އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި ބްރިކްސް ސަމިޓްގެ ގާލާ ޑިނާގައި ހަމައެކަނި ވެޖިޓޭރިއަން (މަހުގެ ބާވަތްތައް ނުހިމެނޭ) ކާނާ ސާވްކޮށްފައި ވާތީ ސިޔާސީ އަރާރުމަކަށް އެކަން ވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ވަތަނީ ޕާޓީން، ދީނީ ކަމެއްގެ ގޮތުގައި ސިފަކޮށް، ވެޖިޓޭރިއަން ކާނާ ޕްރޮމޯޓްކުރުން ބަހުސަކަށް ވެފައި ވަނިކޮށް ބްރިކްސް ސަމިޓުގެ ފަރިއްކޮޅުގެ މެނޫ އާންމުވުމުން އާންމުންގެ މެދުގައި ފެށުނު ބަހުސް ވަނީ ސިޔާސީ ވެރިންނާ ހިސާބަށް ވެސް ގޮސްފަ އެވެ.
އިދިކޮޅު ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވަނީ އިންޑިއާގައި ގިނައީ މަހުގެ ބާވަތްތައް ކާ މީހުން ކަމަށް ވާއިރު އަދި މަސް ބޭނުންކޮށްގެން އިންޑިއާގައި ހާއްސަ އެތައް ކެއުމެއް ތައްޔާރުކުރާއިރު ބޭރުގެ އިއްޒަތްތެރިންނަށް އެ ތަޖުރިބާކުރަން ފުރުސަތު ނުދިނީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ.
"މައުލޫމާތަށްޓަކައި ބުނަމެވެ؛ އިންޑިއާގެ 80 ޕަސެންޓް މީހުންނަކީ ނޮން-ވެޖިޓޭރިއަން މީހުންނެވެ. އިންޑިއާގެ މަހުގެ ކާނާއަކީ ވަރަށް މީރު އެއްޗެއްސެވެ." ރާހުލް ގާންދީ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވި އެވެ.
ރާހުލް އޭނާގެ ޕޯސްޓްގައި ލިޔުއްވާފައިވާ ގޮތުގައި އަންހެން ކޮއްކޮ ޕްރިޔަންކާ ކައްކަވާ "ޗޯލޭ ބަޓޫރޭ" ވެސް ވަރަށް މީރުކަމަށް ވިދާޅުވެ، އޭގެ ފޮޓޯއެއް ވެސް ވަނީ ހިއްސާކުރައްވައިފަ އެވެ.
ކޮންގްރެސްގެ ތަރުޖަމާނު ޕަވަން ޚޭރާ ވިދާޅުވީ، އިންޑިއާގެ ކާބޯތަކެތީގެ ތަފާތު ސަގާފަތުގެ ތެރޭގައި ދުނިޔޭގެ އެންމެ މީރު މަހުގެ ކާނާތައް ހިމެނޭއިރު، ސަރުކާރުން އެތަކެތި ހިމަނަން ދެކޮޅު ހެދީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ބީޖޭޕީން އަމިއްލައަށް ގެންގުޅޭ "ކާބޯތަކެތީގެ އިޚްތިޔާރުތައް" އެހެން މީހުންގެ މައްޗަށް މަޖުބޫރުކުރުމުގެ އާދަ، މިހާރު ދުނިޔޭގެ އިއްޒަތްތެރިންގެ މައްޗަށް ވެސް ފަތުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
ރާހުލް ގާންދީއަށް ރައްދު ދެއްވަމުން، ބީޖޭޕީގެ ވަޒީރު ކިރެން ރިޖިޖޫ ވިދާޅުވީ، ބްރިކްސް ގައުމުތަކުގެ ލީޑަރުންނަށް އެރުވި ކާނާގެ މެނޫއިން ވެސް ކޮންގްރެސް ޕާޓީން ސިޔާސީ ފައިދާ ނަގަން އުޅެނީ ކަމަށާއި މި ހުންނަނީ ގަބޫލުކުރަން ވެސް ދަތި ކަންތައްތައް ކަމަށެވެ. އަދި އިންޑިއާއަށް ޒިޔާރަތްކުރެއްވި މެހެމާނުންނަށް އިންޑިއާގެ މުއްސަނދި، ރަހަމީރު އަދި ފައިދާހުރި ވެޖިޓޭރިއަން ކާނާތައް ވަރަށް ކަމުދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.