މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރި ރާއްޖޭގެ ކޮންޓިންޖެންޓް މަތިންދާބޯޓުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާ އެކު، މާލޭގެ އިއްޒުއްދީން ފާލަން ކައިރީގައި އެއްވެ ތިބި އެންމެން އިންތިޒާރު ކުރަމުން އައީ ޝަރަފްވެރި ވަނަތައް ހޯދި ކުޅުންތެރިންނަށެވެ.
ގަައުމީ ކުލަތަކުން ޒީނަތްތެރި ކޮށްފައިވާ ފެރީތަކުގައި ގައުމީ ޓީމުތަކުގެ ކުޅުންތެރިން އިއްޒުއްދީން ފާލަމަށް ފޭބުމާ އެކު، އެ ތަނަށް އެއްވެ ތިބި އެންމެން ވަރަށް ބޮޑަށް އުފަލުން ފޯރި ނެގި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިން އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވި ސްޓޭޖު ކައިރިއަށް ރަސްމީ ޝަރަފްގައި ކުޅުންތެރިން ގެންދިޔައިރު، ރާއްޖޭގެ ކޮންޓިންޖެންޓުގެ ކުރީގައި ތިބީ އެންމެ ޝަރަފުވެރި ކުޅުންތެރިންނެވެ. އެއީ، ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ގައުމީ ދިދަ އުފުލި އަހުމަދު ޒަބީރުގެ އިތުރުން، ރަން މެޑަލްތައް ހޯދި ޓީޓީ ދެ ކުޅުންތެރިން ކަމަށްވާ އުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި އުމުރުން 16 އަހަރުގެ އައިޝަތު ރަފާ ނާޒިމް އަދި ބެޑްމިންޓަނުގެ ތާރީހުގައި ލިޔެވިގެންދާނެ އުމުރުން 21 އަހަރުގެ އާމިނަތު ނަބީހާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ލީޑަރުންގެ އިތުރުން ގައުމީ ޓީމުތަކުގެ އެހާރާއި މިހާރުގެ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާ މެމްބަރުން ޖުމްހޫރީ މައިދާން ވަށާލާފައި ތިބިއިރު، މިހާރުގެ ގައުމީ ޓީމުތަކުގެ ކޮންމެ ކުޅުންތެރިއެއްގެ މޫނުމަތިން ވެސް ފެނުނީ އުފާވެރި ކަމެވެ. އެއީ ރާއްޖޭން މި ފަހަރުގެ އައިއޯއައިޖީ އަށް ކަނޑައެޅި ޓާގެޓް ކަމަށްވާ 15 މެޑަލް ހާސިލް ވުމެވެ. ރާއްޖޭގެ ކުޅިވަރު ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީގައި މެޑަލް ހޯދައިދިން ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބީޗް ވޮލީ އަދި އެތުލެޓިކްސް އެވެ.
މޮރިޝަސްގައި މި ފަހަރު ބޭއްވި ގޭމްސްގައި ރާއްޖޭން ވަނީ ހަތަރު ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުންނެވެ. އެއީ އަންހެން ސިންގަލްސް ބައިން ފާތިމަތު ދީމާ ހޯދި ރަން މެޑަލާއި ދީމާ އާއި ރަފާ ހޯދައިދިން ވިމެންސް ޑަބަލްސް ރަން މެޑެއްޔާއި އެ ދެ ކުޅުންތެރިންނާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާލާ ނިމާލް ހިމެނިގެން އަންހެން ޓީމުން ހޯދި ވިމެންސް ޓީމު ރަން މެޑެއްޔެވެ. ރާއްޖެ އަށް ދެން ލިބުނު ރަން މެޑަލް ހޯދައިދިނީ ބެޑްމިންޓަން ވިމެންސް ސިންގަލްސް ބައިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ. މިއީ ބެޑްމިންޓަން ތާރީހުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ.
ރާއްޖޭން މި ފަހަރު ވަނީ ހަތަރު ރިހި މެޑަލް ހޯދައިފަ އެވެ. އެއީ ޓޭބަލް ޓެނިހުގެ ވިމެންސް ޑަބަލްސް އިން މުއީނާ އާއި ޖުމާނާ ހޯދި ރިހި މެޑެއްޔާއި ވިމެންސް ސިންގަލްސް އިން ރަފާ ހޯދި ރިހި މެޑެއްޔާއި ބެޑްމިންޓަނުގެ ވިމެންސް ޑަބަލްސް އިން ނަބީހާ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ހޯދި ރިހި މެޑެއްޔާއި ބީޗް ވޮލީބޯޅައިން ޓީމު އިވެންޓުން ހޯދި ރިހި މެޑެއްޔެވެ.
މި ފަހަރު ވަނީ ހަތް ލޯ މެޑަލް ހޯދައިފަ އެވެ. އެތުލެޓިކްސްގެ 200 މީޓަރު ދުވުމުން ހަސަން ސާއިދު، ޕެރެ 100 މީޓަރު ދުވުމުން މުހައްމަދު މާޒިން އަދި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދި އެވެ. އަނެއް ހަތަރު ލޯ މެޑެއްޔަކީ ބެޑްމިންޓަނުގެ އަންހެން ޓީމު އިވެންޓުންނާއި ފިރިހެން ޓީމު އިވެންޓުން އަދި މިކްސް ޑަބަލްސް އިވެންޓުން މުހައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ ހޯދި ލޯ މެޑަލް އަދި ބީޗް ވޮލީބޯޅައިގެ އިންޑިވިޖުއަލް އިވެންޓުން ޝިއުނާޒް އަބްދުލްވާހިދު (މަންކޭ) އަދި އާދަމް ނަސީމް (އެޑަމް) ހޯދި ލޯ މެޑެއްޔެވެ.
"މިއީ މި ކުދިންނަށް ހައްގުވާ މަރުހަބާއެއް. ވަރަށް ބުރަކޮށް މަސައްކަތްކުރި މި ކުދިން. ޒުވާން އަންހެން ކުދިންތަކެއް ގޮސް މި ވަރުގެ ކާމިޔާބީތަކެއް ހޯދީމާ އަދި މާ ބޮޑަށް އުފާވޭ." ކުޅުންތެރިންނަށް މަރުހަބާ ކިޔަން ގޮސް ހުރި އަންހެނަކު "މިހާރު" އަށް ބުންޏެވެ.
ރާއްޖޭ ވަނީ 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމުގެ ބިޑް ވެސް ކާމިޔާބު ކޮށްފަ އެވެ. ސަރުކާރާއި އޮލިމްޕިކް ކޮމިޓީ އާއި ކުޅިވަރު އާއިލާ އެކުވެގެން ކުރި މަސައްކަތުން، އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިގެންދިޔައިރު، މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި ސްޕޯޓްސް ކުޅިވަރު މުބާރާތެވެ.
އިއްޔެ ބޭއްވި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި އައިއޯއައިޖީގެ ދިދައާ ހަވާލުވީ ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހުމަަދު މަހުލޫފެވެ. ރާއްޖެ އަށް އައިއޯއައިޖީގެ ބިޑް ކާމިޔާބުކުރުމަށް ސްޕޯޓްސް މިނިސްޓަރު މަހުލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ މަންދޫބުންގެ ގޮތުގައި ބުރަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އަދި މި ފަހަރުގެ އައިއޯއައިޖީ ފެށިގެން ނިމެންދެން އެތުލީޓުންނަށް ހިތްވަރު ދެއްވުމުގައި މިނިސްޓަރު މަހުލޫފް ބައިވެރިވެވަޑައިގަތެވެ.
މިއަދުގެ އުފާފާޅުކުރުމުގެ ތެރެއިން ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ވަރަށް ޕްރެޝަރުގައި ކުޅެގެން ބޭރު ގައުމެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި މި ކުޅުންތެރިން ހޯދި މި ކާމިޔާބީ އުފަލާ އެކު ދިވެހި ފާހަގަކުރަންޖެހޭ ކަމަށެވެ.
"ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ނަމަ މި ކުދިން 15 އެއް ނޫން 30 މެޑަލް ވެސް ގެންނާނެ. ޗެމްޕިއަނަކަށް މި ވެވެނީ ވަރަށް ބައިވަރު ޓްރެއިނިންތަކެއް ކޮށްގެން އެތައް ބައިވަރު ދާތަކެއް އޮހޮރުވައިގެން. މި ހުރިހާ ޝުކުރެއް ހައްގުވަނީ މި ކުޅުންތެރިންނަށް. މި ކުޅުންތެރިންގެ އާއިލާތަކަށް ދެން އެސޯސިއޭޝަންތަކަށް،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ، މިއީ ދިވެހި ސަރުކާރަކުން މި ފަދަ މުބާރާތަކަށް އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދިން ފުރަތަމަ ފަހަރެވެ. އެކަން ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުން ވެސް ގަބޫލުކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ބައެއް މެޗުތައް ބައްލަވައި ލެއްވުމަށް ސަޕޯޓަރުންނެކޭ އެއް ރޫހެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވަޑައިގެންނެވުމަކީ އެކަމަށް ބާރު ލިބޭ އެންމެ ބޮޑު ހެކިކަމަށް މަހުލޫފް ވިދާޅުވި އެވެ.
"މިއީ ފެށުމެއް ކަމަށް ބަލަންވީ. ދެން ކުޅުންތެރިން ޓްރެއިން ކުރަންވީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި. މިއީ ރާއްޖެ އަށް އައިއޯއައިޖީގެ މެޗުތަކެއް ބަލާލަން ވެސް ލިބުނު ފުރަތަމަ ފަހަރު. ދެން އޮތީ ރާއްޖޭގެ ނަން ބައިނަލްއަގްވާމީ ފެންވަރުގައި ރަން އަކުރުން ބޭއްވޭތޯ އިތުރަށް މަސައްކަތްކުރުން،" މަހުލޫފް ވިދާޅުވި އެވެ.
ރާއްޖޭން 2023 ވަަނަ އަހަރުގެ އައިއޯއައިޖީ ބާއްވާއިރު، އެކަމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރަން ހަމަޖެހިފައި ވަނީ ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭނުގެ ތެރެއިންނެވެ. އެ ގޮތުން ފަސް ސަރަހައްދެއްގައި ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ އެވެ.
ރަސްމީކޮށް މިއަދު އައިއޯއައިޖީގެ ދިދަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅަށް އެރުވީ ސްޕޯޓްސް މިނިސްޓަރު މަހުލޫފާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު (މަރޭ) އެވެ.
މިއަދު ބޭއްވި އުފާފާޅުކުރުމުގައި ޖަމާލުއްދީން ސްކޫލުގެ ކުދިންގެ ފަރާތުން މުނިފޫހިފިލުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި ރަސްމީ ބައި ނިމުމުން ގިނަ ބަޔަކު ވަނީ މެޑަލް ހޯދި ކުޅުންތެރިންނާ އެކު ފޮޓޯ ވެސް ނަގައިފަ އެވެ.