގައި ހުޅުއްވި އެވެ. އޭނާގެ ބައްޕަގެ ނަމަށް ނިސްބަތްކޮށް ހުޅުވި ލޯންޖަށް ނަން ދީފައި ވަނީ "ޖަލީލް މާލަމް" ގެ ނަމުންނެވެ. ކުޅިވަރަށް ހިދުމްތް ކުރުމުގެ ރޮނގުން 2003 ވަނަ އަހަރު ޒުވާނުންގެ އިނާމާއި 2015 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ފަރުހަތަށް ލިބިވަޑައިގެންނެވި އެވެ.

"އަޅުގަނޑުގެ މަސައްކަތް ބަލައިގަނެ އެވޯޑެއް ދިނުމަކީ މިއީ ވަރަށް ބޮޑު ޝަރަފެއް،" މިހާރު ވެސް ކްރިކެޓްގެ ހިދުމަތުގައި ހުންނެވި ފަރޫ ވިދާޅުވި އެވެ.