އަމިއްލަ ކުންފުނިތަކުން މި އަހަރުގެ ފުރަތަމަ ފަސް މަހު އިމްޕޯޓްކުރި މުދަލުގެ އަދަދު 14 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީން މެއި މަހުގެ ނިޔަލަށް 1.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓް ކުރީ އެއް ބިލިއަން ރުފިޔާ އެވެ.
ރާއްޖެއަށް އިމްޕޯޓްކުރާ މުދަތުގެ 66 ޕަސެންޓް ގެންނަނީ އަމިއްލަ ވިޔަފާރިތަކުންނެވެ. ބާކީ 34 ޕަސެންޓް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ އިމްޕޯޓެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަހު ސަރުކާރުން ކުރި އިމްޕޯޓް ވަނީ 52 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 528 މިލިއަން ރުފިޔާގެ މުދާ ސަރުކާރުން އިމްޕޯޓްކުރި އިރު މިދިޔަ އަހަރު އެ އަދަދު ހުރީ 347 މިލިއަން ރުފިޔާގަ އެވެ.
އިމްޕޯޓް އެހާބޮޑަށް އިތުރުވި އެއް ސަބަބަކީ ތެލުގެ އަގު އުފުލުމެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަހު 1.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ. ތެޔޮ އިމްޕޯޓު ކުރުމަށް 498 މިލިއަން ރުފިޔާ ހޭދަވި އިރު ކާބޯތަކެތީގެ އިމްޕޯޓަށް 350 މިލިއަން ރުފިޔާ އަރަ އެވެ.
ކާބޯތަކެތީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ދިޔައީ މަހުގެ ބާވަތްތައް އިމްޕޯޓު ކުރާށެވެ. މަހުގެ ބާވަތްތައް އިމްޕޯޓް ކުރުމަށް 68 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މޭވާގެ ބާވަތްތައް އިމްޕޯޓު ކުރުމަށް 50 މިލިއަން ރުފިޔާ ހޭދަވި އިރު ކިރުގެ ބާވަތްތަކުގެ އިމްޕޯޓަށް 47 މިލިއަން ރުފިޔާ ހޭދަވި އެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަހު 234 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. އެއީ 11 ޕަސެންޓްގެ އިތުރުވުމެކެވެ.