ރޭ ބޭއްވި ރިވެލި އެވޯޑުގައި ތައުލީމީ ދާއިރާއިން އެވޯޑް ކާމިޔާބުކުރުމަށް ފަހު، ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖެއް ކަމަށްވާ، 21 އަހަރުގެ މުހައްމަދު މާއިޒް އެންމެ އަސަރާ އެކު ބުނީ އޭނާ އަށް ކުރެވޭ އިހުސާސް އާންމު މީހަކަށް އެނގޭނީ ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނު ދުވަހަކުން ކަމަށެވެ. އެ ޖަލްސާގައި ވާހަކަދައްކަން ލިބުނު ފުރުސަތުގައި މާއިޒް ވަނީ އޭނާގެ ހިތުގައި ހުރި ފުން އިހުސާސްތައް ބަންޑުކޮށްލައިފަ އެވެ.
މާއިޒް އަކީ ހއ. އިހަވަންދު އަށް އުފަން، އެ ރަށު ސްކޫލްގެ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންގެ ޑައިމަންޑް ކުލާހުގައި ކިޔެވި މޮޅު ދަރިވަރެކެވެ.
ހިނގާވެ ބިނގާވެ ނޫޅެވޭތީ ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހިފައިވާ މާއިޒް އަށް ރިވެލި އެވޯޑު ލިބުމާ އެކު އޭނާ ބުނީ އެއީ އޭނާގެ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ރޭ ކަމަށެވެ.
މާއިޒް ބުނީ ލޯތްބާއި އޯގާތެރިކަމަކީ ކޮންމެ އިންސާނަކު ވެސް ދިރިހުރުމަށް ބޭނުންވާ މުހިންމު އެއްޗަކަށް ވާއިރު، އޭނާ ކަހަލަ ކޮންމެ ކުއްޖަކަށް ވެސް މުޖުތަމައުގެ ތެރެއިން އެންމެންގެ އަޅާލުމާއި އިހުތިރާމު ބޭނުންވާ ކަމަށެވެ. އެކަމަކު ވަރަށް ހިތާމާ އެކު އޭނާ ބުނީ އަދިވެސް ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް މުޖުތަމައުގެ ތެރެއިން އިހުތިރާމު ނުލިބޭ ކަމަށެވެ.
"ކާކަށްތޯ އެނގޭނީ މާދަމާ ތި ބޭފުޅުންނަށް މިކަހަލަ ގޮނޑިއެއްގައި އިއްތާލަން ނުޖެހޭނެ ކަމެއް. ތިބޭފުޅުން މިފަދަ ގޮނޑިއެއްގައި އިންނަން ޖެހޭ ދުވަހަކުން ހިތަށް އަރާނެ އަޅުގަނޑުމެން މި އުފުލަނީ ކިހާ ބޮޑު ބުރައެއްކަން،،" މާއިޒް ބުންޏެވެ.
"ތިބޭފުޅުންނަށް މާތްﷲ ވަނީ ވަރަށް ބޮޑު ފުރުސަތެއް ދެއްވާފައި. އެއީ އަޅުގަނޑުމެންނަށް ހެޔޮ ގޮތުގައި ހިދުމަތްކުރުން. އެ ފުރުސަތު ހެޔޮ ގޮތުގައި ބޭނުންކޮށްފި ނަމަ، މާތްﷲ ގެ ވާގިފުޅާ އެކު މިފަދަ ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހޭ ދުވަހަކު، ތިބޭފުޅުންނަށް ލޯތްބާއި އޯގާތެރިކަމާއި އަޅާލުން ލިބޭނެ."
އިތުރަށް ކިޔަވަން ބޭނުންވޭ
ހާއްސަ އެހީ އަށް ބޭނުންވާ ކުދިން އުމުރުން 18 އަހަރު ވުމަށް ފަހު، ސްކޫލުތަކަށް ގޮސް ކިޔެވުމުގެ ފުރުސަތެއް ނުލިބެ އެވެ. މާއިޒްގެ އެންމެ ދެރަވާ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރީ އެކަމެވެ. އެހެން ކުދިންނެކޭ އެއްގޮތަށް، ސްކޫލް ނިމުމުން، އިތުރަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އެ ކުދިންނަށް ވެސް ބޭނުންވެ އެވެ.
"އަޅުގަނޑަކީ ސްކޫލަށް ދިޔަ ކުއްޖެއް އެކަމަކު ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި. އަޅުގަނޑުމެން ކިޔެވުމަށް ހުރީ ދަތި އަދި ހަނި ފުރުސަތުތަކެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މާއިޒް ބުންޏެވެ.
މާއިޒް އަށް އެންމެ ފުރަތަމަ ކިޔަވައިދިން ސެން ޓީޗަރު އަދި އިހަވަންދޫ ސްކޫލްގެ ދިވެހި ޓީޗަރު އައިމިނަތު ޝަޒްނާ "މިހާރު" އަށް ވިދާޅުވީ މާއިޒް އަކީ އިސްލާމާއި ހިސާބަށް ވަރަށް މޮޅު ދަރިވަރެއް ކަމަށެވެ. އަދި ވާހަކަދެއްކުންތެރި ކަމަކީ ވެސް މާއިޒްގެ ހުންނަ މޮޅު ހުނަރެއް ކަމަށެވެ.
"ލިޔެ ހަދަން މާއިޒް އަށް ތަންކޮޅެއް އުނދަގޫވޭ. އެކަމަކު ވެސް ގްރޭޑް 8 ގެ ފޮތް ބަޔާ ހަމަ އަށް ކިޔެވި އަޅުގަނޑު ޓީޗަރަކަށް ހުރި އިރު،" ފަސް އަހަރު މާއިޒްގެ ސެން ޓީޗަރަކަށް ހުންނެވި ޝަޒްނާ ވިދާޅުވި އެވެ.
"ހިސާބު އަދަދުތައް ވެސް ލިޔަން އެނގޭނެ. އިސްލާމުގެ ކޮންމެ ސުވާލެއް ކުރިޔަސް ރަނގަޅަށް ޖަވާބު ދޭނެ."
މާއިޒް އިތުރަށް ކިޔަވަން ބޭނުންވިޔަސް، އެ ފުރުސަތު މިހާރު ބަންދުވެފައި އޮތުން އޭނާ ވަނީ ވަރަށް ދެރަވާ ކަމަށް ބުނެފަ އެވެ. އަދި ރައީސް އާއި މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސަގާއި، އެ ފުރުސަތު ހޯދަދިނުމަށް އެދިފަ އެވެ.