ޕޯޓޯ (އޮގަސްޓް 5) – ހިތުގެ މައްސަލައަކާ ގުޅިގެން ކުޅުމާ ދުރުގައި ދުވަސްތަކެއް ހުރުމަށް ފަހު، ސްޕެއިނާއި ރެއާލް މެޑްރިޑުގެ ލެޖެންޑަރީ ގޯލްކީޕަރު އިކާ ކަސިޔަސް ރަސްމީކޮށް ރިޓަޔާކޮށްފި އެވެ.

ރެއާލް މެޑްރިޑަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދިނުމަށް ފަހު އޭނާ 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން އައީ ޕޯޗުގަލްގެ ޕޯޓޯ އަށެވެ. ކުޅުމާ ދުރަށް ދާން ޖެހުނީ މިދިޔަ އަހަރުގެ މޭ މަހު ހާޓް އެޓޭކެއް ޖެހުމުންނެވެ.

"މިއަދަކީ އަހަރެންގެ ކުޅިވަރު ހަޔާތުގައި އެންމެ މުހިއްމު އަދި އެންމެ އުނދަގޫ އެއް ދުވަސް. އަލްވަދާއު ކިޔަންޖެހޭ ވަގުތު އަތުވެއްޖެ،" ކަސިޔަސް ޓްވީޓްކުރި އެވެ.

ރެއާލުގެ ޔޫތު ޓީމުން ތަމްރީންވެ ސީނިއާ ޓީމަށް 1999-2015 އަށް ކުޅެ އޭނާ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ސްޕެއިން ގައުމީ ޓީމަށް 2000-2016 އަށް ކުޅެ 2010ގެ ވޯލްޑް ކަޕާއި 2008 އާއި 2012 ގެ ޔޫރޯ ކާމިޔާބުކުރި އެވެ.

ކަސިޔަސް ރިޓަޔާކުރުމާ އެކު ރެއާލް މެޑްރިޑާއި ސްޕެއިނުގެ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން އަދި އޭނާގެ ވާދަވެރިން ވެސް އަންނަނީ އަލްވަދާއުގެ މެސެޖްތައް ސޯޝަލް މީޑިއާގައި ބަންޑުންކުރަމުންނެވެ.

ކަސިޔަސް ވަނީ ދާދި ފަހުން ސްޕެއިނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ފަހު، ކެންޑިޑެސީ އަނބުރާ ގެނެސްފި އެވެ. ކަސިޔަސް ބުނީ ނަން އަނބުރާ ގެންނަން ނިންމީ، މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ވަބާގެ ސަބަބުން ގައުމު މިވަގުތު އެއްބައިވަންތަކަމަށް ބޭނުންވެފައިވާތީ ކަމަށެވެ.