މި މަހުގެ ހަތަރު ވަނަ ދުވަހު ތައިލެންޑުގެ ޕުކެޓުން އިންޑިއާގެ ނިއު ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓެއް ކުއްލިއަކަށް ވައިގެ ތެރޭގައި ތިރިއަށް ވެއްޓުނު ހާދިސާގައި، ފްލައިޓްގެ ޕައިލެޓް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބައެއް ފަސިންޖަރުން ތުހުމަތުކޮށްފި އެވެ.
މި ހާދިސާއަށްފަހު، އޮންނަ އުސޫލުގެ ދަށުން ހެދި ފުރަތަމަ މެޑިކަލް ޓެސްޓުން ފްލައިޓްގެ ކެޕްޓަން "ނެގެޓިވްއެއް ނޫން" ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އެ ޓެސްޓުތަކުން އަދި ނަތީޖާ ކަށަވަރު ނުވާތީ އިތުރު ޓެސްޓުތައް ހަދައި ކަށަވަރުކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ހާދިސާގައި އެއާބަސް އޭ320 މަރުކާގެ ބޯޓު 137 ފަސިންޖަރުންނާއި 8 ކްރޫއިންނާ އެކު ދަތުރުކުރަނިކޮށް، ކުއްލިއަކަށް 300 އެއްހާ ފޫޓަށް ބޯޓު ތިރިއަށް ވެއްޓުނެވެ. މިއީ ދިމާވި ޓާބިއުލެންސަކާ ގުޅިގެން ދިމާވި ހާދިސާއެއް ކަމަށް ބުނެފައި ވާއިރު ބޯޓުން ދަތުރުކުރި 17 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވެ އެވެ.
ފްލައިޓުން ދަތުރުކުރި އެބައެއް ފަސިންޖަރުން އިންޑިއާގެ އޭވިއޭޝަން އިދާރާ އަށް ހުށަހެޅި ރަސްމީ ޝަކުވާގައި ބުނެފައިވަނީ، ހާދިސާއަށްފަހު ކެޕްޓަން ފެނުނުއިރު އޭނާގެ ހެދުން އަޅާފައި ހުރި އިރު އެއްވެސް "ތަރުތީބުކަމެއް ނެތް" ކަމަށާއި އޭނާ ވާހަކަދެއްކި ރާގާއި އަމަލުތައް ހުރިގޮތުން އޭނާ ހުރީ މަސްތުގެ ހާލަތެއްގައި ކަމަށް ވަރަށް ބޮޑަށް ޝައްކުކުރެވޭ ކަމަށެވެ. މީގެ އިތުރުން ފްލައިޓް ތެރޭގައި ހިނގި ކަންތައްތަކުގެ ވީޑިއޯ ނުކުރުމަށާއި، ސޯޝަލް މީޑިއާއަށް ނުލުމަށް ޕައިލެޓް ފަސިންޖަރުންނަށް އިންޒާރުދިން ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ އޭވިއޭޝަން ގަވާއިދުތަކުގެ ދަށުން ދެ ޕައިލެޓުން ޓެސްޓުކުރި އިރު، ކެޕްޓަންގެ ނަތީޖާ ޕޮޒިޓިވް ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް، މިއީ އާދައިގެ ބޭހެއްގެ ސަބަބުން ދެއްކި ނަތީޖާއަކަށް ވެސް ވުމުގެ ފުރުސަތު އޮތުމުން އެކަން ކަށަވަރުކުރުމަށްޓަކައި މިހާރު ދަނީ އިތުރު "ކޮންފަމޭޓަރީ ލެބް ޓެސްޓެއް" ހަދަމުން ކަމަށް އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ވަނީ ބުނެފަ އެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ އޭއޭއައިބީ އިން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ތަހުގީގު ނިމެންދެން ދެ ޕައިލެޓުން ވެސް މިހާރު ވަނީ މަސައްކަތުން އެކަހެރިކޮށް، ސަސްޕެންޑް ކޮށްފަ އެވެ.
އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނީ އޮންނަ އުސޫލުގެ ދަށުން ޕައިލެޓުންގެ ޓެސްޓުތައް ހަދާފައިވާ ކަމަށާއި އެ ޓެސްޓުތަކުގެ ނަތީޖާ އަދި ހިއްސާކޮށްފައި ނުވާ ކަމަށެވެ. އޭވިއޭޝަން ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން އެއާ އިންޑިއާއިން ޕައިލެޓުންނާއި ކްރޫންގެ ޓެސްޓުތައް ގަވާއިދުން ހަދަމުން އަންނަ ކަމަށާއި މި ހާދިސާގައި ވެސް ކަމާބެހޭ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ބުންޏެވެ.