އެމެރިކާގެ މަޝްހޫރު ތަރި ޖެނިފާ އެނިސްޓަން އަށް ރަނގަޅަށް ނުނިދޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް އޭނާ ވަނީ މީގެކުރީން ބުނެފަ އެވެ. އެކަމަށް ހައްލެއް ހޯދުމަށް އެކި ކަންތައް ކޮށްފައިވާއިރު އެ ކަންކަމުގެ ތެރެއިން ނަތީޖާ ލިބެނީ މަދު ކަމަކުންނެވެ. އެނިސްޓަން މިހާރު ވަނީ އެކަންތައްތައް ކިޔައިދީފަ އެވެ.
އުމުރުން 53 އަހަރުގެ ޖެނިފާ ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ އަށް ނިދަން އުނދަގޫވާތާ މިހާރު 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ. "ނިދަން އެންމެ ފުރަތަމަ އުނދަގޫވާން ފެށިއިރު، އުމުރުން 30 އަހަރު ވެސް ނުވާނެ. އެކަމަކު ނިދަން އުނދަގޫވާ ކަމުގެ އަސަރުތައް ޒުވާން އުމުރުގައި އެހާ ފަސޭހައިން ނޭނގޭނެ،" އޭނާ ކިޔައިދިނެވެ.
އެކަމާ ގުޅިގެން "ސްލީޕިން އެންޒައިޓީ" އުފެދި އެކަންތައް "އިންސޮމްނިއާ" އަށް ބަދަލުވެގެން ދިޔަ އެވެ. އޭގެ ފަހުން އެކަމަށް ހައްލެއް ހޯދުމަށް އެކި ކަންތައް ކޮށްފައިވެ އެވެ.
ކުރި ތަޖުރިބާއިން އޭނާ ބުނީ ނަތީޖާ ނެރެވޭ އެންމެ މުހިންމު ކަމަކީ ނިދާ ގަޑި ރޫޓީން ކުރުން ނުވަތަ ވަކި ވަގުތަކު ނިދައި އަދި ހޭލަން ފެށުމެވެ. ނިދަން ދާން ކޮންމެ ދުވަހެއްގެ ވަކި ވަގުތެއް ކަނޑައަޅާފައި އޮންނަ ނަމަ ނިދުމަށް އެހީތެރިވާނެ އެވެ. އޭގެ ސަބަބުން ދުވާލާއި ރޭގަނޑު ވަކި ކުރަން ހަށިގަނޑަށް ފަސޭހަވާނެ އެވެ.
ދެވަނަ ކަމަކަށް އެނިސްޓަން ފާހަގަކުރަނީ ނިދަން އޮށޯތުމުގެ ކުރިން ކުޑަކޮށް ހަށިގަނޑު "ސްޓްރެޗް" ކޮށްލުމެވެ.
ނިދަން އޮށޯތުމުގެ 15 ވަރަކަށް މިނެޓު ކުރިން ހުރިހާ ޓެކްނޮލޮޖިކަލް ޑިވައިސްތައް، ހާއްސަކޮށް ސްކްރީންތައް ބޭނުންކުރުން ހުއްޓާލުން ވެސް ވަރަށް މުހިންމު ކަމަށާއި އެހެން ހެދުމުން ވެސް ނިދަން ފަސޭހަކަން އެނިސްޓަން އަށް ވަނީ ތަޖުރިބާ ކުރެވިފަ އެވެ.
އެކަމަކު އޭނާ ބުނީ އެކި މީހުންނަށް މަސައްކަތްކުރާނީ އެކި ކަންތައް ކަމަށާއި ކޮންމެ މީހަކު ވެސް އެކި ކަންކަން ތަޖުރިބާކޮށް ރަނގަޅު ގޮތެއް ހޯދަންޖެހޭނެ ކަމަށެވެ.