ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ބޮލީވުޑްގެ ލެޖެންޑްރީ ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރުގެ ކްލެސިކް ލަވައެއް ކިޔުއްވައި، ގިނަ ބައެއްގެ ސަމާލުކަން ހޯއްދަވައިފި އެވެ.

އަންވަރު ކިޔުއްވާފައި ވަނީ 1965 ވަނަ އަހަރު ނުކުތް ފިލްމު "ތީން ދޭވިޔާން"ގެ މަޝްހޫރު ލަވަ "ޚުވާބް ހޯ ތުމް ޔާ ކޮއީ ހަގީގަތު" އެވެ.

އަންވަރުގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރެއްވި ވީޑިއޯއަކުން ފެންނަ ގޮތުގައި، ޕިއާނޯ ކުޅޭ މީހަކާ އެކު އެމަނިކުފާނު ވަރަށް ހަމަޖެހިވަޑައިގެން ހުންނަވާ އެ ލަވަ ކިޔުއްވާ މަންޒަރު ފެނެ އެވެ. މި ވީޑިއޯ ނަގާފައިވާ ވަނީ ބްރިކްސް ސަމިޓުގެ ތެރެއިން ބޭއްވި ހާއްސަ ފަރިއްކުޅުވުމެއްގަ އެވެ. 

ސިޔާސީ އަދި ދާހިލީ މުހިންމު ބައްދަލުވުންތަކުގެ ތެރެއިން ފެނުނު މި ތަފާތު މަންޒަރު ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދައިފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މޯދީގެ މަގުބޫލުކަމާ ބެހޭ ގޮތުން އަންވަރު ވާހަކަދެއްކެވި އެވެ. އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރާ މުހާތަބުކުރައްވައި އަންވަރު ވިދާޅުވީ، މޯދީއަކީ ވަރަށް މަގުބޫލު ބޭފުޅެއް ކަމަށާއި މޯދީއަށް ހެޔޮއެދުންތައް ރައްދުކޮށްދިނުމަށް އެދި ގިނަ އަދަދެއްގެ މެސެޖުތައް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އަންވަރު ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެއަށް ވެސް ވަޑައިގަންނަވާނެ އެވެ.