ރޭގަނޑު އެއްގޮތަކަށް ވެސް ނުނިދެ އެވެ. ކޮޓަރީގައި އޮންނަނީ ރޯލަ ރޯލަ އެވެ. ހާސްވެ މީހާ ހުންނަނީ ހިތްބިރުގެންފަ އެވެ. ކުރިއަށްދާނެ މަގު ބަންދުވެ ދިރިއުޅުން މަތިން ފޫހިވެފަ އެވެ. އެ އުނދަގުލާއި ވޭނުގައި އެތައް އަހަރެއް ވޭތުކޮށްފި އެވެ. ނަމަވެސް އެއީ ޔުމްނާ ރަޝީދު (ޔުމް) ފަސްއެނބުރި ބަލަން ބޭނުން ނުވާ އޭނާގެ ހިތްދަތިި މާޒީ އެވެ.

ޑިޕްރެޝަނާއި އެންޒައިޓީ އަދި އިންސޮމްނިއާގެ އިތުރަށް ހަކުރު ބައްޔާއި ހުދުބަލީގެ ސަބަބުން ކުރިމަތިވި ތައިރޮއިޑުގެ ސަބަބުން ޔުމް އުޅެމުން ދަނީ ވަރަށް އުނދަގޫ ދިރިއުޅުމެކެވެ. އެ ބޯވިލާގަނޑުގެ ތެރޭގައި ދިރިއުޅުން ވޭތުކުރަމުން ދަނިކޮށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ، ކުޑަކުދިންގެ އެނދުގައި ބަހައްޓާ މޮބައިލް އަދި އާޓްގެ އެހެން މަސައްކަތްތަކަށް ހާއްސަ "ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް" އުފަންވި ހިސާބުންނެވެ.

ޔުމް، 38، ބުނާގޮތުން އެ މަސައްކަތަކީ މާތްﷲ އޭނާއަށް ދެއްވި ރަހުމަތެކެވެ. އޭގެ ސަބަބުން ހީވެސް ނުކުރާ ވަރަށް ދިރިއުޅުން އުޖާލާވެ، ބަދަލުވެގެން ދިޔަ އެވެ.

"އެ ބަލީގެ ސަބަބުން އަޅުގަނޑު އިނީ ބޯހާސްވެފައި، މީހާ މޮޔަވާން ކައިރިވެފައި. އެ ވަގުތު އަޅުގަނޑު މެނޭޖްކުރި ވަރު ރަނގަޅުކަމުން ވަރަށް ޕްރޮޑަކްޓިވް، އާދަޔާ ހިލާފު އައުޓްކަމް އެއް އަޅުގަނޑަށް އެއިން ނެރެވުނީ. ކުރީގައި އަޅުގަނޑަށް މި ވީ ގޮތް ވެސް މިހާރު އަޅުގަނޑު ހަނދާނެއް ވެސް ނުހުރޭ. އެހާ ވެސް އެ [ހިތްދަތިކަމުން] ނުކުމެވިއްޖެ،" މާސް ކޮމިއުނިކޭޝަން ދާއިރާއިން މެލޭޝިޔާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ޔުމް ބުންޏެވެ.

"އަޅުގަނޑު 100 ޕަސެންޓް ގަބޫލުކުރަން މި [ގިފްޓް ބާސްކެޓް މޯލްޑިވްސް] އަކީ ބްލެސިންއެއް ކަމަށް އަޅުގަނޑަށް އައި. އެހެންނޫނީ އަޅުގަނޑަކީ ފަހަން އިނގޭ މީހެއް ނޫން. އެއްގޮތަކަށް ވެސް ފަހަން އިނގޭ މީހެއް ނޫން. ކްރާފްޓް ވޯކް ހެދި މީހެއް ނޫން."

އަރާމު ނިދިން ލިބޭ އުފަލެއް ނޭނގޭ

ސްކޫލަށް ދިޔަ ދުވަސްވަރު އަދި އޭގެ ފަހުން ޔުނިސެފާއި ވޯލްޑް ބޭންކުގައި މަސައްކަތްކުރިއިރު ވެސް ހެނދުނު އޮފީހަށް ދިއުން ވީ ޔުމް އަށް އުނދަގޫ ކަމަކަށެވެ. މީހާގެ ހާލަތު ގޯސްވާން ފެށީ ދޮއްޓަށް ހުރި 12 އަހަރުގެ ފިރިހެން ދަރިފުޅު ވިހައިގެން ވަޒީފާއިން ވަކިވެ ގޭގައި ހުންނަން ފެށި ހިސާބުންނެވެ.

އޭރުން ފެށިގެން ނަފްސާނީ ބަލީގެ އެކި ޑޮކްޓަރުންނަށް ދައްކައި ބޭސް ކާން ފެށި އެވެ. ހަގަށް ހުރި ފަސް އަހަރުގެ އަންހެން ކުއްޖާއަށް ބަނޑުބޮޑުވުމާ ހަމައަށް ޔުމް ނިދީ ވެސް ބޭހުގެ އެހީގަ އެވެ. އެންޒައިޓީ އާއި ޑިޕްރެޝަނަށް ވެސް ހައްލު ހޯދީ ބޭހުންނެވެ.

ނަމަވެސް ޑޮކްޓަރުންގެ ލަފަޔާއެކު ހަގު ދަރިފުޅަށް ހަ މަހުގައި އޭނާ އަނެއްކާ ވެސް ނިދާ ބޭސް ކާން ފެށި އެވެ. ކަންދިމާވީ ވަރަށް ދެރަކޮށެވެ.

"ބޭސް ކެއީމަ ނިދީގައި ހިނގުމާއި އަސްލު ނޫން ބިރުވެރި މަންޒަރުތައް ފެންނަން ފެށީ. މިކަން ހައްލުކުރަން އެކިއެކި ބޭސް ބަދަލުކުރިން. އެކަމަކު އެއްވެސް ބޭހެއް މަސައްކަތެއް ނުކުރި. އެހެންވެ، އަޅުގަނޑަށް މަޖުބޫރުވީ ބޭސް ބޭނުންކުރުން ހުއްޓާލަން. އޭގެ ފަހުން ބޭހެއް ނުކަން،" ނިދާ ބޭހާއި ޑިޕްރެޝަން އަދި އެންޒައިޓީއަށް ބޭސް ކެއުން ހުއްޓާލިތާ ފަސް އަހަރުވިއަސް ތައިރޮއިޑާއި ހަކުރު ބައްޔަށް ގަވައިދުން ބޭސް ބޭސްކުރަމުން އަންނަ ޔުމް ބުންޏެވެ.

އޭނާ ބުނީ ބާލީހުގައި ބައްދާލައިގެން އަރާމުކޮށް ނިދާލަން ބޭނުންވާ ކަމަށެވެ. އެކަމަކު، އެއިން ލިބޭ އުފަލެއް މިހާރު ނޭނގޭ ކަމަށް ޔުމް ބުނެ އެވެ.

"އަޅުގަނޑު ހަނދާނެއް ނެތް އާއްމު، ނޯމަލް އިންސާނެއް ހެން ނިދާލެވުނު ދުވަހެއް އަޅުގަނޑު ހަނދާނެއް ނެތް. ބައެއް ފަހަރު ހުންނަން ދެ ދުވަހު ނުނިދާ ވެސް، ނިދޭތޯ އަނެއް ދުވަހު. ދަތުރެއް ކޮށްފައި އަޔަސް ވަރުބަލިވެގެން މީހުންނަށް ނިދޭނު. އެހެން ވެސް އަޅުގަނޑަކަށް ނުވޭ. ވަރަށް ދެރަވޭ ނުނިދުނީމަ،" ދެ ކުދިންނާއި ފިރިމީހާގެ އިތުރުން އާއިލާގެ ބޮޑު އެހީތެރިކަމަކާއެކު އަމިއްލަ ވިޔަފާރި ކުރަމުން އަންނަ ޔުމް ބުންޏެވެ.

ގިފްޓް ބާސްކެޓް މޯލްޑިވްސް؛ ދިރިއުޅުން ބޮޑު ބަދަލަކަށް

ހަގު ދަރިފުޅަށް ދެ އަހަރުވީ ފަހުން ކޮންމެ ވެސް މަސައްކަތެއް ކުރަން ޔުމް ބޭނުންވެއްޖެ އެވެ. އެހެންވެ، ޔޫޓިއުބުން ވީޑިއޯއާ އެއްޗެހި ބަލައިގެން އޭނާ އެންމެ ފުރަތަމަ ދަސްކުރީ އެއްލާލާފައި ހުންނަ ފުޅިއާ ކަރުދާހާ ބިސް ހުސްކުރި ޓްރޭ ފަދަ ތަކެތި ބޭނުންކޮށްގެން އެއްޗެއް ހަދާލާށެވެ. އެއަށްފަހު، އޭނާގެ ޝައުގު ހުއްޓުނީ ފެހުމަށެވެ.

އެންމެ ފުރަތަމަ ކަސްޓަމަރުގެ އޯޑަރަށް ޔުމް ތައްޔާރުކުރި ޔުނިކޯނެއް.-
އެންމެ ފުރަތަމަ ކަސްޓަމަރުގެ އޯޑަރަށް ޔުމް ތައްޔާރުކުރި ޔުނިކޯނެއް.-

"މަންމަ އަކީ ފަހާ މީހެއް، ބައްޕަ އަކީ ރާއްޖެއަށް ވެސް މަޝްހޫރު ފެހުންތެރިއެއް. މާމަ ފަހާނެ. އެކަމަކު އަޅުގަނޑު މިއީ ދުވަހަކު ވެސް ފަހާ ފޮއްޓެއްގައި އަތްލި މީހެއް ނޫން. އެހެންވެ، ފަހާފޮށި ފަންކްޝަން ކުރާ ގޮތް ދަސްކުރަމުން އެ މަސައްކަތް ކުރަމުން ދިޔައީ. އެކަމުގެ ތެރޭގައި އާއިލާ ކުދިންނަށް އެކި ވައްތަރުގެ ހަދިޔާ ހަދައިދިނިން،" ޔުމް ބުންޏެވެ.

މާދަމާ ފަށާ މަމްސް އެކްސްޕޯގައި ބައިވެރިވި ޔުމްއަށް ފުރަތަމަ އޯޑަރު ލިބުނީ އެގޮތަށް ދަސްކުރަމުން ދަނިކޮށެވެ. އަނެއްކާ ވެސް ހާސްވެ ބިރުގަންނަން ފެށި އެވެ. ނަމަވެސް ޔުމް އެކަން ނެގީ ޗެލެންޖެއްގެ ގޮތުގަ އެވެ. އޭގެ ފަހުން "ގިފްޓް ބާސްކެޓް މޯލްޑިވްސް" ގެ ކުޑައިގެ ދަށުން އެންމެ ފުރަތަމަ ތައްޔާރުކޮށް ނެރުނީ ކުޑަކުދިންގެ އެނދުގައި ހަރުކުރާ މޮބައިލަކާއި ބާލީހެކެވެ. އޭގެ ފަހުން މިހާތަނަށް 500 އަށްވުރެ ގިނަ ތަކެތި އަމިއްލައަށް ތައްޔާރުކޮށްފި އެވެ.

މަސައްކަތް ނިންމައި ކަސްޓަމަރާ ހަވާލުކުރުމުން ލިބުނު ހެޔޮ ބަހުން އޭނާއަށް އިތުރަށް ހިތްވަރު ލިބުނެވެ.

ޔުމް، އޭނާގެ ދަރިފުޅަށް ތައްޔާރުކުރި އެންމެ ފުރަތަމަ ގިފްޓް.-
ޔުމް، އޭނާގެ ދަރިފުޅަށް ތައްޔާރުކުރި އެންމެ ފުރަތަމަ ގިފްޓް.-

"ކަސްޓަމާ ހިތްހަމަޖެހިގެން ހާދާ ރީއްޗޭ، މާޝާﷲ ހާދަ ރީއްޗޭ ބުނި ހިސާބުން އަސްލު އަޅުގަނޑަށް ކޮންފިޑެންސް ލިބުނީ މިކަން ވެދާނެކަން އަސްލުގައި. ދެ ކަސްޓަމަރެއްގެ ފީޑްބެކް އެއްގޮތަކަށް ލިބުނީމަ ދެން ހިތަށްއެރީ ހަމަ މިގޮތަށް ވާނެއޭ، އަދި އިރާދަކުރެއްވިއްޔާ މިއަށްވުރެ ރަނގަޅަށް ވެސް މިކަން ކޮށްދެވޭނެއޭ،" އަމިއްލައަށް ޑިޒައިންކޮށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓުތަކާ ގުޅޭގޮތުން ޔުމް ބުންޏެވެ.

ނަމަވެސް ފުރަތަމަ ދެ ތިން އޯޑަރަށްފަހު ދެ ތިން މަސް ދިޔައީ އެއްވެސް މަސައްކަތެއް ނުލިބި އެވެ. އެހެންވެ، އެކަން ހުއްޓާލަން ވެސް ޔުމް ބޭނުންވި އެވެ.

"ހިތަށްއެރި ނުވާނެއޭ ހުއްޓާލަންވީއޭ، ނުވާނެއޭ ހުއްޓާލަންވީއޭ. އެކަމަކު ވެސް ހިތްވަރު އެލުވާލާފައި ކުރީ. ހެވޭ ފެއިލްވިޔަސް. ހެވޭ މީހަކަށް ނުފެނުނަސް. ހެވޭ މީހަކު ނުގަތަސް. ހިތަށް އަރާފައި ހަމަ ކުރީ. އެކި ކަހަލަ ޕްރޮޑަކްޓްސް އަޅުގަނޑު ހެދީ،" ޔުމް ބުންޏެވެ.

ހަށިން ބުންވަރު ނެރެ ހިތްވަރު ލާފައި ޔުމް އެޅީ އެއް ފިޔަވަޅު ކުރިއަށެވެ. އޭގެ ފޮނިކަން ގިފްޓް ބާސްކެޓްގެ ފޭސްބުކް ޕޭޖުން ފެނެ އެވެ. ފާއިތުވި ދެ ތިން އަހަރުގެ ތެރޭގައި ޕޭޖަށް 10،000 އަށްވުރެ ގިނަ ލައިކްސް ލިބިއްޖެ އެވެ.

ދަރިންނާއި ގޭތެރޭގެ ކަންތައް ކޮށް ނިންމުމަށްފަހު އެ މަސައްކަތްކުރަން ޔުމް އިށީންނަނީ ވެސް ދަންވަރު 12:00 އިން ފަތިހު 4:00 އަށެވެ. ކިތައްމެ ކުޑަ ވަގުތުކޮޅެއް ލިބުނަސް ފާއިތުވި 2-3 އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތާ މެދު އޭނާ ހިތްހަމަޖެހެ އެވެ.

"މޮބައިލްސް އަކީ ވަރަށް ކަވި މަސައްކަތެއް. ކެފުމާއި ފެހުމާ ދެން އޭގައި އެއްޗެހި ތަތްކުރުމާ. އެ މަސައްކަތުގައި އަޅުގަނޑަށް 200 އަށްވުރެ ގިނަ މޮބައިލްސް ހެދުން އެއީ ވަރަށް ބޮޑު ކާމިޔާބީއެއް. އޭގެ އިތުރުން ބާލީހާ، އޭތި މީތި ހަދަން،" މިހާރު ވެސް އީދު ބަންދާ ދިމާކޮށް ލިބުނު ގިނަ އޯޑަރުތަކުގައި އަވަދިނެތި އުޅެމުން އަންނަ ޔުމް ބުންޏެވެ.

ކޮވިޑުގެ ކުރިން ރާއްޖެއިން ބޭރުން އެއްޗެހި ގެނެސްގެން، އަމިއްލައަށް ފަހައިގެން އޭނާއަށް އެންމެ ފުރަތަމަ މޮބައިލެއް ހެދުނީ 7-8 ދުވަހުންނެވެ. މަސައްކަތުގެ ސްޕީޑު އަވަސްވުމާއި މެޝިނު ބޭނުންކުރަން ފެށުމުން މިހާރު 2-3 ދުވަހުގެ ތެރޭގައި މޮބައިލެއް ނިންމާލަ އެވެ. އަދި މޮބައިލް އޯޑަރެއް ނަގައިފިނަމަ އިތުރު އޯޑަރެއް ޔުމް ނަގަނީ ފަސް ދުވަސް ކުރިއަށް ލައިފަ އެވެ.

އެކަން ފެށި ފުރަތަމަ އަހަރު އޭނާއަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީ ގޭގައި މަސައްކަތްކުރާނެ ރަނގަޅު ތަނެއް ތައްޔާރުކޮށްދިނީ ފިރިމީހާ އެވެ. ޔުމް އަމިއްލައަށް ގަތީ ފޮތިކޮޅެކެވެ.

ބައްޔަށް ލިބުނު އެއް ފަރުވާއަކީ ނަމާދު

އެހެން ބަޔަކާ ގުޅިގެން ސްކޫލަކާއި ރެސްޓޯރެންޓެއް ހުޅުވައި އެ ދެ ވިޔަފާރީގެ ވަކި ހިސާބަކުން ވަކިވާންޖެހުމާއި އެހެން މީހުންގެ ފަރާތުން އިވެމުން ދިޔަ ވާހަކަތަކުން ޔުމް އަށް ވެސް ގޯސްކުރެވުނީ އޭނާގެ އަމިއްލަ ނަފްސެވެ.

ބޭކާރު މީހެއްގެ ގޮތުގައި ވިސްނި ދުވަހަކު ވެސް ކާމިޔާބު ނުލިބޭނެ ކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ.

"އަޅުގަނޑަކީ ހޯޕްލެސް ވެފައި އިން މީހެއް ހުރިހާ ގޮތަކުން ވެސް،" ޔުމް ބުންޏެވެ.

"އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ފަރުވާއަކީ ދީނީ އަޅުކަންތައް ބަރާބަރަށް އަދާކުރުމުގައި ދެމިހުރުން. ރޭގަނޑު ނުނިދުނީމަ ދަމު ނަމާދު، ފަތިސް ނަމާދު ވެސް ބަރާބަރަށް ކުރަން ފެށިން....އަޅުގަނޑަކީ ނިދުމެއް، ޑިޕްރެޝަން އަދި އެންޒައިޓީ ހުރެ ވެސް މިކަމަށް އިތުރު އެއްވެސް ފަރުވާއެއް ކުރާ މީހެއް ނޫން މިހާރު،" ޔުމް ބުންޏެވެ.

"ކުރިއާ އަޅާބަލާފައި އަޅުގަނޑަކީ 100 ޕަސެންޓް ތަފާތު މީހެއް. މީހުންނަށް ވެސް ވަރަށް ބޮޑަށް އެތަންކޮޅު ފާހަގަވެގެން ބުނޭ."

ވިޔަފާރީގައި ފުލްޓައިމްކޮށް އުޅެ، އަމިއްލަ ފިހާރައެއް ހުޅުވައި އުފެއްދުންތައް ބޭރު ދުނިޔެއަށް މާކެޓުކުރުމުގެ އުއްމީދުގައި ހުރި ޔުމްގެ ދިރިއުޅުމުން ފެންނަ އަދި އޭނާ ދޭ ނަސޭހަތަކީ ވެސް މިއީ އެވެ؛ އިންސޮމްނިއާ އަދި ޑިޕްރެޝް ހުއްޓަސް ހާސިލްކުރަން ބޭނުންވާ ކަމެއް ނުކޮށް މަޑުން ނުހުންނާށެވެ. އަމިއްލަ ހިތްހަމަޖެހުމަށް ނަމަވެސް ކޮންމެ ވެސް ކަމެއްގައި ބައިވެރިވާށެވެ. އެހެންނޫނީ، ޔުމްގެ ކުރިމަގެއް ނުފެނި ދިރިއުޅުން އޮންނާނީ ހުއްޓިފަ އެވެ.