އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ މައްޗަށް ކޮށްފައިވާ މަކަރާއި ހީލަތާއި ރިޝްވަތުގެ ދައުވާތައް އެމެރިކާ ސަރުކާރުން އަނބުރާ ގެންދިއުމުން ހޯމަ ދުވަހު އެ މައްސަލަ ކޯޓުން ބާތިލުކޮށްފި އެވެ.
ކޯޓުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ބްރޫކްލިންގެ ފެޑެރަލް ފަނޑިޔާރު ނިކޮލަސް ގަރައުފިސް ވަނީ، ސޯލާ އެނާޖީގެ ސަޕްލައި ކޮންޓްރެކްޓްތަކެއް ހޯދުމަށް އިންޑިއާގެ އޮފިޝަލުންނަށް 265 މިލިއަން ޑޮލަރުގެ ރިޝްވަތު ދިނުމުގެ އަމަލެއްގައި އަދާނީ ބައިވެރިވި ކަމަށް ބުނެ 2024 ވަނަ އަހަރު ކުރި ތުހުމަތުތައް ބާތިލުކުރުމަށް ޕްރޮސެކިއުޓަރުން މޭ މަހު ހުށަހެޅި ހުށަހެޅުން ރަސްމީކޮށް ބަލައިގެންފަ އެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަދާނީގެ ގާނޫނީ ވަކީލު އަދި ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ ވަކީލް ރޮބަޓް ޖޫފްރާ އޭޕްރީލް މަހު ވަނީ މައްސަލައިގެ ދައުވާތައް ދޫކޮށްލައިފި ނަމަ އެމެރިކާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް އަދާނީ ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ޖަސްޓިސް ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް އެކަން ހުށަހަޅުއްވައިފަ އެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރު ކުރިން ވަނީ، މައްސަލަ ދޫކޮށްލަން އެމެރިކާ ސަރުކާރުން ނިންމި ނިންމުމުގައި މި އިންވެސްޓްމަންޓް ވައުދަކީ ސަބަބެއްތޯ ސުވާލުކުރައްވައިފަ އެވެ. ނަމަވެސް އެންމެ ފަހުން ނިންމެވީ އެއީ ޕްރޮސެކިއުޓަރުންގެ ނިންމުމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
ފަނޑިޔާރު އެގޮތަށް ސުވާލުކުރެއްވީ އިންވެސްޓްމަންޓުގެ ބަދަލުގައި ދައުވާ އަނބުރާ ގެންދިއުމަކީ އެމެރިކާގެ ގާނޫނީ ނިޒާމުގައި ހިނގާ ކަމަކަށް ނުވާތީ އެވެ.
ޓްރަމްޕް އައްޔަންކުރެއްވި ޑެޕިއުޓީ އެސޯސިއޭޓް އެޓާނީ ޖެނެރަލް ޓްރެންޓް މެކްކޯޓާ މި މައްސަލަ ބާތިލުކުރުމަށް އަމަލުކުރެއްވި ގޮތާ މެދު ފަނޑިޔާރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"މެކްކޯޓާ މި ނިންމުމަށް ވާސިލްވީ މައިގަނޑު ގޮތެއްގައި ދިފާއީ ވަކީލުންނާ ގުޅިގެން، އަދި ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކުރި އެފްބީއައި އަދި އެސްއީސީގެ އޭޖެންޓުންގެ ނުވަތަ މައްސަލަ ހުށަހެޅި ޕްރޮސެކިއުޓަރުންގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށް ބެލެވޭތީ، މިއީ ވަރަށް އާދަޔާޚިލާފު ކަމެއް،" އޭނާ ލިޔުއްވާފައިވެ އެވެ.
އަދާނީ ގްރޫޕަކީ އިންޑިއާގެ އެންމެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. އެ ގްރޫޕުން ކަނޑުގެ ބަނދަރުތަކާއި، އިންޖީނުގެތަކުން ފެށިގެން ސިމެންތި ފެކްޓަރީތަކާއި މީޑިއާ ހައުސްތައް ފަދަ ތަފާތު ދާއިރާތަކުގެ ވިޔަފާރިތައް ހިންގަ އެވެ.
އިންޑިއާގެ އެންމެ މުއްސަނދި އެއް މަހުޖަނު އަދި ސޯޝަލް މީޑިއާގައި ޓްރަމްޕަށް ފާޅުގައި ތާއީދުކުރައްވާ އަދާނީގެ ވިޔަފާރިއަށް ވަނީ ފަހަކަށް އައިސް ކޯޕަރޭޓް މަކަރާއި ހީލަތުގެ ތުހުމަތުތަކާއި ހިއްސާގެ އަގުތައް ދަށްވުމުގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަރައިފަ އެވެ.
އަދާނީއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިސް ބޭފުޅެކެވެ. އަދި އޭނާއަކީ މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތަށް ނިސްބަތްވާ ބޭފުޅެކެވެ.
"އެމެރިކާ ކޯޓުގެ ނިންމެވުމަށް އަހަރެން މަރުހަބާ ކިޔަނީ ނިޒާމަށް އޮތް ބޮޑު އިހުތިރާމާ އެކު،" އަދާނީ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ."މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް، ހައްގަށާއި، އިންސާފަށާއި، ގާނޫނުގެ ސިޔާދަތަށް އަހަރެމެންގެ އޮތް އިތުބާރު ކުޑަވެގެންނެއް ނުދޭ."