ޕޯޓޯ (މެއި 7) – ޕްރެކްޓިހުގައި ހުއްޓާ ހާޓް އެޓޭކެއް ޖެހުނު ޕޯޓޯގެ ސްޕެއިން ގޯލްކީޕަރު އިކާ ކަސިޔަސް ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ކަސިޔަސް ބުނީ ކުރިމަގާ މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. ޑޮކްޓަރު ބުނާ ގޮތުގައި ކަސިޔަސްގެ ރިކަވަރީގެ ހާލަތު ބެލުމަށްޓަކައި ތިން މަސް ދުވަސް ވަންދެއް ޓެސްޓްތައް ހަދަން ޖެހޭނެ ކަމަށެވެ. އެހެންވެ އޭނާ ދެން ކުޅޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ ވެސް އޭގެ ފަހުންނެވެ.

"މީގެ ދުވަސްކޮޅެއް ކުރިން އަހަރެން އުނދަގޫ ހާލަތެއް ތަހައްމަލުކުރިން. ހަޔާތުގެ ކޮންމެ ވަގުތެއްގައި ވެސް ވެދާނެ ކަމެއް އެއީ. އެކަމަކު ނަސީބު ރަނގަޅު ކަމުން އަހަރެންގެ ހާލަތު މިހާރު ރަނގަޅު،" ހޮސްޕިޓަލުގެ ބޭރުގައި މީޑިއާއާ ވާހަކަދައްކަމުން އޭނާ ބުންޏެވެ.

ކަސިޔަސް ވަނީ ޕޯޓޯގެ މެޑިކަލް ޓީމަށް ޝުކުރުއަދާކޮށްފަ އެވެ. ޕްރެކްޓިހުގައި ހުއްޓާ ހާޓް އެޓޭކް ޖެހުމުން، މެޑިކަލް ޓީމުން ދިން އަވަސް ފަރުވާގެ ސަބަބުން، އޭނާ އަށް ލިބުނު ގެއްލުން ކުޑަވި އެވެ.

އޭނާ ބުނީ ކުރިމަގާ މެދު އެއްޗެއް ބުނަން ނޭގުނު ނަމަވެސް، ހާލަތު ރަނގަޅުވެ ސަޕޯޓަރުންނާ ބައްދަލުވެވި ވާހަކަ ދައްކާލެވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ކަމަށްވާ ކަސިޔަސް ވަނީ ރެއާލް މެޑްރިޑަށް 16 އަހަރު ކުޅެ 725 މެޗު ކުޅެދީފަ އެވެ. އެ ޓީމާ އެކު އޭނާ ސްޕެނިޝް ލީގު ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކުރި އެވެ. މީގެ އިތުރުން ސްޕެއިނާ އެކު 2008 އާއި 2012 ގެ ޔޫރޯ އަދި 2010 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އެވެ.