ނިއު ދިއްލީ، އިންޑިއާ – އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ވެރިރަށް ލަކްނޫގެ ރެހްމާންޕޫރު އަވަށުގައި ހުންނަ، މޭވާ އާއި ތަރުކާރީ ޖަރާސީމުން ސާފުކުރުމަށް ބޭނުންކުރާ ވޭޕަ ހީޓް ޓްރީޓްމަންޓް (ވީއެޗްޓީ) ފެސިލިޓީން އަހަރުގެ އެންމެ ބިޒީ ދުވަސްވަރަށް ތައްޔާރުވަމުން ދަނިކޮށް، މާޗް މަހު ޖަޕާނުގެ ކަރަންޓީނު އިންސްޕެކްޓަރުން އެތަނަށް ޒިޔާރަތްކުރި އެވެ.
އެކްސްޕޯޓް ލިޔެކިޔުންތައް ފާސްކޮށް، ޝިޕްމަންޓް ޝެޑިއުލްތައް ނިންމައި، މަހާރާޝްތްރާ އަދި ގުޖުރާތު ފަދަ ހުޅަނގުގެ ސްޓޭޓްތަކުގެ ދަނޑުވެރިން ވަނީ އެ މީހުންގެ އެންމެ ރަނގަޅު އަލްފޮންސޯ އަދި ކޭސަރު އަނބު، އޭޝިއާގެ އެންމެ އަގުބޮޑު އެއް މާކެޓް ކަމަށްވާ ޖަޕާނަށް އެކްސްޕޯޓްކުރުމަށް ތައްޔާރުކޮށްފަ އެވެ.
ނަމަވެސް، މަސައްކަތް ފެށުމާ އެކު ހުރިހާ ކަމެއް މަޑުޖެހުނެވެ. ފިއުމިގޭޓްކުރުމާއި، ޖަރާސީމު ނައްތާލުމާއި، ސެޓިފިކެޓް ދިނުމުގެ މަރުހަލާތައް މުރާޖާއާ ކުރުމަށްފަހު، މުޅި އެ ނިޒާމާ މެދު ޖަޕާނުގެ އިންސްޕެކްޓަރުން ކަންބޮޑުވުން ފާޅުކުރި އެވެ. އެ ނިންމުމާ އެކު ޖަޕާނުން ވަނީ އިންޑިއާއިން އަނބު އެތެރެކުރުން ވަގުތީގޮތުން ހުއްޓާލައިފަ އެވެ.
މާޗް 31 ގައި ޔޮކޮހާމާގެ ޕްލާންޓް ޕްރޮޓެކްޝަން އޮތޯރިޓީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، މާޗް 25 ގެ ފަހުން ދޫކޮށްފައިވާ އިންސްޕެކްޝަން ސެޓިފިކެޓްތަކާ އެކު ފޮނުވާ އިންޑިއާގެ އަނބު ޝިޕްމަންޓްތައް، އޮޕަރޭޝަނަލް މިންގަނޑުތައް ރަނގަޅުވެއްޖެކަން އިންސްޕެކްޓަރުންނަށް ކަށަވަރުވަންދެން ހިފަހައްޓާނެ ކަމަށެވެ. މިއީ ފާއިތުވި ދެ ދަހަރު ތެރޭގައި، އިންޑިއާ އާއި ޖަޕާނާ ދެމެދު އަނބުގެ ވިޔަފާރިއަށް އައި އެންމެ ބޮޑު ހުރަހެވެ. މޭވާގައި އުޅޭ މެހި ނުވަތަ 'ފްރުޓް ފްލައި' ގެ މައްސަލައިގައި 1986 ވަނަ އަހަރު، އަނބު އެތެރެކުރުން މަނާކުރި ނަމަވެސް، 2006 ގައި ވީއެޗްޓީ ވަސީލަތްތައް ގާއިމުކޮށް، ފަރުވާތެރިކަމާ އެކު ބެލެހެއްޓުމަށް އެއްބަސްވުމުން އެ ފިޔަވަޅު އޮތީ އުވާލައިފަ އެވެ.
ޖަޕާނުން "އަހަރެމެންނަށް އިތުބާރު ހޯދައިދިން"
މި އަހަރުގެ މި ސަސްޕެންޝަންގެ އަސަރު އަނބުގެ ހަ ބާވަތަކަށް ކޮށްފައިވެ އެވެ. އެއީ އަލްފޮންސޯ، ކޭސަރު، ލަންގްރާ، ބަންގަނަޕައްލީ، ޗައުސާ، އަދި މާލިކާ އެވެ.
މިއީ އެޕްރީލް އިން ޖޫން މަހުގެ ނިޔަލަށް އޮންނަ އެންމެ ބޮޑު އެކްސްޕޯޓް ސީޒަނެވެ. ޖަޕާނުން ވަނީ 2025 އާއި 2026 އާ ދެމެދު އިންޑިއާއިން ގާތްގަނޑަކަށް 1.54 މިލިއަން ޑޮލަރުގެ، ތާޒާ އަނބާއި ޕްރޮސެސްކުރި އަނބު އެތެރެކޮށްފަ އެވެ. މިއީ ކުޑަ އަދަދެއްހެން ހީވިނަމަވެސް، ދުނިޔޭގެ ވިޔަފާރީގައި ޖަޕާނުގެ މާކެޓަކީ ވަރަށް މުހިންމު މާކެޓެކެވެ. ޖަޕާނުން އަނބަށް ބޮޑު އަގުދޭއިރު، އެ ގައުމުގެ ހުއްދައަކީ ދުނިޔޭގެ އެހެން މާކެޓްތަކަށް މުދަލުގެ ފެންވަރު ކަށަވަރުކޮށްދޭ ނިޝާނެކެވެ.
މި ސަސްޕެންޝަން އައީ އިންޑިއާގައި އަނބު ހައްދާ ދަނޑުވެރިންނަށް އުނދަގޫ ދަނޑިވަޅެއްގަ އެވެ. މަހާރާޝްތްރާގެ ކޮންކަން ސަރަހައްދަށް ކުރިމަތިވި ގަދަ ހޫނުގެ ސަބަބުން އަލްފޮންސޯ އަނބު ދަނޑުތަކުގެ ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ. މެދުއިރުމަތީގެ މަސްރަހުގެ ސަބަބުން ކާގޯގެ އަގުތައް އުފުލި، ޖަޕާނުގެ ވިޔަފާރިވެރިންނާ ގުޅުން ކުޑަވެ އެކްސްޕޯޓަރުންގެ ކޮންޓްރެކްޓްތައް ބާތިލުވެ، ގުދަންތަކުގައި އަނބުތައް ހަލާކުވާން ފެށި އެވެ.
މުމްބާއީގެ އެކްސްޕޯޓަރެއް ކަމަށްވާ ވިކްރަމް ޝާހް ބުނީ ޖަޕާނަކީ އަދަދުގެ ގޮތުން އެންމެ ބޮޑު މާކެޓް ނޫން ކަމުގައިވިޔަސް، އެއީ އިތުބާރު ހޯދައިދޭ މާކެޓް ކަމަށެވެ. އަދި އަހަރުތަކެއް ވަންދެން ބުރަ މަސައްކަތުން އުފެއްދި ގުޅުންތައް އެންމެ ސީޒަނަކުން ގެއްލިގެން ދިއުމަކީ ބޮޑު ދެރައެއް ކަމަށް އޭނާ ބުންޏެވެ.
މަހާރާޝްތްރާގެ ރަތުނާގިރީގެ ދަނޑުވެރިއެއް ކަމަށްވާ ރާޖޭޝް ޕަޓީލް ބުނީ، ޖަޕާނުގެ މާކެޓުން އިންޑިއާގެ އެެތެރޭގެ މާކެޓަށްވުރެ ދެގުނަ ބޮޑު އާމްދަނީއެއް ލިބޭތީ، މިންގަނޑުތަކަށް ފެތުމަށްޓަކައި ބޮޑު ހަރަދެއްކޮށްގެން ދަނޑުތަކުގެ ފެންވަރު މަތިކުރި ކަމަށެވެ. ނަމަވެސް އެކްސްޕޯޓް ނިޒާމުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ފާހަގަކުރި އެވެ.
ހަނޑުލުގެ މައްސަލައިގައި ޗައިނާގެ ކަންބޮޑުވުން
އޭޕްރީލް 17 ގައި ޗައިނާއިން ވަނީ އިންޑިއާގެ ހަނޑޫ އެކްސްޕޯޓްކުރާ ތިން ކުންފުންޏެއްގެ އިމްޕޯޓް ލައިސަންސް ބާތިލުކޮށްފަ އެވެ. ސަބަބަކީ އެ ކުންފުނިތަކުގެ ހަނޑުލުގައި ޖެނެޓިކަލީ މޮޑިފައިޑް (ޖީއެމްއޯ) މާއްދާތައް ހުރި ކަމަށް ޗައިނާގެ ކަސްޓަމްސްއިން ބުނުމެވެ. ނަމަވެސް އެކްސްޕޯޓަރުން ވަނީ އެއީ ދޮގެއް ކަމަށް ބުނެފަ އެވެ. އެ މީހުން ފޮނުވި ހަނޑުލުގައި ޖީއެމްއޯ ނުހުންނާނެ ކަމުގެ ސެޓިފިކެޓް ލިބިފައިވާ ކަމަށާއި، އިންޑިއާގެ އެއްވެސް ދަނޑެއްގައި ޖީއެމްއޯ ހަނޑޫ ނުހައްދާ ކަމަށް އިންޑިއާ ސަރުކާރުން ވެސް ބުނެފައިވާ ކަމަށް އެކްސްޕޯޓަރުން ބުންޏެވެ. އިންޑިއާގެ ދަނޑުވެރިކަމުގެ އެކްސްޕޯޓުގެ 20 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ ހަނޑުލެވެ. ފާއިތުވި މާލީ އަހަރު (2025-26) އިންޑިއާއިން ވަނީ 12.5 ބިލިއަން ޑޮލަރުގެ ހަނޑޫ އެކްސްޕޯޓްކޮށްފަ އެވެ.
އިންޑިއާގެ ކޮމާސް މިނިސްޓްރީގެ ދަށުން ހިންގާ އެގްރިކަލްޗަރަލް އެންޑް ޕްރޮސެސްޑް ފުޑް ޕްރޮޑަކްޓްސް އެކްސްޕޯޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ވަނީ ޗައިނާއަށް ފޮނުވާ ހަނޑޫ ޓެސްޓްކުރުމަށް ހާއްސަ ލެބޯޓްރީތަކެއް ވެސް ކަނޑައަޅައިފަ އެވެ. ނިއު ދިއްލީގެ ސައިންސްވެރިއެއް ކަމަށްވާ އެސް.ކޭ ސިންގް ބުނީ، މިކަމުން އެނގެނީ އިންޑިއާގެ ޓެސްޓްކުރުމުގެ ނިޒާމުގައި ހުރި ދޯހަޅިކަން ކަމަށެވެ. އިންޑިއާގެ ލެބްތައް ތައްޔާރުވެފައިވަނީ ޕެސްޓިސައިޑް (ސޫފިނައްތާ ބޭސް) ޓެސްޓްކުރުމަށް ކަމަށާއި، ޖީއެމްއޯ ޓެސްޓްކުރުމުގެ ގާބިލުކަން އަދިވެސް ކުޑަކަން އޭނާ ފާހަގަކުރި އެވެ.
ސަޕްލައި ޗެއިން ރޫޅިފައި
މީގެ ކުރިން ވެސް، ސޫފިނައްތާ ބޭހުގެ އަސަރު، އިންޑިއާގެ ހަވާދުގެ ބާވަތްތަކުން ފެނިގެން ހޮންކޮންގުން ވަނީ އިންޑިއާގެ މިފަދަ ބައެއް ބާވަތްތައް މަނާކޮށްފަ އެވެ. އަދި 2025 ގެ ޖެނުއަރީ މަހު ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަނީ އިންޑިއާގެ ދިރި އިންސްޕެކްޓްކުރާ ޕްރިކުއެންސީ ނުވަތަ މިންވަރު 30 ޕަސެންޓަށް މަތިކޮށްފަ އެވެ. އެއީ އެއީ ސާމްޕަލްތަކުގެ ގާތްގަނޑަކަށް 12 ޕަސެންޓުގައި މައްސަލަ ހުރި ކަމަށް ޓެސްޓުތަކުން ދެއްކުމުންނެވެ.
ކޮޗިންގެ ފުޑް ސޭފްޓީ ސައިންސްވެރިއެއް ކަމަށްވާ އަނަންޔާ ބޯސް ބުނީ، މައްސަލައަކީ ސަޕްލައި ޗެއިން ރޫޅިފައިވުން ކަމަށެވެ. ދަނޑުވެރިޔާ އަތުން މުދާ ގަންނަ މީހާ އާއި، އޭގެ ފަހުން ވިޔަފާރިވެރިންނާ ހަމައަށް ދާއިރު، ދަނޑަށް ޖެހި ބޭހުގެ މައުލޫމާތު ގެއްލޭ ކަމަށް އޭނާ ބުންޏެވެ. ޖަޕާން، އީޔޫ، އެމެރިކާ، އަދި ކެނެޑާ ފަދަ ގައުމުތަކުން މިހާރު އެދެނީ ދަނޑުން ފެށިގެން އެކްސްޕޯޓާ ހަމައަށް މުދަލުގެ މައުލޫމާތު ސާފުކޮށް އެނގޭނެ ޓްރޭސަބިލިޓީ ނިޒާމެކެވެ. ނަމަވެސް އިންޑިއާގައި މިފަދަ ނިޒާމުތައް އަދިވެސް ހުރީ ވަރަށް ދަށްކޮށެވެ. ތައިލެންޑް، ވިއެޓްނާމް، އަދި ބްރެޒިލް ފަދަ ވާދަވެރި ގައުމުތަކުން ވަނީ މިފަދަ ނިޒާމުތައް ގާއިމުކޮށް، ކޯލްޑް-ޗެއިން ނިޒާމުތައް ވަރުގަދަކޮށްފަ އެވެ.
އިންޑިއާގައި ރަޖިސްޓްރީކޮށްފައިވާ ޕެކްހައުސްތަކުގެ އަދަދަކީ އެންމެ 207 އެވެ. އަދި އޭގެ ތެރެއިން 72 ޕަސެންޓް ހުރީ އެންމެ ސްޓޭޓެއްގަ އެވެ. އެއީ މަހާރާޝްތްރާގަ އެވެ. މީގެ އިތުރުން އިންޑިއާގެ ދަނޑުވެރިންގެ 86 ޕަސެންޓަކީ ކުދި ވިޔަފާރީގެ ގިންތީގައި ހިމެނޭ ދަނޑުވެރިންނަށްވުމުން، އެންމެން އެއް މިންގަނޑަކަށް ފެތުރުމަކީ އުނދަގޫ ކަމެކެވެ.
ކުރިއަށް އޮތް މަގު
އިންޑިއާގެ ކޮމާސް ޑިޕާޓްމަންޓްގެ އޮފިޝަލެއް ކަމަށްވާ އުޖްވާލް ކުމާރު ގޯޝް ވިދާޅުވީ، ސަރުކާރުން ދަނީ ލެބޯޓްރީތަކުގެ ފެންވަރު މަތިކޮށް، އިންސްޕެކްޝަން ނިޒާމުތައް ވަރުގަދަކުރަމުން ކަމަށެވެ. އަމާޒަކީ ދުނިޔޭގެ މިންގަނޑުތަކަށް އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ފެއްތުން ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި ދުނިޔޭގައި ވެސް ދަނޑުވެރިކަމުގެ އުފެއްދުންތައް އެންމެ ގިނައިން އުފައްދާ ދެވަނަ ގައުމަކީ އިންޑިއާ ކަމަށްވީ ނަމަވެސް، ދުނިޔޭގެ އެކްސްޕޯޓުގައި އިންޑިއާގެ ހިއްސާއަކީ އެންމެ 2.4 ޕަސެންޓެވެ.
އިގްތިސާދީ މާހިރު އަނިލް ގުޕްތާ ބުނި ގޮތުގައި، މިއީ ހަމައެކަނި ރިޖެކްޓްވި މަދު ޝިޕްމަންޓްތަކެއްގެ މައްސަލައެއް ނޫނެވެ. ދުނިޔޭގެ މާކެޓްތަކުން އެދޭ މިންގަނޑުތަކަށް މުދާ ފޯރުކޮށްދެވޭ ގައުމުތަކަށް ނޫނީ ކުރިއެރުމެއް ނުލިބޭނެ އެވެ. އިންޑިއާގެ ދަނޑުވެރިންނަކީ ދުނިޔެއަށް ބޭނުންވާ މިންވަރަށް ތަކެތި އުފެއްދުމުގެ ގާބިލުކަން ހުރި ބައެއްކަން ސާބިތުވެއްޖެ އެވެ. ދެން އޮތީ އެ ތަކެތި ގަންނަން ދުނިޔެއަށް އިތުބާރުކުރެވޭނެ ނިޒާމެއް ބިނާކުރުމެވެ.
ނޯޓް: އަލްޖަޒީރާގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގެ ހުލާސާ ތަރުޖަމާއެއް