ރޭގަނޑު ނިދަން އުނދަގޫވުމަކީ ވަރަށް ބޮޑު ވޭނެކެވެ. ބައެއް މީހުންނަށް މިކަން ބައްޔަކަށް ވެސް ވެ އެވެ. މި މައްސަލަ މާބޮޑަށް ނެތް ނަމަވެސް ނުނިދި، އެނދުގައި ފުރޮޅެން އޮންނަން ޖެހުމަކީ ވަރަށް ގިނަ ބަޔަކު ތަޖުރިބާކުރާ ކަމެކެވެ.

ހަށިގަނޑާއި ސިކުނޑި ހަމަޔަކަށް އަޅުވައި އަވަހަށް ނިދަން އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ ކަމަށް ބުނެ ޓެކްނިކެއް "ރިލެކްސް އެންޑް ވިން: ޗެމްޕިއަންޝިޕް ޕާފޯމަންސް" ކިޔާ ފޮތެއްގައި ލިޔެފައިވެ އެވެ. މިއީ 1981 ވަނަ އަހަރު ޝާއިއުކުރި ފޮތެކެވެ. އެ ފޮތުގައި ބުނާ ގޮތުން މިއީ ސިފައިން އެ މީހުންގެ ބުރަ މަސައްކަތަށް ފަހު އަރާމުކޮށް ނިދުމަށް ބޭނުންކުރާ ޓެކްނިކެކެވެ. މި ކަންތައް ހަ ހަފުތާ ވަންދެން ޕްރެކްޓިސް ކޮށްފި ނަމަ، މިއީ 96 ޕަސެންޓް ކާމިޔާބު ގޮތެއް ކަމަށް ފޮތުގައި ބުނެފައިވެ އެވެ.

އެންމެ ދެ މިނެޓުން ނިދިދާނެ ކަމަށް ބުނާ ގޮތް

އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މޫނުމަތީގެ މަސްތައް ރިލެކްސް ކޮށްލުމެވެ. ދުލާއި ކޯ ކަށިގަނޑާއި ލޮލުގެ ވަށައިގެންވާ މަސްތައް ވެސް ރިލެކްސް ކޮށްލާށެވެ.

އޭގެ ފަހުން ދެ ކޮނޑުން ވާގި ދޫކޮށްލައި ވީހާވެސް ތިރިއަކަށް ސޮއްސައިލާށެވެ. މުލައްދަނޑިން ވެސް ވާގި ދޫކޮށްލައި، އެއްފަހަރު ކަނާތްފަރާތުގައި އަނެއް ފަހަރު ވާތްފަރާތަށްވާ ގޮތަށް ބާއްވާލާށެވެ.

ދެން ޖެހޭނީ ފުންކޮށް ނޭވާލާށެވެ. މެޔަށް އަރާމުވާ ގޮތަށް ނޭވާ ބޭރަށް ލާށެވެ. އަދި އޭގެ ފަހުން ދެ ފައި ރިލެކްސް ކޮށްލާށެވެ. މިކަން ކުރާނީ ފަލަމަސްގަނޑުން ފެށިގެން ގޮސް ފައިގެ އެންމެ ތިރިއަށްވާ ގޮތަށެވެ.

މިހާރު އޮންނަން ޖެހޭނީ މުޅި ހަށިގަނޑު ރިލެކްސްވެފަ އެވެ. އެގޮތަށް 10 ސިކުންތު ވަންދެން އޮތުމަށް ފަހު ދެން ކުރަން ޖެހޭނެ ކަމަކީ ބޭކާރު ވިސްނުންތަކުން ސިކުނޑި ހުސްކޮށް، ހަމަޖެހިލުމެވެ. މިކަން ކުރުމަށް، ހިތަށް ޚިޔާލީ މަންޒަރުތަކެއް ގެންނަން ޖެހެ އެވެ. އެގޮތުން، އޮއެވަރު ނެތް ކޯރެއްގައި، ކެނޯއެއްގައި އޮށޯވެ ސާފު ނޫ އުޑަށް ބަލަހައްޓައިގެން އޮތް ކަމަށް ހީކޮށްލާށެވެ. ނުވަތަ ހިމޭން، އަނދިރި ކޮޓަރިއެއްގައި އޮތް ކަމަށް ހީކޮށްލާށެވެ.

މި ހިސާބުން، ނުވިސްނާ، ނުވިސްނާ، ނުވިސްނާ، މިހެން ތަކުރާރުކޮށް ކިޔާށެވެ.

ފޮތުގައި ބުނަނީ މިގޮތަށް، މި ކަންތައްތައް ކުރަން ފަރިތަވުމުން އެންމެ ދެ މިނެޓް ތެރޭ ނިދީގެ ތެރެއަށް ގޮސް ގެއްލިދާނެ ކަމަށެވެ.