ވަރަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖޯޑީ ފޮސްޓާ ފަސް ވަނަ ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވެއްޖެ އެވެ.
އޭނާ މި ފަހަރު ޑައިރެކްޓް ކުރަން ނިންމާފައި ވަނީ އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑްސްގެ ފޮރިން ލެންގުއޭޖް ފިލްމު ކެޓަގަރީ އަށް އައިސްލޭންޑުން ހުށަހަޅާފައިވާ ފިލްމު "ވުމަން އެޓް ވޯ" ގެ ރީމޭކެކެވެ.
މި ފިލްމު ހަދަނީ އެ ފިލްމު ގެނެސް ދިން ކުންފުނި ސްލޮޓް މެޝިން އާއި ޖޯޑީގެ ފިލްމު ކުންފުނި އެގް ޕިކްޗާޒްގެ ޖޮއިންޓް ވެންޗާ ޕްރޮޑަކްޝަނެއްގެ ގޮތުގަ އެވެ.
"ވުމަން އެޓް ވޯ" 56 އަހަރުގެ ބަތަލާ ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކުރުމުގެ އިތުރަށް ފިލްމުގެ ލީޑް ބަތަލާގެ ރޯލް ވެސް ކުޅޭނެ އެވެ.
މި ފިލްމުގައި ކިޔައި ދެނީ އެލްމިނިއަމް އިންޑަސްޓްރީއާ ދެކޮޅަށް މަސައްކަތް ކުރާ އަންހެން މިއުޒިކް ޓީޗަރެއްގެ ވާހަކަ އެވެ. "ވުމަން އެޓް ވޯ" އަކީ މި އަހަރު ބޭއްވި ކާން ފިލްމު ފެސްޓިވަލްގެ ކްރިޓިކްސް ވީކް ސެކްޝަންގެ އެންމެ މޮޅު ސްކްރިޕްޓްގެ މަގާމް ލިބިފައިވާ ފިލްމެކެވެ.
"ސައިލެންސް އޮފް ދަ ލޭމްބްސް" އާއި "ޓެކްސީ ޑްރައިވާ" އަދި "ދި އެކިއުޒްޑް" ފަދަ ފިލްމުތައް ކުޅެގެން މިހާތަނަށް ދެ އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ޖޯޑީ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2016 ގައި ރިލީޒް ކުރި ޖޯޖް ކްލޫނީ އާއި ޖޫލިއާ ރޮބަޓްސްގެ "މަނީ މޮންސްޓާ" އެވެ. އޭނާ ޑައިރެކްޓްފައިވާ ފިލްމުތަކުގެ ތެރޭގައި ދެން ހިމެނެނީ ދަ ބީވާ (2011)، ހޯމްސް ފޮ ދަ ހޮލިޑޭސް (1995) އަދި ލިޓްލް މޭން ޓޭޓް (1991) އެވެ.
ޖޯޑީ އެންމެ ފަހުން ކުޅުނު ފިލްމަކީ މި އަހަރުގެ މެއިގައި ރިލީޒް ކުރި "ހޮޓެލް އާޓެމިސް" އެވެ.
"ވުމަން އެޓް ވޯ" ގެ މަސައްކަތް ފަށާނެ އިރެއް ޖޯޑީ އަދި އިއުލާނެއް ނުކުރެ އެވެ.